މެސީ

ފުޓްބޯޅަ އުނދަގޫ ހާލަތަކަށް ވެއްޓިއްޖެ: މެސީ

ކޮވިޑް-19 އާ އެކު ކުރިމަތިވި ހާލަތުގެ ސަބަބުން ފުޓްބޯޅަ އުނދަގޫ ހާލަތަކަށް ވެއްޓިފައިވާ ކަމަށް، ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

މިދިޔަ ސީޒަންގެ ލަލީގާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދުމަށް ފަހު، "މާކާ" އަށް ދިން އިންޓަވިއުގައި މެސީ ބުނީ، ސަޕޯޓަރުންނާ ނުލައި މެޗުތައް ކުޅުމަކީ އަނދަގޫ ކަމެއް ކަމަށެވެ.

"ސަޕޯޓަރުންނާ ނުލައި ކުޅުމަކީ އުނދަގޫ ކަމެއް. ސްޓޭޑިއަމްގައި އެއްވެސް ސަޕޯޓަރަކު ނެތި ކުޅުމަކީ ރީތި ކަމެއް ނޫން، ހީވަނީ ޓްރެއިނިންގައި އުޅޭހެން. މެޗުގެ ކުރީކޮޅު ގޭމްގެ ތެރެއަށް ވަންނަށް ވެސް އުނދަގޫ ކަމަކަށް ވޭ. ކޮންމެ ޓީމެއް އިދިކޮޅަށް ނުކުތަސް ސަޕޯޓަރުންނާ ނުލައި ކުޅޭއިރު މޮޅުވުން ވަނީ އުނދަގޫ ކަމަކަށް،" މާކާގެ އިންޓަވިގައި މެސީ ބުންޏެވެ.

"މި ބަލިމަޑު ކަމުގެ ސަބަބުން ފުޓްބޯޅަ ވަރަށް ބޮޑަށް ބަދަލު ވެއްޖެ އަދި ފުޓްބޯޅަ ވެއްޓިގެން ދިޔައީ ވެސް އެންމެ އުނދަގޫ ހާލަތަށް. އަހަރެމެންނަށް އެކަން އެބަ ފެނޭ މެޗުތަކުގައި. މި ހާލަތު ނިމި ސަޕޯޓަރުންނާއެކު ދަނޑުގައި މެޗުތައް ކުޅެވޭނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރެވޭ."

އިންޓަވައިގައި މެސީ، ބުނީ ބާސާގެ ހާލަތު ވެސް ރަނގަޅު ވަމުން އަންނަ ކަމަށާއި މެޗަކަށް ފަހު މެޗަކުން ކުރިއެރުން ފެންނަމުންދާ ކަމަށެވެ. އެތުލެޓިކޯ ކުލަބު ބިލްބާއޯގެ ކުރީގެ ފޯވަޑް ރަފޭލް ޕިޗީޗީގެ ނަމަށް ނިސބަތް ކޮށް މާކާ އިން ދޭ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާަގެ އެވޯޑް މެސީ ހޯދީ ހަތް ވަނަ ފަހަރަށެވެ. އަށް ވަނަ ފަހަރަށް އެ އެވޯޑް ހޯދުމަށް ކިހާވަރަކަށް އުންމީދު ކުރެވޭތޯ ސުވާލު ކުރުމުން މެސީ ބުނީ، އޭނާގެ އުންމީދަކީ މި ސީޒަންގައި ލަލީގާގެ ޗެމްޕިއަންކަން ހޯދުން ކަމަށެވެ.