އާދަމް ޝަރީފު އުމަރު

"ދައުވާ ކުރަނީ ބަޣާވާތް ނާކާމިޔާބު ކޮށްލުމުން ބަދަލު ހިފަން"

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމްގެ މައްޗަށް ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަޣާވާތަކުން ވައްޓާލަން ފުރުސަތު ނުދީ ބާޣީންނާ ބައިއަތު ނުހިފުމުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ އިދިކޮޅު ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު މިހެން ވިދާޅުވީ ލިމާލޭގައި ހުންނަ ކޯސްޓް ގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމްގެ ބައްޕާފުޅު، ދިރިއުޅުއްވެވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި ގުޅިގެންނެވެ.

އެ މައުލޫމާތު ހިމަނާ އަވަސްގައި ލިޔެފައިވާ ހަބަރަކާއެކު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަކީ ބަދަލު ހިފުމުގެ ސިލްސިލާއަށް އިތުރުވާ ބޮޅެކެވެ. އަދި ހަގީގީ މައްސަލައަކީ ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ބަޣާވާތަކުން ވައްޓާލަން ފުރުސަތު ނުދީ ބާޣީންނާއި ބައިއަތު ނުހިފުން ކަމަަށް ވިދާޅުވިއެވެ.

"މިއީ [ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވުން] ބަދަލު ހިފުމުގެ ސިލްސިލާއަށް އިތުރުވީ ބޮޅެއް. އަސްލު މައްސަލައަކީ ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ބަޣާވާތަކުން ވައްޓާލުމަށް ފުރުސަތު ނުދެއްވުން. ބާއީންނާ ބައިއަތު ނުހިފުން،" ރައީސް ޔާމީންގެ ސަރުކާރުގެ ފަހު އަހަރު ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށް އިޝާރާތް ކުރައްވާ އެދުވަސްވަރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ވަޒީފާއިން ވަކިވެވަޑައިގަންނަވާ ސިފައިންނަށް ސަރުކާރުން އިހުތިރާމް ކުރަންޖެހޭ ކަމަށެވެ.

އޭސީސީން ޝިޔާމްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވި ނަމަވެސް ޝިޔާމްގެ ބައްޕާފުޅު، ސިފައިންގެ ކޯސްޓް ގާޑްގެ މެރިޓަމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ވީއައިޕީކޮށް ދިރިއުޅުއްވި މައްސަލައަކީ ކޮރަޕްޝަން އެކުލެވޭ މައްސަލައެއް ނޫން ކަމަށް އޮގަސްޓް 16، 2020 ގައި ވަނީ ނިންމާފައެވެ.

މި ފަހުން އެ ކޮމިޝަނުން ގެންދަނީ ކުރިން ނިންމި އެތަށް ނިންމުމެއްތަކެއް އެ ނޫން ގޮތްގޮތަށް ނިންމަމުންނެވެ. އެކަމާއި ގުޅިގެން އޭސީސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އެ ކޮމިޝަންގެ މެންބަރުންގެ ގާބިލްކަމާއި ނަޒާހަތްތެރިކަމާމެދު މަޖިލީސް މެންބަރުންނާއި ސިޔާސީ ބޭފުޅުން އަދި އާންމުންވެސް ސުވާލު އުފައްދަވައެވެ. ބައެއް މީހުންގެ ނަޒަރުގައި އޭސީސީގެ މެންބަރުން ހާއްސަކޮށް އެ ކޮމިޝަންގެ ރައީސާ މަސައްކަތް ކުރައްވަނީ މަގާމު ދިފާއު ކުރެއްވުމަށެވެ. ނިންމުންތައް އެކި ފަހަރު އެކި ގޮތަށް އަންނަނީ އެހެން ވެގެނެވެ.

ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމާއި ގުޅިގެން އިދިކޮޅުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.