ކުޅިވަރު

އޭސީ މިލާނަށް ހުއްޓުމެއް ނެތް

ތިއޯ ހެނާންޑޭޒްގެ މެޗުގެ ފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން ލާޒިއޯގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ސެރީ އާގައި އޭސީ މިލާނުން ބަލި ނުވުމުގެ ޓްރެކް ދަމހައްޓައިފި އެވެ.

މެޗގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައި ހަކާން ކަނަގޮލޫ ތަނަވަސް ކޮށްދިން ފުރުސަތަކުން ތިއޯ ހެނާންޑޭޒް ލަނޑު ޖެހުމުން މިލާންގެ ކުޅުންތެރިންނަށް އާދަޔާ ހިލާފު އުފަލެއް ލިބުނެވެ. ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގްގެ ތެރެއިން ޑޮމެސްޓިކް ސީޒަންގައި ބަލި ނުވެ އޮތް ހަމައެކަނީި ޓީމަކީ މިލާން އެވެ.

މިލާންއަށް މޮޅު ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ތުރުކީގެ މިޑްފީލްޑާ ހަކާން އެވެ. މިލާންގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި އެންޓޭ ރެބިކް ކާމިޔާބު ކުރީވެސް ހަކާން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭގެ ހަތް މިނެޓް ފަހުން މިލާންއަށް ލިބުނު ޕެނަލްޓީއެއްގައި އޭނާ ވަނީ ލީޑް ފުޅާ ކޮށްފަ އެވެ.

މި ސީޒަނަށް ފަހު ހަކާންގެ ކޮންޓްރެކްޓް ހަމަ ވާނެ އެވެ. މިލާންގެ ކޯޗް ސްޓެފަނޯ ޕިއޮލޯ ބުނީ، ކޮންޓްރެކްޓާ އާ ކުރުމަށް ހަކާން އާއެކު ވާހަކަތައް ކުރިއަށް ދާ ކަމަށާއި އޭނާ ކުލަބުގައި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. ޕިއޮލީ ބުނީ 2020 ވަނަ އަހަރަކީ މިލާންގެ ޓީމުން ކުރިއެރުން ފެނުނު އަހަރެއް ކަމަށެވެ. ޓީމުގެ މެނޭޖުމެންޓުން އޭނާ އަށް ދީފައި ވަނީ ވަރަށް ވަރުގަދަ ޒުވާން ކުޅުންތެރިންތަކެއް ކަމަށާއި 2021 ވަނަ އަހަރުވެސް އެގޮތުގައި ހިފެހެއްޓުމަށް އުންމިދު ކުރާ ކަމަށެވެ.

މެޗުގައި ލާޒިއޯގެ ލަނޑުތައް ކާމިޔާބު ކުރީ ލުއިސް އަލްބާޓޯ އާއި ޗީރޯ އިމްމޯބިލޭ އެވެ.

މިލާން އާ ވާދަވެރި އިންޓަ މިލާންއިން ވެސް ވަނީ ހެލަސް ވެރޯނާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި މިލާންގެ ފަހަތުން ތާވަލުގެ ދެ ވަނައިގައި ވިއްދާފަ އެވެ. އިންޓަގެ ލަނޑުތައް ކާމިޔާބު ކުރީ ލައުޓާރޯ މާޓިނޭޒް އާއި މިލާން ސްކްރިނިއާ އެވެ. ވެރޯނާގެ ލަނޑު ކާމިޔާބު ކުރީ އިވާން އިލިޗް އެވެ.