ޗެލްސީ

ވެސްޓްހަމް ބަލިކޮށް ޗެލްސީ އެނބުރި ޓްރެކަށް

ޓަމީ އަބްރަހަމް ޖެހި ދެ ލަނޑާއެކު ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޗެލްސީން މޮޅުވުމުގެ ޓްރެކަށް އެނބުރި އައިސްފި އެވެ.

ޗެލްސީ މޮޅުވުމުގެ ރޭހަށް އެނބުރި އައީ، އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވުމަށް ފަހު އެވެ. ވެސްޓްހަމް އާ ދެކޮޅަށް މޮޅުވި މެޗަކީ ލީގްގެ ގަދަ ދިހައެއްގެ ހިމެނޭ ޓީމެއްގެ އަތުން މި ސީޒަންގައި އެ ޓީމު މޮޅުވި ފުރަތަމަ މެޗެވެ.

ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި ތިއާގޯ ސިލްވާ ކާމިޔާބު ކުރީ، މޭސަން މައުންޓް ދިން ފުރުސަތަކުންނެވެ. އަނެއް ދެ ލަނޑު އަބްރަހަމް ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު 15 މިނެޓް ތެރޭގަ އެވެ. ދެ ވަނަ ލަނޑު ޓިމޯ ވާނާ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިތާބު ކުރީ 78 ވަނަ މިނެޓްގަ އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ 80 ވަނަ މިނެޓްގަ އެވެ.

ޗެލްސީ މެޗުން މޮޅުވިޔަސް ކުޅުމުގެ ރިދަމްއެއް ނުފެނެ އެވެ. މެޗުން މޮޅުވެ ފްރޭންކް ލަމްޕާޑްގެ ޓީމުން ވަނީ ލަނޑުގެ ތަފާތުން ކުރި ހޯދައި ޓޮޓެންހަމް ހޮސްޕާ ފަހަތަށް ޖައްސާޅައި ފަސް ވަނަ އަށް އަރާފަ އެވެ.

"ދެ ބައްޔަށް ފަހު އަލުން އެނބުރި އަންނަނަށް މި މޮޅު އަހަރެމެންނަށް ބޭނުން ވެފައި އޮތީ،" މެޗަށް ފަހު ވާހަކަ ދައްކަމުން ލަމްޕާޑް ބުންޏެވެ. "އަހަރެމެންގެ ޑިފެންސް ގޭމް ވަރަށް ރަނގަޅު. އަހަންނަށް ޔަގީން ނުވާ ކަމަކީ އެއީ ރީތި ގޭމެއްތޯ ބުނަން. ކުޅުންތެރިން ރަނގަޅަށް މެޗުގެ ހާލަތަށް ވިސްނައިގެން މަސައްކަތް ކޮށްފި."

ބާންލީ އަތުން ބަލިވުމުން ވޯލްވާހެމްޓަން ވޮންޑާސްގެ ކޯޗް ނޫނޯ ސަންޓޯ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ. އޭނާގެ ހިތްހަމަނުޖެހުން ބަންޑުން ކޮށްލީ މެޗުގެ ރެފްރީ ލީ މޭސަން އަށެވެ. ސަންޓޯ ބުނީ ޕްރިމިއާ ލީގްގައި ރެފްރީކަން ކުރުމުގެ ކޮލިޓީއެއް މޭސަންގެ ކިބައިގައި ނެތް ކަމަށެވެ. ނޫނޯ ދެއްކި ވާހަކައަށް އޭނާއަށް އަދަބެއް ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެކެވެ.

މެޗުން މޮޅުވެ ބާންލީ ވަނީ ރެލިގޭޝަން ޒޯނުން އަރައިގެންފަ އެވެ. ބާންލީ މެޗު ކާމިޔާބު ކުރީ 2-1 ންނެވެ.