މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑްގެ ތާރީހީ ޑިފެންޑަރު ފިޓްޒްޕެޓްރިކް މަރުވެއްޖެ

މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހީ ކުޅުންތެރިޔާ ޖޯން ފިޓްޒްޕެޓްރިކް އުމުރުން 74 އަހަރުގައި މަރުވެއްޖެ އެވެ.

ސްކޮޓްލޭންޑަށް ނިސްބަތްވާ ޑިފެންޑަރު ވަނީ ޔުނައިޓެޑަށް 147 މެޗު ކުޅެދީ 10 ގޯލް ޖަހައިދީފަ އެވެ. ޔުނައިޓެޑްގެ އެންމެ ތާރީހީ ކުޅުންތެރިޔާއަށް އޭނާ ވެފައި ވަނީ، އިނގިރޭސި ލީގްގެ މެޗެއްގައި ޔުނައިޓެޑްގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗަށް ނުކުތް ފުރަތަމަ ކުޅުންތެރިޔާއަށް ވުމުންނެވެ.

އިނގިރޭސި ލީގަށް، ބަދަލު ކުޅުންތެރިންގެ ގަވާއިދު ތައާރަފް ކުރީ 1965 ގަ އެވެ. އެ އަހަރު އޮކްޓޯބަރު މަހު ޓޮޓެންހަމް ހޮޓްސްޕާސް އާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ޑެނިސް ލޯގެ ބަދަލުގައި ފިޓްޒްޕެޓްރިކް ކުޅެން ނުކުތެވެ.

އޭނާ ވަނީ 1964 ގެ ޔޫތު ކަޕް ޔުނައިޓެޑްގައި ހޯދާފަ އެވެ. އެ މުބާރާތުގައި އޭނާ އާއެކު ޔުނައިޓެޑްގެ ޓީމަށް މަޝްހޫރު ޖޯޖް ބެސްޓް ވެސް ކުޅެނެވެ.

އުމުރުން މަތި ނުވަނީސް، ފިޓްޒްޕެޓްރިކް ކުޅުން ހުއްޓާލަން ޖެހުނީ ކަކުލަށް ކުރިމަތިވި އަނިޔާއަކާ ގުޅިގެންނެވެ. އޭރު އޭނާގެ އުމުރުން 26 އަހަރެވެ.