ބޮލީވުޑް

ސާރާ ދެކެ އެކްޓަރުން އެހާ ބިރު ގަންނަނީ ކީއްވެ؟

ސާރާ އަލީ ޚާން އާއެކު ފިލްމު ކުޅޭއިރު ވަރަށް ސަމާލުވެގެން ހުރުމަށް ތިން އެކްޓަރަކު އޭނާއަށް މެސެޖުކޮށްފައި ބުނި ކަމަށް ވަރުން ދަވަން ބުނެފި އެވެ. ވަރުން މިހެން ބުނީ ސާރާއާއެކު ވަރުން ކުޅެފައިވާ "ކޫލީ ނަންބަރު 1" ޕްރޮމޯޓް ކުރުމުގެ ގޮތުން ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ބައިވެރިވެ ވާހަކަ ދައްކަމުންނެވެ.

ވަރުން ބުނީ ކާރްތިކް އާރްޔަން އާއި އަޔުޝްމާން ކުރާނާ އަދި ވިކީ ކޯޝަލް އޭނާ އަށް މެސެޖުކޮށްފައި ސާރާ ކިބައިން ސަލާމަތްވެގެން ހުންނަން އިންޒާރު ކުރި ކަމަށެވެ.

"ވިކީ، ކާރްތިކް އަދި އަޔުޝްމާން ވެސް އަހަންނަށް މެސެޖު ކޮށްފައި ސާރާ އާއެކު މަސައްކަތް ކުރާއިރު ސަމާލުވައްޗޭ،" ވަރުން ބުންޏެވެ.
ނަމަވެސް ސާރާ އާމެދު ސަމާލުވާން ވަރުން ކައިރީ އެކްޓަރުން ބުނީ އޭނާގެ ގޯސް ސިފަތަކެއް ހުރެގެން ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ވަރުން މި ވާހަކަ ދެއްކީ ވެސް ވަރަށް މަޖާ ރާގަކަށް ކަމަށް ވާތީ އެވެ.

ސާރާ އަކީ ހުރިހާ އެކްޓަރުންނާ ވެސް ގުޅޭ އެންމެންނާ ވެސް ސަކާރަތްޖަހާ މަޖާ ކުރާ ބަތަލާ އެކެވެ. އަދި އޭނާ ކިޔާ ބަނދިތައް މަޖާ ކަމުން ވަރަށް ގިނަ މީހުން ހީނ ހީނ ބަނޑުގައި ގޮއްލާވަރު ވެއެވެ.

ސާރާ ބޮލީވުޑަށް ނުކުތީ ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ "ކޭދާރްނާތު" އިން ސުޝާންތު ސިންގް ރާޖްޕޫތު އާ އެކުގަ އެވެ. އޭގެ ފަހުން ކާރްތިކް އާރްޔަން އާއެކު "ލަވް އާޖް ކަލް" އަދި ރަންވީރު ސިންގް އާއެކު "ސިމްބާ" ކުޅެފައި ވެއެވެ. މިހާރު ސާރާ ޝޫޓްކުރަމުން ދަނީ "އަތުރަންގީ ރޭ" އެވެ. މި ފިލްމުގެ ބަތަލުންނަކީ އަކްޝޭ ކުމާރާއި ދަނުޝް އެވެ.

ސާރާ އާއި ވަރުންގެ "ކޫލީ ނަންބަރު 1" އަކީ 1995 ގައި ހަމަ މި ނަމުގައި ޑޭވިޑް ދަވަން ޑައިރެކްޓްކުރި ފިލްމެއްގެ ރިމޭކް އެކެވެ. އޮރިޖިނަލް ފިލްމުގައި ލީޑް ރޯލު ކުޅެފައިވަނީ ގޯވިންދާ އާއި ކަރިޝްމާ ކަޕޫރެވެ.