ޣައްސާން މައުމޫން

ގައުމުގެ މިސްރާބު ހުރީ ރައްޔިތުން އެދޭ ގޮތަކަށް ނޫން: ޣައްސާން

ދިވެހި ގައުމުގެ މިސްރާބު ހުރީ ރައްޔިތުން އެދޭ ގޮތަކަށް ނޫން ކަމަށް ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަދި އެ ޕާޓީގެ ނާއިބް ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ އިދިކޮޅު ދެ ޕާޓީ ގުޅިގެން "ވިސްނާ" ނަމުގައި ބޭއްވުމަށް ނިންމާފައިވާ ޖަލްސާއަށް ދައުވަތު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ. ޣައްސާން ވިދާޅުވީ ދިވެހި ގައުމުގެ މިސްރާބު ހުރީ ރައްޔިތުން އެދޭ ގޮތަކަށް ނޫން ކަމަށެވެ. މުސްތަގްބަލު އުޖާލާ ކުރެވޭނީ ގައުމަށް ވަފާތެރި ވެގެން ކަމަށް ވިދާޅުވިއެވެ.

"މާދަމާ ރޭ އޮންނަ ޖަލްސާއަށް ހުރިހާ ޕާޓީއެއްގެ، ހުރިހާ ފިކުރެއްގެ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަދަބުވެރިކަމާއެކު ދައުވަތު އަރުވަން،" ޖަލްސާގެ ކެންޕެއިން ޕޯސްޓަރުތަކަކާއެކު ޣައްސާން ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

"ވިސްނާ" ނަމުގައި މާދަމާ ބޭއްވުމަށް ނިންމާފައިވާ ޖަލްސާއަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މާލެ ސިޓީ ކައުންސިލުން ވަނީ ހުއްދަ ދީފައެވެ. ޖަލްސާގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން އިދިކޮޅުގެ އިސް ބޭފުޅުން އިއްޔެ ވަނީ ފުލުހުންނާއިވެސް މަޝްވަރާ ކޮށްފައެވެ.

ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ހޮނިހިރު ދުވަހުގެ ޖަލްސާގައި ވަރަށް ހާއްސަ "ސަޕްރައިޒް" އެއް ދޭނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި މި ޖަލްސާގައި އައްޑޫގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެން ވާހަކަަ ދައްކަވާނެ އެވެ.

މި ޖަލްސާގެ ދައުވަތު ހުރިހާ މަސްވެރިންނާއި ދަނޑުވެރިން އަދި ޓެކްސީ ޑްރައިވަރުންނާއި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ ދީފައެވެ. އެ ގޮތުން މަސްދޯނިތަކަށް ހާއްސަ ދައުވަތު ކާޑުތަކެއް މިހާރު ވަނީ ފޮނުވާފައެވެ. އަދި މާރުކޭޓްގެ ހުރިހާ ގޮޅިތަކުގައި ތިބި ދަނޑުވެރިންނަށް ހާއްސަ ދައުވަތެއް ދީފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ޖަލްސާއަށް އަންނަ މީހުންގެ ސައިކަލްތައް ސަލްމާން މިސްކިތުގެ އުތުރުން އޮންނަ ޕާކިން ޒޯންގައި ބެހެއްޓުމަށް ފުލުހުން އެދިފައިވާ ކަމަށެވެ. އަދި ކާނިވާ ސަރަހައްދުގައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން މިހާރު ފަށާފައިވާ ކަމަށެވެ. ޖަލްސާގައި އެޗްޕީއޭގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.