އަންނަ އަހަރަށް ފަސް ކޮށްފައިވާ އޮލިމްޕިކްސް ގޭމްސް އާ ގުޅޭ ކޮވިޑް ހަރަދުތަކަށް ގޭމްސް ބާއްވާ ގައުމު ޖަޕާނުން 900 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ހަމަޖައްސައިފި އެވެ.
ޖަޕާންގެ ވެރިރަށް ޓޯކްޔޯގައި ބާއްވާ އޮލިމްޕިކްސް ގޭމްސް ކުރިން ބާއްވަން އޮތީ މިއަހަރު އެވެ. އަވަށްޓެރި ޗައިނާއިން ފެނުނު ކޮވިޑް-19 ގެ އަސަރުކޮށް އަންނަ އަހަރަށް ދުނިޔޭގެ އެންމެ ބޮޑު މަލްޓި ސްޕޮޓްސް ކުޅިވަރު މުބާރާތް ފަސް ކުރަން ޖެހުނީ އެވެ. ކޮވިޑާ ގުޅިގެން މުބާރާތް ފަސް ކުރަން ޖެހުމާއި އަދި މުބާރާތުގެ އެހެނިހެން އިންތިޒާމުތަކަށް ޖުމުލަ 15.4 ބިލިއަން ޑޮލަރު ޖަޕާނުން ހަރަދު ކުރާނެ ކަމަށް ގޭމްސް އިންތިޒާމު ކުރާ ކޮމިޓީން ބުނެ އެވެ.
ގޭމްސް ބާއްވަން ހަރަދު ވާނެ ކަމަށް މިދިޔަ އަހަރު އަންދާޒާ ކުރެވިފައި ވަނީ 12.6 ބިލިއަން ޑޮލަރެވެ. މާނަ އަކީ މިހާރު ގޭމްސް ބާއްވަން ހިނގާ ހަރަދު 22 ޕަސަންޓް އުފިލިފައިވާ ކަމެވެ. އެ ހަރަދުތައް އުފުލުނީ ކޮވިޑާ ގުޅިގެން އަޅަން ޖެހުނު ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާ ގުޅިގެންނެވެ.
"އަހަރެމެން ބޭނުން ވަނީ އެންމެ ރަނގަޅު ސިސްޓަމް ބިނާ ކުރަން ދާއިރާގެ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ގޮތަށް،" ކޮވިޑާ ގުޅިގެން އަޅާ ފިޔަވަލުތަކުގެ މައުލޫމާތު ދެމުން ގޭމްސްގެ ޗީފް އެގްޒެކެޓިވް ޓޮށިރޯ މުޓޯ ވިދާޅުވި އެވެ. "މިހާރު އޮތް ހާލަތުގައި އެކަށީގެންވާވަރުގެ ސިއްހީ ހިދުމަތްތެރިން ހޯދުން އަދިވެސް މިވަނީ އުނދަގޫ ކަމަކަށް ވެފައި، ސިއްހީ ހިދުމަތްދޭ ޕްރައިވެޓް ކުންފުނތަކަށް ކޮވިޑާ ގުޅިގެން ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވެފަ."
އޮލިމްޕިކްސް ގޭމްސް އަންނަ އަހަރަށް ފަސް ކުރުމަށް ނިންމީ މި އަހަރު މާޗް މަހު އެވެ. ޖަޕާންގެ ބޮޑު ވަޒީރު ޔޮށިންޑީ ސުގާ ކުރިން ވިދާޅުވީ ކޮންމެ ހަރަދެއް ކޮށްގެންވެސް އޮލިމްޕިކް ގޭމްސް ބާއްވަން ތައްޔާރަށް އޮތް ކަމަށެވެ. އޮލިމްޕިކްސް ގޭމްސް އޮންނާނީ އަންނަ ޖުލައި 23 ން އޯގަސްޓް އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.