ހަބަރު

ޑރ. ޝަހީދަށް ގްލޯބަލް ލީޑަޝިޕް އެވޯޑް

އިންސާނީ ހައްގުތަކުގެ ދާއިރާއިން މަސައްކަތް ކުރާ ލީޑަރުންނަށް ދޭ ބައިނަލް އަގުވާމީ ލީޑަޝިޕް އެވާޑް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާ އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދަށް ލިބިވަޑައިގެންފި އެވެ.

ޔުނައިޓެޑް ނޭޝަންސް އެސޯސިއޭޝަން އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެންއޭ-ޔޫއެސްއޭ) އިން ދޭ މި އެވޯޑް ޝަހީދަށް ދެއްވާފައިވަނީ އިންސާނީ ހައްގުތަކުގެ ދާއިރާ އިން އޭނާ ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެެވެ.

މި އެވޯޑަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެންމެ ވަރުގަދަ ލީޑަރުންގެ ގޮތުގައި ކޮންމެ އަހަރަކު ހޮވޭ ފަސް ފަރާތަކަށް ޔޫއެންއޭ-ޔޫއެސްއޭ އިން ދޭ އެވޯޑެކެވެ.

ގްލޯބަލް ލީޑާސް އެވޯޑް މިއަހަރު ލިބޭ ފަރާތްތައް:

ޑރ. އަހުމަދު ޝަހީދު
އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކި މޫން
އެމެރިކާގެ ކޮބާނީ ކޮމްޕެނީސްގެ ޒުވާން ސީއީއޯ ހާމިދު އުލުކަޔާ
އދގެ ޔުނައިޓެޑް ނޭޝަންސް ފްރީ އެންޑް އީކުއަލް ކެމްޕެއިން
އެބޯލާއާ ދެކޮޅަށް މަސައްކަތް ކުރާ "އެފްރިކާ އެގެއިންސްޓް އެބޯލާ" އެވެ.

އެފަރާތްތަކަށް އެވޯޑް ދޭން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ނިއުޔޯކުގައި ބާއްވާ ހަފުލާއެއްގަ އެވެ.

ޑރ ޝަހީދަކީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާ އެއްގެ މަގާމަށް ވަޑައިގަތުމަށްފަހު އެގައުމުގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ.
އިރާންގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމަށް ޑރ. ޝަހީދު އައްޔަންކުރައްވާފައިވަނީ 2011 ގަ އެވެ.