ކުޅިވަރު

ފިއޮރެންޓީނާ އިން ޔުވެންޓަސް ބަލިކޮށްފި

ފިއޮރެންޓީނާ އަތުން 3-0 ން ބަލިވެ ޔުވެންޓަސް ސެރީ އާގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

މެޗުގެ ބޮޑު ބައެއް ޔުވެންޓަސް ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މެޗުގެ 18 ވަނަ މިނެޓްގައި އެ ޓީމުގެ ހުއާން ކުއެޑްރާޑޯއަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ.

ފިއޮރެންޓީނާއިން ފުރުތަމަ ލަނޑު ލަނޑު ޖެހީ މެޗުގެ ތިން ވަނަ މިނެޓްގަ އެވެ. އެ ލަނޑު ޑޫސަން ވުލްހޮވިޗް ކާމިޔާބު ކުރީ ފުރޭންކު ރިބެރީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ފިއޮރެންޓީނާގެ ދެ ވަނަ ލަނޑަކީ ޔުވެންޓަސްގެ އެލެކްސް ސެންޑްރޯ އަތުން ބައިކޮޅާށް ވަން ލަނޑެކެވެ. ފިއޮރެންޓިނާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ހޯޒޭ މާޓިން ކެސަރޭސް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗް އެންޑްރެއާ ޕިރްލޯ ބުނީ، ޔުވެންޓަސްގެ ކުޅުންތެރިން މެޗަށް ގެންގުޅުނީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. ޕިރްލޯ ބުނީ، ޗުއްޓ ކުރިމަތީގައި އޮތުމުން ކުޅުންތެރިން މެޗަށް ދިޔައީ ޗުއްޓިއާ މެދު ވިސްނަމުން ކަމަށެވެ.