ބޮލީވުޑް

ރަންދީރު-ބަބީތާ ކައިވެނިކޮށްގެން 33 އަހަރު ވަކިން

ރަންދީރު ކަޕޫރާއި ބަބީތާ އަކީ މިހާރު ފިލްމު ކުޅޭ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރުގެ މައިންބަފައިންނެވެ. މި ދެ މީހުންނަކީ އެމީހުންގެ ރަން ޒަމާނުގައި ވަރަށް މަޝްހޫރު ދެ އެކްޓަރުންނެވެ. ހާއްސަކޮށް ރަންދީރަށް ވުރެ ވެސް ބަބީތާގެ މަގްބޫލުކަން އިތުރެވެ.

ނަމަވެސް ރަންދީރު އާ ކައިވެނިކުރުމަށްފަހު ބަބީތާ އަށް ފިލްމީ ކެރިއަރު ދޫކޮށްލަން މަޖްބޫރުވި އެވެ. އެއީ ކަޕޫރު އާއިލާގައި އެ ދުވަސްވަރު އޮތް ގަވައިދެވެ. އެ އާއިލާގެ ފިރިހެން ކުދިން ކައިވެނިކޮށްގެން ގެންނަ މީހުންނަށް ފިލްމުތަކުގައި މަސައްކަތް ނުކުރެވޭނެކަން އޮންނަނީ އަންގާފަ އެވެ.

ރަންދީރު ދެކެ އޭރު ބަބިތާ އަށް ހުރީ ވަރަށް ގަދަޔަށް ލޯބި ވެވިފަ އެވެ. އެހެންވެ ކެރިއަރު ދޫކޮށްލާފައި ރަންދީރާ ކައިވެނި ކުރީ އެވެ.

ރަންދީރު އާ ކައިވެނި ކުރަން ބަބީތާ ފިލްމީ ދުނިޔެ ދޫކޮށްލިޔަސް އެ ކައިވެނީގައި އޭނާއަށް މާ ގިނަ ދުވަހު ހިތްހަމަޖެހިގެން ހުރެވޭ ގޮތެއް ނުވި އެވެ. މިހާތަނާ ޖެހެންދެން ވެސް ދެ މީހުން ރަސްމީކޮށް ވެރިވެފައި ނެތަސް ކައިވެނި ކުރިތާ މަދު އަހަރު ތަކެއް ތެރޭގައި ދެމީހުން ވަނީ ވަކިން ދިރިއުޅެން ފަށާފަ އެވެ. ކައިވެނީގެ ގޮށް ނުމޮހުނަސް ލޯބީގެ ގޮށް މޮހުނީ އެވެ. އަދި އޭގެ ފަހުން ބަބީތާ ކުދިން ގޮވައިގެން ގޭގައި ދިރިއުޅެމުން ދިޔައިރު ރަންދީރު ދިރިއުޅުނީ މައިންބަފައިން ކައިރީގަ އެވެ.

ވަރަށް ކުރިން އިންޑިޔާގެ ފިލްމީ މަޖައްލާ އަކަށް ދީފައިވާ އިންޓަވިއު އެއްގައި ރަންދީރު ވަނީ ބަބީތާ އާ ވަކިވާން ޖެހުނު ސަބަބު ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި ވަކިވެގެން ދިޔަސް ބަބީތާ އަކީ އޭނާގެ ހަޔާތުގެ އެންމެ މުހިއްމު ބައެވެ.

"އޭނާ އަހަންނަށް ލޯބި ލޯބި ދެ ދަރިން ހޯދައިދިން. އަހަރެމެންނަކީ ހޭޖެހޭ ބޮޑެތި މީހުންނަށް ވާތީ ވަކިން ދިރިއުޅުން އަހަރެމެން ހިޔާރުކުރީ. ނަމަވެސް އަހަރެމެންނަކީ ދުޝްމަނުންނެއް ވެސް ނޫން،" ރަންދީރު ބުންޏެވެ.

ކަޕޫރު އާއިލާގެ ހުރިހާ ހަފުލާއެއްގައާއި އާއިލާއިން ފާހަގަކުރާ ހުރިހާ ފެސްޓިވަލްތަކެއްގައި ވަރަށް ގުޅިގެން އެކުގައި ރަންބީރާއި ބަބީތާ އުޅޭތީ ފެނެ އެވެ. ނަމަވެސް ކައިވެނީގެ ހަޔާތުގައި ދެ މީހުން ދެމި ތިބީ ހަމައެކަނި ނަމަކަށެވެ. ދެމަފިރިއެއްގެ އޮންނަން ޖެހޭ އެއްވެސް ގުޅުމެއް އެމީހުންގެ ނެތީ 1987 އިން ފެށިގެންނެވެ.

އެހާ ލޯބިން ކުރި ކައިވެނީގައި ޖެހުނީ ކޮން ކުންޏެއް ހެއްޔެވެ؟ ދެ މީހުންގެ މެދުގައި ޖެހުނީ ހައްލު ނުކުރެވޭ ވަރުގެ ކޮން މައްސަލައެއް ހެއްޔެވެ؟

ބަބީތާ އާ ކައިވެނިކުރިތާ ކުރީ ކޮޅުގެ އަހަރުތަކުގައި ރަންދީރުގެ ފިލްމުތައް ރަނގަޅަށް ހިނގައި އޭނާއަށް ފިލްމީ ދުނިޔޭގައި ރަނގަޅު މަގާމެއް ހޯދުނެވެ. ނަމަވެސް ދެ ތިން އަހަރެއް ފަހުން މަޑުމަޑުން ފިލްމުތައް ފްލޮޕްވެ ފިލްމު ކުޅެން ލިބޭލެއް މަދުވި އެވެ. އަދި ފްލޮޕް ހީރޯއެއްގެ ގޮތުގައި ބެެލެވެން ފެށި ފިލްމު ލިބުން ގާތްގަނޑަކަށް ހުއްޓުނެވެ. ނަތީޖާއެއްގެ ގޮތުން ރަލުގެ މަސްތުގައި ޖެހި ރަންދީރު ދިރިއުޅުން މުޅިން ހަރާބުކޮށްލީ އެވެ.

"އަހަންނަކީ ވަރަށް ގިނައިން ރާބޯ މީހެއް ކަމާއި ރޭގަނޑު ގިނަ ވަގުތު ބޭރުގައި އުޅޭ މީހެއްކަމާއި ގޯސް މީހެއްކަން ބަބީތާ އަށް އެނގުނީ. އަހަރެންގެ މި އާދަތަކަކީ އެއްގޮތަކަށް އޭނާ ހިތްހަމަޖެހޭ އާދަތަކެއް ނޫން. އަދި އޭނާ ބޭނުންވާ ގޮތަށް އަހަރެންގެ ދިރިއުޅުން ބަދަލުކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން އަހަރެންގެ ގޮތުގައި ގަބޫލުކުރުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން. އަހަރެމެން ދެ މީހުން ކައިވެނިކުރީ ވަރަށް ލޯބިން ނަމަވެސް މިކަންކަން ބަބީތާ އަށް އެނގުނީމަ މައްސަލަ ޖެހި ވަކިވާން ނިންމީ،" ރަންދީރު ބުންޏެވެ.

ރަންދީރު އާއި ބަބީތާ ކައިވެނި ކުރީ 1971 ވަނަ އަހަރު އެވެ. ދެ އެކްޓަރުން ދެ ފިލްމެއްގައި ވެސް އެކުގައި މަސައްކަތް ކުރި އެވެ. އެއީ 1971 ގައި ރިލީޒްކުރި "ކަލް އާޖް އައުރު ކަލް" އާއި 1972 ގެ ރިލީޒްކުރި "ޖީތު" އެވެ. ނަމަވެސް މައްސަލަތައް ޖެހި ވަކިން ދިރިއުޅޭތާ މިހާރު 33 އަހަރު ފާއިތުވެފައިވީ ނަމަވެސް ރަސްމީކޮށް ވަރިއެއް ނުކުރެ އެވެ.

އެހާ ގިނަ އަހަރުތަކެއް ވަކިން އުޅުނުއިރުވެސް ރަސްމީކޮށް ވަރި ނުކުރި ސަބަބެއް ކަމަށް ރަންދީރު ބުނީ އޭނާ ވެސް އަދި ބަބީތާ ވެސް ދެ ވަނަ ކައިވެންޏެއް ކުރުމަށް ނުވިސްނާތީ އެވެ. އަލުން ކައިވެންޏެއް ކުރަން ބޭނުން ނޫންނަމަ ވަރިކުރުމުގެ ބޭނުމަކީ ކޮބައިހޭ ރަންދީރު ސުވާލު ކުރި އެވެ.

މަންމަ އާއި ބައްޕަގެ ކައިވެނި ސަލާމަތް ކުރެވޭތޯ އަދި ސުލްހަ ކުރެވޭތޯ ކަރިޝްމާ އާއި ކަރީނާ ވަރަށް މަސައްކަތް ކޮށްފައި ވެއެވެ. އަދި މީގެ 19 ވަރަކަށް އަހަރު ކުރިން އެކަން ކާމިޔާބުވެ ދެ މީހުން އާ ހަޔާތެއް ފަށާފާނެ ކަމަށް ހީވި އިރެއް ވެސް ދިޔަ އެވެ. ނަމަވެސް އެ ފަހަރުވެސް ދެ މީހުންނަށް ސުލްހައިގެ އެއްބަސްވުމަކަށް އާދެވޭގޮތް ނުވީ އެވެ.