ކާނާ

ނޯ ބޭކް ޗޮކްލެޓް ކުކީ ޗީޒްކޭކް

Oct 26, 2015
2

ޗީޒް ކޭކަކީ އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ވަރަށް މީރު އެއްޗެކެވެ. އަނގަޔަށް މީރު މިޑެޒަޓަކީ ގިނަބަޔަކު ގަޔާވާ އެއްޗެއް ނަމަވެސް، ޗީޒް ކޭކް ހަދަން ދާ ވަގުތު ގިނަވުމުން ގިނަ މީހުންނަށް ގޭގައި މިފަދަ އެއްޗެއް ތައްޔާރުކޮށްލުމުގެ ބަދަލުގައި ކޮންމެވެސް ރެސްޓޯރެންޓަކުން ނުވަތަ ބޭކަރީ އަކުން ގަނެލަނީ އެވެ.

ތިރީގައި މިވަނީ ކުޑަ ވަގުތުކޮޅަކުން ފަސޭހައިން ގޭގައި ނޯ-ބޭކް ޗީޒްކޭކް އެއް ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

2 ބޮނޑި އޯރިއޯ ބިސްކޯދު (ފުނޑުކޮށްފައި)
1/3 ޖޯޑު މެލްޓެޑް ބަޓާ
224 ގްރާމް ކްރީމް ޗީޒް
1/4 ޖޯޑު ބަޓަރު
1/4 ޖޯޑު ހަކުރު
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
1 ޖޯޑު ޗޮކްލެޓް ޗިޕްސް
224 ގްރާމް ވިޕިންގް ކްރީމް

ހައްދަވާނެ ގޮތް:

އެންމެފުރަތަމަ އޯރިއޯ ބިސްކޯދުތައް ގްރައިޑަރުން ފުނޑުކޮށްލާށެވެ. ބިސްކޯދުތައް ފުނޑުކުރެވުމުން އޭގެތެރެއަށް 1/3 ޖޯޑު މެލްޓެޑް ބަޓަރު އަޅައި، މިކްސް ކޮށްލާށެވެ. ޗީސްކޭކް އަޅަން ބޭނުންވާ ޓްރޭގައި ރީތިކޮށް މުގުރާފައިވާ ބިސްކޯދުގަނޑު ފަތުރައި އޮތްބާލާށެވެ. އެއަށްފަހު ސެޓް ކުރުމަށް އައިސްއަލަމާރީގެ ގަނޑުކުރާ ބަޔަށް 30 މިނިޓް ވަން ދެން ލާފައި ބަހައްޓާށެވެ.

ދެން ބޯތަށްޓަކަށް ކްރީމް ޗީޒް އާއި 1/4 ޖޯޑު ބަޓަރުގެ އިތުރުން 1/4 ޖޯޑު ހަކުރާއި 1 މޭޒުމަތީ ވެނީލާ އެސެންސް އެޅުމަށްފަހު ހޭންޑް މިކްސާ އަކުން ކްރީމް ޗީޒް އާއި ބަޓަރުއެއްކޮށް މިކްސް ވަންދެން މިކްސް ކޮށްލާށެވެ. އެއަށްފަހު ޗޮކްލެޓް ޗިޕްސް މެލްޓްކުރުމަށްފަހު މިކްސްކުރި ކްރީމް ޗީޒް ގަނޑުގެ ތެރެއަށް އަޅައި، ހޭންޑް މިކްސާއިން ރަނގަޅަށް އެއްކޮށްލާށެވެ. ދެން ވަކިން ބޯތަށްޓަކަށް ވިޕިން ކްރީމް އެޅުމަށްފަހު ހޭންޑް މިކްސާއިން ވިޕްކުރާށެވެ. ވިޕިން ކްރީމް ރަނގަޅަށް ވިޕްވުމުން ކުރިން މިކްސްކުރި ކްރީމް ޗީޒް ގަނޑު ތެރެއަށް ވިޕްކުރި ކްރީމް އެޅުމަށްފަހު ސަމުސަލަކުން ރީތިކޮށް އެއްކޮށްލާށެވެ. ސެޓްކުރުމަށް އައިސްއަލަމާރިއަށް ލާފައިހުރި ކްރަސްޓް 30 މިނިޓް ހަމަވުމުން ނެގުމަށްފަހު، ތައްޔާރުކުރި ޗޮކްލެޓް ކްރީމް ޗީޒް އޭގެ މަތީގައި ރީތިކޮށް ފަތުރާލާށެވެ. ބޭނުންފުޅުވާނަމަ ޑެކްރޭޓްކުރުމުގެ ގޮތުން މައްޗަށް ޗޮކްލެޓް ސިރަޕްވެސް އެޅިދާނެ އެވެ. ދެން ޗީކް ކޭކް 30 މިނިޓް ވަންދެން އައިސްއަލަމާރި އަށް ލައި ފިނިކޮށްގެން ކެވިދާނެ އެވެ.