ކުޅިވަރު

ޓްރިޕިއާ 10 ހަފުތާއަށް ސަސްޕެންޑް ކޮށްފި

އެތުލެޓިކޯ މެޑްރިޑްގެ އިނގިރޭސި ޑިފެންޑަރު ކިއެރަން ޓްރިޕިއާ ގުޅޭ ބެޓިން މައްސަލައެއްގައި 10 ހަފުތާއަށް އޭނާ ސަސްޕެންޑް ކޮށްފި އެވެ.

އިނގިރޭސި އެފްއޭއިން، ޓްރިޕިއާ އާ ދެކޮޅަށް އެޅި ފިޔަވަޅާ ގުޅިގެން، ފެބްރުއަރީ މަހުގެ ނިޔަލަށް އޭނާއަށް އެއްވެސް މެޗެއް ނުކުޅެވޭނެ އެވެ. އެތުލެޓިކޯގެ މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެ އެވެ. ކޮޕަ ޑެލްރޭ، ލަލީގާ އަދި ޗެމްޕިއަންސް ލީގްގައި އެތުލެޓިކް ކުލަބު ބިލްބާއޯ، ސެވިއްޔާ، ސެލްޓަވީގޯ، ގުރަނާޑާ، ވިޔަރެއާލް އަދި ޗެލްސީ އާ ދެކޮޅަށް އޭނާއަށް ނުކުޅެވޭނެ އެވެ.

ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައި ވުމުން، އެތުލެޓިކޯގެ ޓްރޭނިންގައި ވެސް އޭނާއަށް ބައިވެރި ނުވެވޭނެ އެވެ. މި ސީޒަންގައި އައުޓްފީލްޑް ކުޅުންތެރިންގެ ތެރެއިން އެތުލެޓިކޯގެ ހުރިހާ މެޗެއްގައި ކުޅުނު ހަމަ އެކަނި ކުޅުންތެރިޔަކީ ޓްރިޕިއާ އެވެ.

ޓްރިޕިއާގެ ބޭން އާ ބެހޭގޮތުން އެތުލެޓިކޯއަށް އެނގުނު އެއްޗެއް އަދި އެނގިފައި ވަނީ އިނގިރޭސި އެފްއޭގެ ވެބްސައިޓުންނެވެ. ސްޕެއިންގެ ކުޅިވަރު ނޫސް މާކާ އިން ބުނީ، ސްޕެއިންގެ ރޯޔަލް ފުޓްބޯލް ފެޑްރޭޝަންގެ ބަހަކަށް، އެތުލެޓިކޯއިން ވަކި ގޮތެއް ނުނިންމާ މަޑު ކޮށްގެން ތިބި ކަމަށެވެ. ފީފާގެ ސްޓޭމްޕް އެ ލިޔުމެއްގައި ޖަހާފައި ވާނަމަ، ފީފާގެ ކޮންމެ މެންބަރު ގައުމަކަށް އެއާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ އެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ މިދިޔަ އަހަރު ޖުލައި މަހު ޓޮޓެންހަމް ހޮޓްސްޕާސްއިން އެތުލެޓިކޯ މެޑްރިޑަށް އޭނާ ބަދަލުވުމުގައި އޭނާގެ ޓްރާންސްފާއަށް ބެޓް ކުރި ފަރާތްތަކަށް މައުލޫމާތު ފޯރު ކޮށްދީފައިވާ ކަމަށް ކުރެވޭ ތުހުމަތެވެ. ބައެއް ގައުމުތަކުގައި ބެޓިން ކުރުން މަނާ ކޮށްފައިވީ ނަމަވެސް މެޓީރިއަލިސްޓިކް މަުޖުތަމައުތަކެއް އޮންނަ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ބެޓިން ކުރުން ވަނީ ހުއްދަ ކޮށްފަ އެވެ.

ޓްރިޕިއާގެ ޓްރާންސްފާ އަށް ބެޓް ކުރި ފަރާތަކުން ބެޓް ކޮށްފައި ވަނީ 20 މިލިއަން ޕައުންޑަށް އޭނާ އެތުލެޓިކޯ މެޑްރިޑަށް ބަދަލު ވާނެ ކަމަށެވެ. އެ ބެޓާ އެއްގޮތަށް އޭނާގެ ޓްރާންސްފާ ހަމަޖެހިގެން ދިއުމުން އިނގިރޭސި އެފްއޭއިން ތުހުމަތު ކުރަނީ ބެޓް ކުރި ފަރާތްތަކަށް ޓްރްޕިއާ އެހީވެދީފައިވާ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް އޭނާ ދޮގު ކުރެ އެވެ. އޭނާ ބުނީ އޭނާގެ ޓްރާންސްފާއަށް އެހެން ފަރާތަކުން ކުރި ބެޓަކަށް އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް ފޯރުކޮށް ދީފައި ނުވާނެ ކަމަށެވެ.

ޓްރާންސްފާ ބެޓިން އަށް އެހީތެރި ވުމަކީ ދޭތެރެ ދޭތެރެއިން ކުޅުންތެރިން ކުރާ ކަމެކެވެ. އެކަން ކުރަނީ ބެޓް ދިމާވާ ފަރާތަށް ލިބޭ ފައިސާގެ ތެރެއިން ބައެއް ކުޅުންތެރިޔާއަށް ދޭން ހުށަހަޅާތީ އެވެ.

މިފަދަ މައްސަލައެއްގައި މީގެ ކުރިން އަދަބު ލިބިފައިވާ ކުޅުންތެރިޔަކީ ލިވަޕޫލްގެ ކުރީގެ ފޯވަޑް ޑެނިއަލް ސްޓަރިޖް އެވެ. ލިވަޕޫލް ދޫކޮށް، 2018 ވަނަ އަހަރު އޭނާ ސެވިއްޔާ އަށް ބަދަލުވިއިރު އެ ޓްރާންސްފާ އަށް ބެޓް ކުރި އޭނާގެ ބޭބެއަށް އެތެރޭގެ މައުލޫމާތު ފޯރުކޮށްދިކަން އޭނާ މައްޗަށް ސާބިތު ވި އެވެ. އެކަމާ ގުޅިގެން ހަތަރު މަހަށް އޭނާ ސަސްޕެންޑް ކުރި އެވެ.