ޒުވާން ދެ ލޯބިވެރިޔަކު އެންގޭޖްވާ ދުވަހު އެ ނަގާ ފޮޓޯތަކަކީ ވަރަށް އުންމީދުން ފުރިގެންވާ ފޮޓޯތަކެކެވެ. ދެ މިހުން އެކުގައި ހަޔާތުގެ ދިގު ދަތުރެއް ފަށަން ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއްގެ ގޮތުގައި އެ ފޮޓޯތައް ވެގެން ދެއެވެ. ނަމަވެސް ބްރެޒީލްގެ މި ދެ ލޯބިވެރިންގެ ވާހަކަ ވަރަށް ތަފާތެވެ. އެޑްމިލްސަން އަލްސަންޓާރާ އާއި ކެރީން ޑި ސޫޒާ 2018ގައި އެންގޭޖްވި ދުވަހު ނެގި ފޮޓޯތައް ފޮޓޮގްރާފަރުންނަށް ވެސް ވަރަށް ޚާއްސަ އެއްޗަކަށް ވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މި ދެ ޒުވާނުންގެ ހަގީގީ ލޯބީގެ ވާހަކަ އަކީ ވަރަށް އިބުރަތުން ފުރިގެންވާ އެހާމެ އަސަރުގަދަ ވާހަކައަކަށް ވާތީ އެވެ.
ކެރީން އަކީ ވަރަށް މަދުން ނޫނީ ދުނިޔޭން ނުފެންނަ ހަމުގެ ބައްޔެއް ކަމަށްވާ ޒީރޯޑާމާ ޕިގްމެންޓޯސަމް ޖެހިފައިވާ ޒުވާން އަންހެނެކެވެ. މިއީ ޖެނެޓިކް ބައްޔެއް ނަމަވެސް ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މި ބަލި ޖެހޭ މީހުންގެ ހަން އާދަޔާހިލާފަށް ސެންސިޓިވް އެވެ. އަލްޓްރާވައިލެޓް ދޯދިތައް ހަމުގައި ޖެހިއްޖެނަމަ ހީވެސް ނުކުރާވަރަށް ހަންގަނޑު ހަލާކުވެ އެވެ. އަދި އެންމެ ހިތާމަހުރި ކަމަކީ މި ބައްޔަށް މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކަމެވެ.
ކެރީންގެ ހަޔާތުގެ ބައިވެރިޔަކީ އެޑްމިލްސަން އެވެ. މިހާރު ކައިވެނިކޮށް ދެމަފިރިން އުފާވެރި ހަޔާތެއް ވަނި ފަށާފަ އެވެ. އަދި އެމީހުންގެ ހުވަފެނީގެ ބިނާކުރުމުގެ މަސައްކަތުގައި ދެ މީހުން އުޅެނީ ވަރަށް އަވަދިނެތި އެވެ. މި ދެ މީހުންގެ ހަޔާތުގެ ވާހަކައަކީ ބްރެޒީލްގެ ރައްޔިތުންނަށް އަދި މުޅި ދުނިޔެއަށް ވެސް ވަރަށް އިބުރަތްތެރި ވާހަކަ އެކެވެ. ކެރީންގެ ހާލަތު ހާމަވާ ފޮޓޯތަކަށް ބަލާލުމުން މި ހަގީގަތް ވަރަށް ބޮޑަށް ހާމަވާނެ އެވެ. އަދި ހަގީގީ ލޯތްބަކީ ހަގީގަތުގައި ކަނު އެއްޗެއްކަން ޔަގީން ކުރެވޭނެ އެވެ.
ކެރީން އަށް ދިރިއުޅުމަކީ ވަރަށް އުނދަގޫ އަދި ހުރަސްތަކުން ފުރިގެންވާ ދިގު ދަތުރެކެވެ. އުމުރުން އެންމެ ތިން އަހަރުގައި ހަމުގެ ވަރުގަދަ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާތީ އެވެ. ކިރިޔާ އިރުގެ އަލިކަން ޖެހިލިޔަސް ކެރީންގެ ދުވަސް ދިޔައީ އެވެ. އޭނާގެ ގައިގެ ހަންގަނޑު އަނދައިގެން ދަނީ ހީވެސް ނުކުރާ ވަރަށެވެ. މި ބަލީގައި ހަންގަނޑަށް މައިގަނޑު ގޮތެއްގައި ދިމާވާ މައްސަލަތަކަކީ ހަންގަނޑު ކުރަކިވެގެން ގޮސް ތަންތަންގަނޑު ނެއްޓުމާއި ހަންގަނޑު ކަޅުވުމެވެ. އެހެންކަމުން މިފަދަ ބައްޔެއް ޖެހިފައިވާ އިންސާނަކު އުޅޭނެ ހާލު ކޮންމެ މީހަކަށް ވެސް އިހްސާސް ކުރެވޭނެ އެވެ. އަދި މި ބަލި ހުންނަ ހުރިހާ މީހުންނަށް ކަހަލަ ގޮތަކަށް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މޫނު، ތުންފަތް، ނުވަތަ ލޮލުގެ ބޮނޑިއަށް ކެންސަރު ޖެހޭކަން ސިއްހީ ތަޖުރިބާކާރުން ފާހަގަ ކޮށްފައި ވެއެވެ.
ކެރީންގެ ބައްޔަށް އަބަދާ އަބަދު ބޭސްކުރަން ޖެހެ އެވެ. އަދި ބޭސްތަކުގެ އަގުބޮޑުކަމުން އޭނާގެ އާއިލާއަށް އުފުލޭ ވަރުގެ ބުރަކަށް އެކަން ނުވެ އެވެ. ނަމަވެސް އާއިލާގެ މީހުންގެ ލޯތްބާއި އޯގާތެރިކަން އަދި އޭނާއަށް އަމިއްލަ ނަފްސަށް އޮތް އިތުބާރަކީ މިފަދަ ހާލެއްގައި ވެސް މިހާތަނަށް ކެރީން އަށް ދިރިހުރެވުނު ސަބަބުކަން އޭނާ ފާހަގަ ކުރެ އެވެ.
އިނގިރޭސި ވިލާތަށް ދިން އިންޓަވިއު އެއްގައި ކެރީން ބުނެފައިވަނީ ކުޑައިރު އާއިލާއަށް ހާއްސަކޮށް މައިންބަފައިންގެ ލޯތްބަށް އޭނާއަށް ވަރަށް ބޮޑަށް ބޭނުންވި އެވެ. އަދި އެމީހުން އެ ލޯބި އޭނާއަށް ވަރަށް ފުރިހަމައަށް ދިނެވެ. މި ބަލީގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ވެސް ކެރީން އަށް ފަރުވާ ދީފައި ވެއެވެ.
ހަޔާތުގެ ބައިވެރިޔެއް ހޯދުން
ކެރީންގެ ބަލީގެ ސަބަބުން އޭނާއަށް ހަޔާތުގެ ބައިވެރިޔަކު ދުވަހަކުވެސް ލިބިދާނެ ކަމާ މެދު ގިނަ ބަޔަކު ޝައްކު ކުރާނެ އެވެ. ކެރީން ބުނި ގޮތުގައި ސޯޝަލް މީޑިއާގައި ވަރަށް ގިނައިން އޭނާގެ ވާހަކަތައް މީހުންނާ ހިއްސާކުރެ އެވެ. އަދ ދިރިއުޅުމުގައި ތަފާތު ދަތިތައް ތަހައްމަލު ކުރާ މީހުންނަށް އިރުޝާދު ދީ އެހީތެރިވެދެ އެވެ. އެހެންވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަބަދުވެސް މީހުން ކެރީން އަށް މެސެޖުކޮށް ތަފާތު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެ އެވެ. އިންސްޓަގްރާމްގައި ކެރީން ފޮލޯކުރާ މީހުންގެ އަދަދު 120،000 އަށް އަރާފައި ވުމީ ގިނަ ބަޔަކަށް އޭނާއަކީ މަގުބޫލު މީހަކަށް ވެފައިވާ ކަމުގެ ހެއްކެކެވެ.
ކެރީން އަށް އޭނާގެ ހަޔާތުގެ ބައިވެރިޔާ އާ ބައްދަލުވީ ވެސް ސޯޝަލް މީޑިއާ އިންނެވެ. އެއް ދުވަހަކު ކެރީން އޭނާގެ ފޭސްބުކް ޕޭޖްގައި ފޮޓޮއެއް ޝެއާ ކުރި އެވެ. އަދި އޭނާގެ ބަލީގެ ސަބަބުން ދިރިއުޅުމަށް ދިމާވާދަތިތަކުގެ ވާހަކަ ކެޕްޝަންގައި ލިޔުނެވެ. މި ޕޯސްޓް ނަގައި އެހެން ފޭސްބުކް ޕޭޖެއްގައި ޝެއާކުރީ ކެރީންގެ އެފްބީ ފްރެންޑުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ކެރީންގެ މިހާރުގެ ފިރިމީހާ އެޑްމިލްސަން އަކީ އެ ޝެއާކުރި ޕޭޖް ފޮލޯކުރާ މީހެކެވެ.
ރިއޯ ޑީ ޖެނޭރިއޯގައި ދިރިއުޅޭ އެޑްމިލްސަން އަށް ކެރީންގެ ޕޯސްޓް ފެނިގެން އޭނާގެ ޕްރޮފައިލް އަށް ގޮސް އޭނާއަށް ފްރެންޑް ރިކުއެސްޓް ފޮނުވި އެވެ.
"އޭނަގެ ފްރެންޑް ރިކުއެސްޓް އަހަރެން ގަބޫލުކުރިއިރު ހިޔެއް ނުކުރަން މިއީ އަހަރެންގެ ހަޔާތުގެ އެންމެ ލޯބިވާ މީހާ އާ ބައްދަލުވުމުގެ ފެށުމެކޭ،" ކެރީން ބުންޏެވެ.
އެހިސާބުން ކެރީން ޝެއާ ކުރާ ހުރިހާ ޕޯސްޓެއް އެޑްމިލްސަން ކިޔަން ފެށި އެވެ. އަދި އޭނާގެ ފޮޓޯތަކަށް ލައިކް ދޭން ފެށި އެވެ.
ޖެނުއަރީ 28، 2018 ގައި ކެރީން އާއި އެޑްމިލްސަން އެކަކު އަނެކަކާ ވާހަކަ ދައްކަން ފެށީ އެވެ. އެގޮތަށް ފަސް މަސް ދުވަސް ވަންދެން ވާޙަކަ ދެއްކުމަށްފަހު ކެރީން ރިއޯ ޑި ޖެނީރޯ އަށް ގޮސް އެޑްމިލްސަން އާ ބައްދަލުކުރި އެވެ.
"އަހަންނަށް އޭނާ [އެޑްމިލްސަން[ ދެކެ ލޯބި ވެވުނީ. އޭނާއަކީ އަޖައިބެއް ފަދަ ރަނގަޅު މީހެއް،" ކެރީން ބުންޏެވެ.
މާ ގިނަ ދުވަހެއް ނުވެ އެޑްމިލްސަން ޕްރޮޕޯސްކުރުމުން ކެރީން އެ ޕްރޮޕޯސަލް އަށް އާނއެކޭ ބުންޏެވެ. މި ދެ ލޯބިވެރިންގެ ވާހަކަ ސޯޝަލް މީޑިއާގައި މަޝްހޫރުވެ ބްރެޒީލްގެ ވަރަށް މަޝްހޫރު ފޮޓޮގްރާފަރަކަށް މި ޚަބަރު ލިބުނެވެ. އަދި ކެރީން އަށް ގުޅާފައި އެ ދެ މީހުންގެ ފޮޓޯޝޫޓެއް ކޮށްދޭން ހުށަހެޅި އެވެ.
"އަހަރެންގެ ހަޔާތުގެ ވާހަކަ ފޮޓޯތަކަކުން ކިޔައިދޭން ލިބުނީތީ ފޮޓޮގްރާފަރު ހުރީ ވަރަށް އުފާވެފަ،" ކެރީން ބުންޏެވެ.
ފޮޓޯގްރާފަރުގެ ޕްރޮފެޝަނަލް ކެމެރާއިން ކެރީން އާއި ލޯބިވެރިޔާގެ ލޯބީގެ ވާހަކަ ކުރަހާލިލެއް އަސަރުގަދަކަމުން ދުނިޔޭގެ އެތައް ހާސް ބަޔަކު މި ފޮޓޯތައް ބަލަން ޝައުގުވެރިވި އެވެ. ފޮޓޯގްރާފަރު އޭނާގެ ފޮޓޯތަކުގެ ޒަރިއްޔާއިން ދުނިޔެއަށް ދައްކާލީ އެ ދެ ލޯބިވެރިންގެ މެދުގައި އޮތް ސާފު ތޯހިރު އަދި ހަގީގީ ލޯތްބެވެ. އެއީ ބޭރުފުށުން ފެންނަ އިންސާނަކު ދެކެ ވީ ލޯތްބެއްނޫނެވެ. އެ ލޯބީގައި ދެއްކުންތެރިކަމެއް ބޭރުފުށުގެ ރީތިކަމެއް ނެތެވެ. އޭގައި ވަނީ ދެ ފުރާނައެއްގެ މެދުގައި އޮތް ހަގީގީ ޖަޒުބާތުތަކެކެވެ.
"ތި ދެ ލޯބިވެރިންގެ ލޯބީގެ ފޮޓޯތައް ނެގުމުގެ ޝަރަފު ލިބުމުން އަހަރެންގެ ރޫހަށް ހަމަޖެހުން ލިބުނު. އަދި އަހަރެންގެ ސިކުނޑިއަށް ބަޔާން ނުކުރެވޭ ވަރުގެ ހިމޭންކަމެއް ލިބުނު،" ފޮޓޮގްރާފަރު ބުނެފައި ވެއެވެ. "ލޯތްބަކީ ލައްވާފައިވާ އެއްޗެއް. އަހަރެން މި ބުނަނީ ތެދެއްކަން ގަބޫލުކުރޭ،" މިހާރު ކައިވެނިކޮށް އުފާވެރި ހަޔާތެއް ބިނާކޮށް ހުވަފެނީ ގެ ތައްޔާރުކުރުމުގެ މަސައްކަތުގައި އުޅެމުން ކެރީން ބުންޏެވެ.