ވިޔަފާރި

ސަރުކާރުގެ ސެކިއުރިޓީޒްގައި އިންވެސްޓް ކުރަން އާއްމުންނަށް ފުރުސަތު ފަހިވަނީ

މާލީ ސެކިއުޓީޒްގެ ގާނޫނަށް ގެނައި، އިސްލާހާއެކު ސަރުކާރުން ދޫކޮށްފައިވާ އެކި ސެކިއުރިޓީޒްތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވިގެން ދާނެ ކަމަށް ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނެފި އެވެ.

ދިވެހިރާއްޖޭގެ މާލ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރުމާ ގުޅިގެން ސީއެމްޑީއޭއިން ބުނި ގޮތުގައި އިސްލާހުތަކުގެ މަފްހޫމަކީ ހިއްސާގެ ބާޒާރުގައި ޤާނޫނީ ގޮތުން ޝާމިލްވާ ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މިނިސްޓްރ އޮފް ފިނޭންސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓ (އެމްއެމްއޭ) އާއި ސީއެމްޑީއޭގެ ދައުރާއި މަސްއޫލިއްޔަތުތަކާއި ބާރުތައް ޒަމާނާ އެއްގޮތަށް ކަނޑައެޅިގެން ދިޔުމާއި، ހިއްސާގެ ބާޒާރުގައި ސަރުކާރުން ދޫކުރާ ސެކިއުރިޓީޒް ބައިވެރިކުރުވުމުގެ އިންތިޒާމް ކަނޑައެޅުމުގެ އިތުރުން، ހިއްސާގެ ބާ ޒާރު ފުޅާކުރުމަށް ސީއެމްޑީއޭ އަށް ލިބި ދޭން ޖެހޭ އެންމެހާ ބާރުތައް ހިމެނިފައިވާ އިސްލާހެއް ކަމަށެވެ.

ސީއެމްޑީއޭ އިން ބުނި ގޮތުގައި ސަރުކާރުގެ ސެކިއުރިޓީޒް ހިއްސާގެ ބާޒާރުގައި ބައިވެރިކުރުމަށް ގެނެވުނު އިސްލާހަކީ ހައްސާސް އިސްލާހެއް ކަމުގައި މި އޮތޯރިޓީން ގަބޫލުކުރާ ކަމަށެވެ.

"އަލަށް ގެނެވުނު މި އިސްލާހު ގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރުތެރޭ މިކަމަށް ބޭނުންވާ ޓެކްނޮލޮޖީގެ އިންފްރާސްޓަރަކްޗާ އެމްއެމްއޭ އާއި މި އޮތޯރިޓ ގުޅިގެން ގާއިމްކުރެވި، އާންމު އެންމެހާ ފަރާތް ތަކަށް ސަރުކާރުގެ ސެކިއުރިޓީޒްގައި އިންވެސްޓްކުރުމުގެ ފުރުސަތު ފަހި ވެގެން ދާނެ ކަމަށް މި އޮތޯރިޓީ އިން ގަބޫލުކުރަމެވެ،" ސީއެމްޑީއޭއިން ބުނެފައިވެ އެވެ.

އަލަށް ގެނެވުނު މި އިސްލާހު ގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރުތެރޭ މިކަމަށް ބޭނުންވާ ޓެކްނޮލޮޖީގެ އިންފްރާސްޓަރަކްޗާ އެމްއެމްއޭ އާއި މި އޮތޯރިޓ ގުޅިގެން ޤާއިމްކުރެވި، އާންމު އެންމެހާ ފަރާތް ތަކަށް ސަރުކާރުގެ ސެކިއުރިޓީޒްގައި އިންވެސްޓްކުރުމުގެ ފުރުސަތު ފަހި ވެގެން ދާނެ
ސީއެމްޑީއޭ

އެ އޮތޯރިޓީން އިތުރަށް ބުނި ގޮތުގައި މިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރަށް ބޭނުންވާ ފައިސާ ހިއްސާގެ ބާޒާރުގެ ތެރެއިން ހޯދަން ގެނެވުނު މުހިންމު އިސްލާހެއް ކަމަށެވެ.

ސަރުކާރުގެ ސެކިއުރިޓީޒް ހިއްސާގެ ބާޒާރުގައި ބައިވެރި ކުރުމަށް ގާއިމުކުރެވޭ ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗާއަކީ ހުރިހާ
ބާވަތެއްގެ ސެކިއުރިޓީޒްގެ މުއާމަލާތްތައް ރާއްޖޭގައި ގާއިމްކުރާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ މަސައްކަތެކެވެ.
މިގޮތުން، މިހާރު މި މަސައްކަތްކުރަމުންދާ މެނުއަލް ޕްރޮސެސްގެ ބަދަލުގައި މުޅި މި ހިދުމަތް އޮޓޮމޭޓްކުރެވި، އާންމު
ފަރާތްތަކަށް ހިއްސާގެ ބާޒާރުގައި ތަފާތު އެކި ފައިނޭޝަލް ސެކިއުރިޓީޒް ގަނެވިއްކުމުގެ ފުރުސަތު މިހާރަށް ވުރެ ފަސޭހަކަމާއެކު
މަގުފަހިވެގެންދާނެ އެވެ.

ސީއެމްޑީއޭ އިން ބުނި ގޮތުގައި ސެކިއުރިޓީޒްގެ ބިލަށް އަލަށް ގެނެވުނު އިސްލާހާއެކު ދުނިޔޭގައި ތައާރަފްވަމުން އަންނަ ފަހުގެ ޕްރޮޑަކްޓް ތަކަށް ވެސް ފުރުސަތު ފަހިވާނެ އެވެ. މިގޮތުން، އީޖާދީ މަސައްކަތްތަކަށް ފަހިވާގޮތަށް ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގަމުންދާ "ރެގިއުލޭޓާ ސޭންޑްބޮކްސް" ހިއްސާގެ ބާޒާރުގައި ތައާރަފްކޮށް، ރެގިއުލޭޓްކުރުމުގެ އެންމެހާ ބާރުތައް މި އިސްލާހުން އެ މި އޮތޯރިޓ އަށް ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުން ތިން ބާވަތެއްގެ ސެކިއުރިޓީޒް ދޫކުރެ އެވެ. އެއީ ޓްރެޒަރީ ބިލް އާއި ޓްރެޒަރީ ބޮންޑް އަދި އިސްލާމިކް ސެކިއުރިޓީޒް އެވެ. ސަރުކާރުން ކުރިން ވަނީ ޓީބިލްގައި އާއްމު ފަރުދުންނަށް އިންވެސްޓް ކުރުމުގެ މަގުފަހި ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާތަނަށް އާއްމު ފަރުދުންނަށް މި ފުރުސަތު ދީފައެއް ނުވެ އެވެ.