ރެއާލް މެޑްރިޑް

ރެއާލްއިން އެތުލެޓިކޯގެ ފަހަތުގައި ވިއްދައިފި

ގުރަނާޑާގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ރެއާލް މެޑްރިޑުން ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށް ތާވަލުގެ ދެ ވަނައިގައި ވިއްދައިފި އެވެ.

އެތުލެޓިކޯ އެއް ވަނައިގައި އޮތީ 32 ޕޮއިންޓާއި ފައިދާ 21 ގޯލާއެކު ރެއާލްއަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. ރެއާލްއަށްވުރެ އެތުލެޓިކޯ މެޗު ކުޅެފައި ވަނީ މަދުންނެވެ.

މެޑްރިޑްގެ ވަގުތީ ހޯމް ދަނޑު، އަލްފުރެޑޯ ޑި ސްޓޭފަނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ ކާލޯސް ކަސެމީރޯ އާއި ކަރީމް ބެންޒެމާ އެވެ. ކަސެމީރޯ ލަނޑު ކާމިޔާބު ކުރީ މާކޯ އެސެންސިއޯ ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެސެންސިއޯ ކުޅެން ނުކުތީ، ރޮޑްރިގޯ ހޮއިސްގެ ފަލަމަސްގަނޑަށް އަނިޔާ ވުމުންނެވެ. ރޮޑްރިގޯ ދަނޑުން ބާލަން ޖެހުނީ އަށިގަނޑުގެ އެހީގަ އެވެ.

ދެ ވަނަ ހާފުގައި ކަސެމީރޯއަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ކުރިން އެސެންސިއޯ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އޭނާ ފުރަގަހަށް އެނބުރި ހުރެ ފުންނާބުން ފޮނުވާލި ބޯޅަ ހުއްޓުނީ ދަނޑިގައި ޖެހިފަ އެވެ.

ރެއާލްގެ ދެ ވަނަ ލަނޑު މެޗުގެ ފަހު ވަގުތުގައި ބެންޒެމާ ކާމިޔާބު ކުރީ އިސްކޯ އާލާކޯން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

މެޗުން މޮޅުވެ، ޒައިނުއްދީން ޒިދާންގެ ޓީމު ވަނީ ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ދެމެދު އޮތް ފަރަގު ހަ ޕޮއިންޓަށް ފުޅާ ކޮށްފަ އެވެ. ލީގް ވާދަވެރި ކަމަށް ބަލާއިރު މިވަގުތު ވާދަވެރިކަން ފެންނަނީ މެޑްރިޑަށް ނިސްބަތްވާ ދެ ކުލަބުގެ ދެމެދުގަ އެވެ.