ކުޅިވަރު

މޫނަށް ކުޅުޖެހި ތުރާމް ސަސްޕެންޑް ކޮށްފި

ހޮފެއިންހެއިމްގެ ޑިފެންޑަރު ސްޓެފަން ޕޯޝްގެ މޫނަށް ކުޅު ޖެހުމުން ބުރޫޝިއާ މޮންޗެންގުލެޖްބާކް ފޯވަޑް މާކޯސް ތުރާމް، ހަ މެޗަށް ސަސްޕެންޑް ކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހޮފެއިންހެއިމް އާ ދެކޮޅަށް ގުލެޖްބާކް ކުޅުނު މެޗުގައި، ތުރާމް އަތުން ބޯޅަ ހޯދަން، ޕޮޝް ކައިރިވުމުން ތުރާމް ވަނީ ޕޮޝްގެ މޫނަށް ކުޅު ޖާހަފަ އެވެ. އެކަން ވީއޭރްއިން ރިވިއު ކުރުމަށް ފަހު އޭނާއަށް ރަތް ކާޑު ދަނޑުން ފޮނުވާލި އެވެ. މެޗުން ގުލެޖްބާލް ބަލިވީ 2-1 ންނެވެ.

ހަ މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރަށް 40،000 ޔޫރޯއިން ވެސް ފްރާންސްގެ ފޯވަޑް ޖޫރިމަނާ ކުރި އެވެ.

ޖަރުމަންގެ ފުޓްބޯޅަ ފެޑްރޭޝަނުން ބުނީ ތުރާމްގެ ހަ މެޗުގެ ސަސްޕެންޝަންގެ ތެރެއިން ފަސް މެޗު އެޕްލައި ވާނީ ބުންޑެސް ލީގާގެ ފަސް މެޗަށް ކަމަށެވެ. އަނެއް އެއް މެޗު ސަސްޕެންޝަން އެޕްލައި ވަނީ އަންނަ އަހަރު ޑިސެމްބަރު 21، ގެ ކުރިން ޖަރުމަން ކަޕްގެ މެޗަކަށެވެ.

ފްރާންސަށް 1998 ގެ ވޯލްޑް ކަޕް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޑިފެންޑަރު ލިލިއަން ތުރާމްގެ ދަރިފުޅު މާކޯސް ތުރާމް ވަނީ އޭނާ ހެދި ގޯހަށް މާފަށް އެދިފަ އެވެ. އޭނާ ބުނެފައި ވަނީ އޭނާއަށް ދޭ ކޮންމެ އަދަބެއް ބަލައިގަންނާނެ ކަމަށެވެ.