ވާހަކަ

ކާޝް

(19ވަނަ ބައި)

އެޕާޓުމަންޓުގެ ބެލްގެ އަޑާއެކު ނަޖުމާއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. މާޒީގެ ހިތި ފަރުދާތައް އެއްފަރާތަށް ކަހައިލުމަށްފަހު އޭނާ ހިނގައިގަތެވެ. ދޮރާ ދިމާ އަށެވެ. ހިތުގައި ފުނި ޖެހެމުން ދިޔަ ހިޔާލުތަކާއި ޝަކުވާތަކުގެ މަތި އަޅައިލަމުންނެވެ. ދެ ލޯ ފޮހެލަމުންނެވެ.
ނަޖުމާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އޭނާއަށް ލިބުނު ސިހުމާއެކު ހިނިތުންވެވުނެވެ.
"ދައްތާ ކޮބާ ޝަމް؟" ދޮރުމަތީގައި ހިނިތުންވެލައިގެން ހުރީ ހިމޭޝްއެވެ.
ނަޖުމާ ބަލައިލީ ހިމޭޝްގެ މޫނަށެވެ. ދެތިން ފަހަރަކު ކަޅި ޖަހައިލަމުން ހިމޭޝަށް ބަލައިލިއެވެ. ދަންނަ މީހެއްހެން އޭނާއަށް ހީވާތީއެވެ.
"މި ހިމޭޝްއޭ، ދައްތައަށް ނޭނގުނީތަ؟" ހިމޭޝް ހިނިތުންވެލިއެވެ.
"ސުބުހާނަﷲ، ނޭނގުނޭ. ނޭނގޭނެއްނު އެހާ ބޮޑަށް ބަދަލުވީމަ، ކޮބައިތަ އައިނު؟" ނަޖުމާއަށް އަނގަމަތީ އަތްއެޅުނެވެ. "ހާދަ ފަލައެއް ވެސް ވެއްޖޭ، އެކަމަކު މިހާރު ވަރަށް ވަރަށް ރީތި."

ހިމޭޝަށް އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލިއެވެ. ހިމޭޝް މަޑުމަޑުން އެތެރެއަށް ވަނެވެ. އަތުގައި ހުރި ކޮތަޅުތައް ސޯފާގައި ބަހައްޓައިލަމުން ގޭތެރެއަށް ކަޅި އުކާން ފެށިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ފުނޑު ފުނޑުވެފައިވާ ޓީވީގެ ބައިތަކެވެ. އެތަން މިތަނަށް ބުރައިގެން ގޮސްފައިވާ އެތިކޮޅުތަކެވެ.

"މި ކޮންކަމެއް؟ އަނެއްކާ..." ހިމޭޝް ސުވާލުގެ ނަޒަރުން ބަލައިލީ ސީދާ ނަޖުމާގެ މޫނަށެވެ.
"ވަރަށް ރަނގަޅު ދަނޑިވަޅެއްގައި ހިމޭޝަށް ތި އާދެވުނީ. މިވަރަށް ބޮޑު ވާހަކައެއް. ވަރަށް ބޮޑު ކަންތައް ގަނޑެއް ހިނގަމުންދަނީ." ނަޖުމާ ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލިއެވެ.
"ކޮބާ ޝަމް؟ އޭނަ ގާތު ނުބުނެ މި އައީ ވެސް ސަޕްރައިޒެއް ދޭންވެގެން. މާލެ އެރިގޮތަށް ފޮށި ގެއަށް ލައިފަ މިގެއަށް މިއައީ." ހިމޭޝް ބަލައިލީ އައިޝަމްގެ ކޮޓަރިއާ ދިމާއަށެވެ.
ނަޖުމާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާ އިށީނީ ހިމޭޝްގެ ކުރިމަތީގައި ހުރި ސޯފާގައެވެ. އަތުގައިވާ އަސާގަނޑު އޭނާގެ ފައި ކައިރީގައި ބަހައްޓައިލިއެވެ.
"އަން، މި ނަޖުއްތައަށް ގެނައި ހަދިޔާއެއް. ނަޖުއްތައަށް ކަމުދާނެ ކަމަށް ހީކުރަން. މި އޮތީ ޝަމްއަށް އޮތް ހަދިޔާ." ހިމޭޝް އަތުގައިވާ ދެ ކޮތަޅުން އެއް ކޮތަޅު ނަޖުމާއަށް ދިއްކޮށްލިއެވެ.
"ޝުކުރިއްޔާ! ހެޔޮހިތުން ހެޔޮނިޔަތެއްގައިދޭ ކޮންމެ އެއްޗެއް ދައްތައަށް ކަމުދާނެ،" ނަޖުމާ ހިނިތުންވެލިއެވެ. "ހިމޭޝް ކަހަލަ މަދު ރަހުމަތްތެރިން ޝަމްއަށް ލިބުނީތީ ދައްތަ ޝުކުރުވެރިވަން."
"ޝަމްގެ ސަބަބުން އަހަރެންގެ ދިރިއުޅުން ބަދަލުވެއްޖެ. އަހަންނަށް އާ ދުނިޔެއެއް ފެނިއްޖެ،" ހިމޭޝް ހިނިތުންވެލަމުން ނަޖުމާގެ މޫނަށް ބަލައިލިއެވެ. "ނަޖުއްތައަށް އެނގޭތަ އަހަންނަށް މިހާރު އައިނު ނޭޅިޔަސް ވަރަށް ދުރު ފެނެޔޭ؟ އަހަންނަށް މިހާރު ކަންކަމާ ވަރަށް ބޮޑަށް ވިސްނޭ. ކަންކަމުގެ ހަފަރާތަށް ވިސްނޭ. މިހުރިހާ ކަމެއް ކޮށްދިނީ ޝަމް. އެއީ އިންސާނަކަށް ލިބިފައިވާ ބާރުތަކަށްވުރެ އިތުރު ބާރުތަކެއް ލިބިފައިވާ މީހެއް ޝަމް. އެހެންވީމަ ޝަމްއަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް އަހަންނަކަށް ނުވިސްނޭ."
ނަޖުމާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާ ބަލައިލީ ކުޑަދޮރާ ދިމާއަށެވެ. ފަޒާގެ ތެރެއިން އަލިކޮޅެއް ދަތުރުކޮށްފައި އަންނަ މަންޒަރު ފެނުމުންނެވެ.
"އެހެންވީމަ މިއީ ވަރަށް މުހިއްމު ވަގުތެއް. މިހާރު ހިނގަމުން މިދާ ހުރިހާ ކަމެއްގަ ޝަމްއަށް ވަރަށް ބޮޑު އެހީތެރި ކަމެއް ހިމޭޝްގެ ފަރާތުން ބޭނުންވާނެ. އެއްބާރުލުން ބޭނުންވާނެ. މިއީ ދިރުމާއި މަރާއި ގުޅޭ ކަމެއް. ޝަމްގެ ލައިފް." ނަޖުމާ ކަޅި ޖަހައި ނުލައި ބަލަން އިނދީ ކުޑަދޮރާ ދިމާ އަށެވެ.

ހިމޭޝް ދެބުމަ ކައިރިކޮށްލިއެވެ. ސުވާލުތަކުގެ ނަޒަރުން ނަޖުމާއަށް ބަލައިލިއެވެ. ނަޖުމާ ވެސް ހިމޭޝްގެ މޫނަށް ބަލައިލިއެވެ. ހިނގަމުންދާ ކަންކަމުގެ ވާހަކަތައް ހުލާސާކޮށް ހިމޭޝަށް ކިޔައިދިނެވެ. ނަޖުމާގެ ވާހަކަތައް އަޑުއަހަން ހިމޭޝް އިނީ ނޭވާ ހިފަހައްޓައިލައިގެންނެވެ. ނަޖުމާގެ ކޮންމެ ޖުމުލައަކުން ހިމޭޝްގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ދެ ލޯ ބޮޑުވަމުން މޫނުމައްޗަށް ތަފާތު ކުލަތައް އަރައިފައިބަމުން ދިޔައެވެ.

"ޝަމްގެ ކޮންމެ ކަމެއްގަ، ނަޖުއްތަގެ މި ކުޑަކުޑަ އާއިލާއަށް ދިމާވާ ކޮންމެ ކަމެއްގެ ފަހަތުގައި އަހަރެން ހުންނާނަން." ހިމޭޝް ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ހާދަ ރަނގަޅޭ. ދައްތަ މިއަދު ވަރަށް އުފާވެއްޖެ." ނަޖުމާ ހިނިތުންވެލިއެވެ.

ހިމޭޝް ހިމޭންވެލިއެވެ. ނަޖުމާގެ އިރުޝާދާއެއް ގޮތަށް އޭނާ ގޮސްވަނީ އައިޝަމްގެ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ނަޖުމާ ވެސް ކޮޓަރިއަށް ވަނެވެ. ކަންކުރާންވީ ގޮތް ނަޖުމާ އޮޅުންފިލުވާދިނެވެ. ހިމޭޝް ބަލައިލީ ސީދާ ނަޖުމާގެ މޫނަށެވެ. ހިމޭޝް ލޯތްބާއެކު ނަޖުމާގެ ކޮނޑުގައި ހިފައިލިއެވެ. އޭނާގެ މޫނާއި ދެ ތުންފަތުން ތަފާތު ވާހަކަތައް ނަޖުމާ ކިޔައިލިއެވެ.

"ވަރަށް އުފާވެއްޖެ. ދައްތަގެ ހިތުގައި އޮތް ޖެހިލުންވުމާއި ބިރުވެރިކަން އެކުގައި ފިލައިފި. ކޮންމެ ކަމެއް ވެސް ދިމާވާނީ ރަނގަޅަށޭ މީހުން ބުނަނީ ހަމަ ރަނގަޅަށް. ހިމޭޝް ތިޔަ އައީ އެންމެ މުނާސަބު ދަނޑިވަޅު." ނަޖުމާ ހިފައިލާ ހިމޭޝްގެ އަތްތިލައިގައެވެ.
"އަހަރެން މިހުރީ ނަޖުއްތަ ކިޔައިދިން ގޮތަށް ބޭރުގައި ހިނގާކަންކަން ބަލަން ތައްޔާރަށް. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް. މާބޮޑަށް ހާސްނުވޭ." ހިމޭޝް ހިތްވަރު ދިނީ ނަޖުމާއަށެވެ.

ނަޖުމާ މަޑުމަޑުން ކޮޓަރިން ބޭރަށް ނުކުމެލައި ދޮރު ކައިރިކޮށްލިއެވެ. އޭނާ ބޭރަށް ނުކުމެ ބަލައިލީ ކުޑަ ދޮރާ ދިމާއަށެވެ. އޭރު ދުރުން ފެނުނު އަލިކަން ފެންނާކަށް ނެތެވެ. ނަޖުމާ ހާސްވާ ގޮތްވިއެވެ. އޭނާ މޭ ތެޅިގަތެވެ. ގައިން ހީބިހި ނަގައިގަތެވެ. އެހެންވެ ނަޖުމާ ދިޔައީ ބެލްކަންޏާ ދިމާއަށެވެ. އޭނާ ބޭރަށް ނުކުމެ ފުން ނޭވާއެއް ދޫކޮށްލިއެވެ. މަޑުމަޑުން ވަށައިގެން ހޯދައިލިއެވެ.

އޭރު އައިޝަމްއާއި ވަރުޖީން ބެލްކަންޏަށް މަތިން ފައިބަނީއެވެ. އައިޝަމްގެ އަތްދަނޑި މަތީގައި އައިރީން އޮތެވެ. ހީވަނީ ނިދިފައި އޮތް ހެންނެވެ. އޭނާ ނޭވާލައެވެ. ލޯމެރިފައި އޮތަށް ކަޅި ހަރަކާތްކުރާކަން ފާހަގަވެއެވެ. ވަރުޖީންގެ އަތްދަނޑީގައި މިކާޝް އޮތެވެ. ނަޖުމާއަށް ކަޅި ޖަހައި ނުލައި ބެލުނީ މިކާޝްއާ ދިމާއަށެވެ. އައިޝަމްގެ ފަހަތުން ވަރުޖީން ތިރިއަށް ފޭބިއެވެ. ތިރިއަށް ފޭބުމާއެކު އޭނާ ހިނގައިގަތީ އައިޝަމްގެ ފަހަތުން ސިޓިން ރޫމާ ދިމާ އަށެވެ.

"މަންމާ!" އައިޝަމް ލޯބިން ފުރިގެންވީ ރާގެއްގައި ނަޖުމާއަށް ގޮވާލިއެވެ.
ނަޖުމާ އަވަސް ހިނގުމެއްގައި އެތެރެއަށް ވަނެވެ. އޭނާއަށް ދެވުނީ އަސާގަނޑު އެކި ތަންތަނުގައި ޖައްސަމުންނެވެ.
"މަންމާ!" އައިޝަމް އަނެއްކާ ވެސް ނަޖުމާއަށް ގޮވާލިއެވެ.

އޭރު އައިރީންއާއި މިކާޝް ސޯފާގައި ބާއްވައިފިއެވެ. އައިޝަމް ބަލައިލީ ސީދާ ވަރުޖީންގެ މޫނަށެވެ. ނަޖުމާ ގޮސް އިށީނދެލީ ސީދާ މިކާޝް ގާތުގައެވެ. އޭނާ ހަރަކާތްތައް އަވަސްވިއެވެ. އަވަސް އަވަހަށް މިކާޝްގެ ފުށްކިބައަށް ބަލައިލިއެވެ. ފުށްކިބައިގެ އެތަން މިތަނުގައި އަތްޖައްސަމުން ބަލަން ފެށިއެވެ. އޭރުވެސް މިކާޝް އޮތީ ނިދިފައި އޮތް ކަހަލަ ގޮތަކަށެވެ. އޭނާ ކޮންމެވެސް ވަރަކަށް ނޭވާ ލައެވެ.

"އައިރީން، ދަރިފުޅާ." ނަޖުމާ ބަލައިލީ އައިރީންގެ މޫނަށެވެ.

އޭރު އައިރީން ދެ ލޯ ހުޅުވާލިއެވެ. ކުއްލިއަކަށް އައިރީން ތެދުވެ އިށީނެވެ. އޭނާ އެތަން މިތަން ބަލާން ފެށިއެވެ. އެއްފަހަރު ނަޖުމާގެ މޫނަށެވެ. އަނެއް ފަހަރު މިކާޝްގެ މޫނަށެވެ. ދެވަނަ ސިކުންތުގައި އައިޝަމްގެ މޫނަށެވެ.

"ކިހިނެއްވީ؟" އައިޝަމް ބުނެލިއެވެ.

ނަޖުމާ ހިފައިލީ އައިރީންގެ އަތުގައެވެ. ލޯބިން ފުރިގެންވާ ގޮތަކަށް އައިރީން ހިފައިލީ ނަޖުމާގެ ދެ އަތުގައެވެ. އަވަސް އަވަހަށް އޭނާ ނަޖުމާގެ ގައިގައި އޮޅުލައިގަތެވެ. އައިރީންއާ ނަޖުމާ އެކަކު އަނެއްކަކުގެ ގައިގައި އޮޅުލަމުން ރޮމުން ދިޔައެވެ. އެގޮތުގައި ހިނދުކޮޅެއް ފާއިތުވެ ދިޔައެވެ. ހީވީ އެތައް ދުވަހެއް ފަހުން ދަރިއަކު ދިމާވެގެން އުފަލުން އުޅޭ ހެންނެވެ.

"މަންމާ." އައިރީން އަޑުކުރެހެމުން ދިޔައެވެ.
"ދަރިފުޅާ. ދެރަނުވޭ. ހާސްނުވޭ. އެއްވެސް ނުރައްކަލެއް ދެން ކުރިމައްޗެއް ނުވާނެ." ނަޖުމާ ހިތްވަރު ދެމުން އައިރީންގެ ބުރަކަށީފައި ފިރުމަމުން ދިޔައެވެ.
"މަންމާ މިކާޝް." އައިރީން ބަޑި ފަޅައިގެން ދިޔައެވެ.
"އާން ދަރިފުޅާ." ނަޖުމާ ވެސް ރޯން ފެށިއެވެ.

ނަޖުމާއާއި އައިރީންގެ ހަރަކާތްތަކަށް ބަލަންތިބި އައިޝަމްއާއި ވަރުޖީން ތިއްބެވެ. އެކަކު އަނެއްކަކަށް ބަލައިވެސް ނުލައި ސީދާ ނަޖުމާމެންގެ ހަރަކާތްތަކަށް ބަލާށެވެ.

ހިނދުކޮޅެއް ފަހެވެ. ނަޖުމާއާއި އައިރީން ހަމައަކަށް އެޅުނެވެ. ދެމީހުން ދެމީހުންނަށް ކަރުނަތައް ފޮހެލަ ދެމުން އެކަކު އަނެއްކަކަށް ހިތްވަރުދޭ ގޮތަށް ބަލަމުން ދިޔައެވެ.

"މަންމާ! މިކާޝް އެއީ މަންމަގެ ދަރިފުޅު." އައިރީންއަށް ބުނެވުނީ އެހައި ހިސާބަށެވެ.

އަނެއްކާ ވެސް އައިރީންގެ ބަޑި ފަޅައިގެން ދިޔައީއެވެ. އެހެނަސް މި ފަހަރު އޭނާ ރޮމުން ގިސްލަމުން ވެސް ވާހަކަދެއްކޭތޯ އުޅުނެވެ. އެއްފަހަރު ނަޖުމާގެ މޫނަށް އަނެއް ފަހަރު މިކާޝްގެ މޫނަށް ބަލައިލައެވެ.

"އާނ! މަންމައަށް ވެސް އެނގިއްޖެ، ޔަގީން ވެސް ވެއްޖެ." ނަޖުމާ ވެސް އައިރީންގެ މޫނުގައި ދެއަތުން ފިރުމަމުން ބުނެލިއެވެ.
"އޭނާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަތައް އަހަންނަށް ކިޔައިދީފި. މަންމަ ހޯދުމަށް ޓަކައި އުފުލި ބުރަތަކާއި ވީ ގުރުބާންތައް އަހަންނަށް ކިޔައިދީފި. ލިބުނު އަނިޔާތަކުގެ ވާހަކަ ވެސް ބުނެދީފި. މަންމާ އޭނާ ދެން..." އައިރީނަށް ގިސްލެވޭ ވަރު އިތުރުވިއެވެ.
ނަޖުމާ ބަލައިލީ ސީދާ އައިޝަމްގެ މޫނަށެވެ. އައިޝަމް ބަލައިލީ ވަރުޖީންގެ މޫނަށެވެ.
"ކަލޭ ބޭނުމީ ކޮން ގޮތެއް؟" އައިޝަމް ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ.

އައިޝަމްގެ ދެ އަތް މުށްކަވާލިއެވެ. އޭނާގެ ކަތުރުކަށިގަނޑާ ދިމާއިން މޫނުމަތީގެ މަސްތައް ހަރަކާތްކޮށްލިއެވެ.

"އަހަންނަށް މަޢާފުކުރޭ. އަހަރެން މަރުވާކަށް ބޭނުމެއް ނޫން." ވަރުޖީން ދެރަވާކަމަށް ހެދުނެވެ.
"ދެން ކިހިނެއް މިކާޝް ހޭއަރާނީ؟" ނަޖުމާ ކޮށްޅަށް ތެދުވިއެވެ. "ކަލޭ ބުނީމެއްނު ކަލޭ މަރުވީމަ ނޫނީ މިކާޝްއެއް ހެއެއް ނާރާނޭ. އައިރީން ހޭ އެރީ ކަލޭއާ އެކު އުޅުނު އަނެއް މަކަރުވެރިޔާ މަރުވީމައޭ."
"އާނ، އެކަމަކު އަހަރެން މަރުވާކަށް ބޭނުމެއް ނޫން." ވަރުޖީން ގުދުވެލީ ސީދާ އައިޝަމްގެ ފަޔާ ދިމާއަށެވެ.
އޭނާ ތިރިވެލަމުން އައިޝަމްގެ ދެ ފައިގައި ހިފާ ގޮތް ދައްކައިލިއެވެ. އައިޝަމަށް ހުރެވުނީއެވެ. ސީދާ އެ ހުރި ގޮތަށެވެ. އޭނާ ދަތްޕިލަ ޖައްސާ ބާރުކޮށްލަމުން މުށަށް ބާރުކޮށްލިއެވެ. ނަޖުމާ މަޑުމަޑުން ހިނގައިފައި އައިސް އައިޝަމްގެ ކުރިމަތީގައި ހުއްޓިލިއެވެ. އޭނާ އުޅުނީ އަތުގައި އޮތް އަސާގަނޑުން ވަރުޖީންގެ ގައިގައި ޖައްސާށެވެ. އޭނާ އަސާގަނޑު ހިއްލައި އިރަށް އައިޝަމް ނަޖުމާގެ އަތުގައި ހިފިއެވެ.
"ނޫން މަންމާ، އެހެން ގޮތެއް އޮވެދާނެ." އައިޝަމް ހިންދިރުވާލިއެވެ.

އައިޝަމްގެ ވާހަކަ ނުނިމެނީސް ވަރުޖީން ހިފައިލީ އައިޝަމްގެ ފައި ތިލައިގައެވެ. އޭނާ ލަސްލަހުން ދެ އަތް މައްޗަށް ހިއްލައިލަމުން އައިޝަމްގެ ކުޑަ ކަޅުވާއާ ދިމާގައި ހިފައި ކުޑަކަޅުވާއަށް ބާރުކޮށްލިއެވެ. އެއާއެކު އައިޝަމުގެ ބޮލަށް ގޮތްތަކެއް ވާން ފެށިއެވެ. ވަރުޖީން ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު އައިޝަމްގެ ފުރަގަހަށް ދެމިގަނެ އޭނާގެ ބާރުވެރިކަމުގެ ދަށަށް އައިޝަމް ގެނައެވެ. އޭރު އައިޝަމްގެ ބޮލަށް އެރި ތަދާއެކު އޭނާ ދެ ލޯ މެރެމުން ދިޔައެވެ. ވަރުޖީން ފުރުސަތުގެ ބޭނުން ހިފައި އައިޝަމްގެ ގުޑައި ނުލެވޭނެހެން ހައްޔަރުކޮށްލިއެވެ. (ނުނިމޭ)