ސްޓޯކް ސިޓީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، 12 އަހަރު ވަންދެން ތައްޓެއް ނުލިބި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ލީގް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށް ތައްޓެއް ހޯދުމުގެ ރޭހުގެ ފުރަތަމަ މަރުހަލާ ކަޑަތު ކޮށްފި އެވެ.
ސްޕާސްއިން އެންމެ ފަހުން ހޯދި ތައްޓަކީ، 2008 ވަނަ އަހަރު ހޯދި ލީގް ކަޕްގެ ތައްޓެވެ. ސްޕާސްގެ ކޯޗް ހޯޒޭ މޮރީނިއޯ ވަނީ ލީގް ކަޕްގެ މެޑަލް ތިން ފަހަރު ކަރުގައި އަޅާފަ އެވެ. ސްޕާސްއަށް 12 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދައި ދޭން އުންމީދު ކޮށްގެން ހުރި މޮރީނީއޯ ބުނީ ލީގް ކަޕްގެ ތަށި ހޯދަން ވަރަށް ވަރުގަދަ ދެ މެޗު ކާމިޔާބު ކުރަންޖެހޭ ކަމަށެވެ.
އެންމެ ފާހަގަ ކުރެވޭ ކަމަކީ، އެއް މަހަށް ފަހު ފުރަތަމަ 11 އިން ޑެލީ އަލީއަށް ފުރުސަތު ދިނުމެވެ. މެޗުގައި ބޭލްއަށް ވެސް ފުރަތަމަ 11 އިން ފުރުސަތު ދިނެވެ. ސްޕާސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީވެސް ބޭލް އެވެ.
އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ބޭން ޑެވީސް އަދި ހެރީ ކޭން އެވެ. ސްޓޯކްގެ ލަނޑު ކާމިޔާބު ކުރި ޖޯޑަން ތޮމްސަން އެވެ.
އެވަޓަންގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި މެންޗެސްޓާ ޔުނައިޓެޑް ވެސް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފަ އެވެ. ސެމީ ފައިނަލުގައި ޔުނައިޓެޑް ނުކުންނާނީ ވާދަވެރި މެންޗެސްޓާ ސިޓީ އާ ދެކޮޅަށެވެ. ޔުނައިޓެޑްގެ ދެ ލަނޑު ވެސް ކާމިޔާބު ކުރި މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ. ފުރަތަމަ ލަނޑު 88 ވަނަ މިނެޓްގައި އެޑިންސަން ކަވާނީ ކާމިޔާބު ކުރީ އެންތޮނީ މާޝިއަލް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު އެންތޮނީ މާޝިއަލް ކާމިޔާބު ކުރީ މެޗުގެ އިތުރު ވަގުތުގެ ހަ ވަނަ މިނެޓްގަ އެވެ.
ސްޕާސް އާ ދެކޮޅަށް ސެމީ ގައި ނުކުންނާނީ ނިއުކާސަލް ބަލިކޮށް ސެމީއަށް ދަތުރު ކުރި ބްރެންޓްފޯޑް އެވެ.