ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ވަޒީފާ ގެއްލުނު މީހަކަށް އެއް މިލިޔަން ޑޮލަރު

އިރު އަރާ އޮއްސޭހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެސް އިންސާނެއްގެ ހަޔާތަށް ހީނުކުރާ ވަރުގެ ބޮޑު އިންގިލާބެއް އަތުވެދާނެ އެވެ. ނަވްނީތު ސަޖީވަން، 30، އަށް ވެސް ކުއްލިއަކަށް އޭނާގެ ނަސީބު އަތުގައި ހިފާފާނެ ކަމެއް ކުޑަކޮށް ހީކުރެވިފައެއް ނެތެވެ.

ކޮވިޑް-19 އިގެ ސަބަބުން އަދާކުރަމުންދިޔަ ވަޒީފާ ގެއްލުމުން ނަވްނީތު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދިޔައީ ވަޒީފާއެއް ހޯދާށެވެ. ނަމަވެސް ކުއްލިއަކަށް އެއް ދުވަހަކު އޭނާ ބޮޑު މިލިއަނަރަކަށްވެ ވަޒީފާއެއްގެ ބޭނުން ވެސް ކެނޑިއްޖެ އެވެ.

ސަޖީވަން އަކީ އިންޑިޔާގެ ކެރެލާގެ ރަށެއްގެ މީހެކެވެ. ފާއިތުވީ ހަތަރު އަހަރު ދުވަހުއްސުރެ އޭނާ ވަޒީފާ އަދާކުރަމުންދިޔައީ ޔޫއޭއީގެ އަބޫ ދާބީ ގައެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އޭނާގެ ކުންފުނިން މުވައްޒަފުން މަދުކުރިއިރު ސަޖީވަންއަށް ވެސް ވަނީ ކަނޑާލާ ކަމުގެ ނޯޓިސް ދީފަ އެވެ. އެހެންކަމުން އެހެން ވަޒީފާއެއް ހޯދުމުގެ މަސައްކަތް ސަޖީވަން ކުރަމުން ދިޔަ އެވެ. ސަޖީވަންގެ ނަސީބު އޭނާގެ އަތުގައި ހިފީ ޑުބައީ ޑިއުޓީ ފްރީގެ ނަސީބު ނަންބަރެއް ދިމާވެގެން އެއް މިލިއަން ޑޮލަރު އެއްފަހަރާ ލިބުނީމަ އެވެ.

ނަސީބު ނަންބަރު ދިމާވިކަން އެންގުމަށް ޑުބާއީ ޑިއުޓީ ފްރީން ސަޖީވަން އަށް ގުޅީ އޭނާ ޖޮބް އިންޓަވިއުއަކަށް ގޮސްފައި ގެޔަށް ދަނިކޮށެވެ. އެހިސާބުން އޭނާގެ ނަސީބު އަތުގައި ހިފީ އެވެ. ވަޒީފާއެއްގެ ހަގީގީ ބޭނުން ވެސް ކެނޑުނީ އެވެ. ސަޖީވަން އަށް އެއް މިލިއަން ޑޮލަރު ލިބުނު ޓިކެޓަކީ އޭނާ މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އޮންލައިންކޮށް ގަނެފައިވާ ޓިކެޓެކެވެ.

ސަޖީވަން ބުނި ގޮތުގައި އޭނާގެ ވަޒީފާ ގެއްލުނަސް އަންހެނުން އަދިވެސް އުޅެނީ ވަޒީފާގަ އެވެ. ވަޒީފާއެއް ނުލިބިއްޖެނަމަ އަނބުރާ ރަށަށް ދާން އޭނާ ހުރީ ޚިޔާލު ކޮށްގެންނެވެ.

ފާހަގަކޮށްލެވޭ އެއް ކަމަކީ ޑުބާއީގެ އެމްޑީޑީ މިލޭނިއަމް މިލިނައާ ޓިކެޓް ގަންނަ ފަރާތްތަކުގެ ތެރެއިން ނަސީބު ނަންބަރު ދިމާކުރާ މީހުންގެ ތެރޭގައި އިންޑިޔާ މީހުން ވަރަށް ގިނަ އެވެ. އިންޑިޔާ ރައްޔިތުންގެ ތެރެއިން ނަސީބު ނަންބަރު ދިމާވެގެން 171 މީހަކަށް އެއް މިލިއަން ޑޮލަރު މިހާތަނަށް ލިބިފައި ވެއެވެ. ސަޖީވަން އަކީ 171 ވަނަ އަށް މި ނަންބަރު ދިމާވި އެއް މިލިއަން ޑޮލަރު ލިބުނު މީހާ އެވެ.
މިލޭނިއަމް މިލިނައާ ޕްރޮމޯޝަން އަކީ 1999 އިން ފެށިގެން ޑުބާއީގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ޚަލީޖް ނިއުސް އަށް ދީފައިވާ އިންޓަވިއު އެއްގައި ސަޖީވަން ބުނީ އާއްމުކޮށް އޭނާ ގަންނަނީ އަބޫ ދާބީ ބިގް ޓިކެޓް އެވެ. މިއީ ވެސް ހަމަ ގިނަ އަދަދެއްގެ ފައިސާ ލިބޭ ޕްރޮގްރާމެކެވެ. ފާއިތުވީ ތިން އަހަރުއްސުރެ އެ ޓިކެޓް އޭނާ ގަންނަ ކަމަށް ސަޖީވަން ބުންޏެވެ.

"މިފަހަރު އަހަރެން ދެ މަސް ވަންދެން ފައިސާ އެއްކޮށްގެން ޑުބައީ ޑިއުޓީ ފްރީ ޓިކެޓް ގަތީ،" ސަޖީވަން ބުންޏެވެ. ސަޖީވަން ޑުބާއީގައި ދިރިއުޅެނީ އަންހެނުންނާއި އެއް އަހަރުގެ ދަރިފުޅާ އެކުގަ އެވެ.