އާސެނަލް

އާސެނަލް އޮތީ އުނދަގޫ ހާލަތެއްގައި: އާޓެޓާ

އިނގިރޭސި ލީގް ކަޕްގައި، މެންޗެސްޓާ ސިޓީ އަތުން 4-1 ން ބަލިވެ، އާސެނަލް އުނދަގޫ ވަޅުގަނޑަކަށް ވެއްޓިފައިވާ ކަމަށް އެ ޓީމުގެ ކޯޗް މިކަލް އާޓެޓާ ބުނެފި އެވެ.

ލީގް ކަޕް މެޗަށް، އާޓެޓާ ނެރުނީ އޭނާގެ ދެ ވަނަ ޓީމެވެ. މެޗުން ފުރުސަތު ދިން ގޯލްކީޕަރު އެލެކްސް ރަނާސަންގެ މިސްޓޭކުތަކެއް ފެނުނު މެޗުގައި ގެބްރިއަލް ޖެސޫސް ޖެހި ސިޓީގެ ފުރަތަމަ ލަނޑުގައިވެސް އައިސްލެންޑްގެ ކީޕަރުވެސް ގޯސް ހެދިތަން ފެނުނެވެ. އޭގެ ފަހުން ސިޓީގެ ދެ ވަނަ ލަނޑު ރިޔާދު މަހްރޭޒް ކާމިޔާބު ކުރީވެސް ރަނާސަން އަށް ހެދުނު ގޯހަކުންނެވެ. ސިޓީގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރި ފިލް ފޯޑެން އާއި ލަޕޯޓެ އެވެ. އާސެނަލްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ އެލެގްޒެންޑާ ލަކެޒެޓް އެވެ.

ރޭގެ މެޗަކީ އާޓެޓާގެ ޓީމަށް އުނދަގޫ ގިނަ ހާލަތެއް ކުރިމަތިވި މެޗެކެވެ. އާސެނަލްގެ ހަމައެކަނި ލަނޑު ޖަހަން އެލެގްޒެންޑާ ލަކެޒެޓަށް ފުރުސަތު ތަނަވަސް ކޮށްދިން ގެބްރިއަލް މާޓިނެލީގެ ކަށިމައްޗަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވުމުން އޭނާ ބަދަލު ކުރަން ޖެހުނެވެ.

އެ ހުރިހާ ކަންކަމަށް ވުރެ ބޮޑަށް މެޗުން، އާސެނަލް ބަލިވީ ސިޓީގެ ޓީމާ އަޅާ ކިޔޭނެ ކޮލިޓީ އާޓެޓާ މެޗަށް ނެރުނު ޓީމުގައި ނެތުމެވެ.

"އަހަރެމެން މިއޮތީ ވަރަށް އުނދަގޫ ހާލަތަކަށް ވެއްޓިފައި،" މެޗަށް ފަހު ވާޙަކަ ދައްކަމުން އާޓެޓާ ބުންޏެވެ. މިއީ އަނެއްކާވެސް ވަރަށް ހިތްދަތި ވަގުތެއް، އަހަރެމެން ކޮޅަށް ވަދެގެން ދިޔައީ ވަރަށް ފަސޭހަ ގޯލެއް އަދި އެވެސް އެއީ މެޗުގެ އެހާ ކުރީ ކޮޅު. ނަމަވެސް އަހަރެމެން ލަނޑެއް ޖަހައި ކުޅުން ރަނގަޅު ކުރިން. އޭގެފަހުންވެސް އަހަރެމެން ކޮޅަށް ފަސޭހަ ގޯލްތަކެއް ވަދެގެން ދިޔަ.

"އިދިކޮޅަށް އެފެންވަރުގެ ޓީމުތަކެއް ކުޅޭއިރު އެހާ ފަސޭހަ ގޯލްތަކެއް ވަންނަން ފުރުސަތު ދިނުމަކީ މެޗުގެ ތެރެއަށް އެނބުރި އަންނަން އުނދަގޫ ކުރިމަތިވާނެ ކަމެއް."

އާޓޭޓާ ބުނީ، ޓީމުގެ އެއް ވަނަ ކީޕަރު ބާންޑް ލިނޯގެ ބަދަލުގައި ރަނާސަންއަށް ފުރުސަތު ދިނީ ލިނޯއަށް އަރާމުކުރަން ވަގުތު ބޭނުން ވާތީ ކަމަށެވެ.