ވާހަކަ

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް 4)

ހައިޝަމްގެ ހިތް ދިިޔައީ ބާރަށް ތެޅެމުންނެވެ. ހިތުގައި ހިނގަމުންދާ ވިންދަށް ހީވަނީ ހަލުވި ކަމެއް އަތުވެފައިވާ ހެންނެވެ. ކެފޭ އިން ނުކުތް ގޮތަށް ދަތި ގޮތަކަށް ހައިޝަމަށް ހިންދިރުވައިލެވުނެވެ. ހައިޝަމްގެ ހިތާއި ސިކުނޑިއަށް ވަނީ ބޮޑު ބުރަަހެލި ކަމެއް ލިބިފައެވެ.

ޖީބުގައި އޮތް ފޯޯނު ނަގަމުން، ހައިޝަމް ކުރިއަށް ހިނގައިގަތެވެ. އެވަގުތު ހައިޝަމްގެ އަތް ވެސް ތުރުތުރު އަޅައެވެ.

***

ލިއުޝާ އިނީ ޒަޔާން ދިރިއުޅެމުންދާ ކޮޓަރީގައެވެ. ޒަޔާން ދައްކަމުންދާ ވާހަކަތައް ކަނުލައި އަޑު އަހާށެވެ. ލިއުޝާއަށް ކުރެވެނީ ކޮން ކަމެއްކަން ނޭނގޭ ވަރަށް، ޒަޔާންގެ ހާލަތާއި މެދު ލިއުޝާގެ ހިތުގައި ވަނީ ހަމްދަރުދީ އުފެދިފައެވެ. ލިއުޝާގެ ފުރަތަމަ ޕޭޝަންޓު ތަހައްމަލު ކުރާ ވޭނީ ކަނޑަށް ލިއުޝާ ވެސް ގެނބިގެން ދިޔަ ފަދައެވެ.

ޒަޔާން ދައްކަމުން ދިޔައީ އާދައިގެ ވާހަކަތަކެއް ނޫނެވެ. އެއީ ވޭނުން ފުރިފައިވާ، އަސަރުގަދަ ވާހަކަތަކެކެވެ. އެތައް އަނިޔާއެއް ބަރުދާސްކުރި، ހިތަށް ގިލަންވެރިކަން ގެނުވި ޒަޔާންގެ ދިރިއުޅުމުގެ ހާދިސާ އަޑު އަހަމުން ދިޔަ ލިއުޝާއަށް އިތުރު އެެއްވެސް ކަމަކާއި މެދު މިވަގުތު ނުވިސްނެއެވެ. ޒަޔާންގެ ވާހަކަތަކުން ޒަޔާން އުފުލަމުންދާ ޑިޕްރެޝަންގެ ނުރައްކާ ލިއުޝާއަށް ޝައްކެއްނެތް މިންވަރަށް އެނގުނެވެ.

***

ހައިޝަމަށް އެތައް ފަހަރަކު ލިއުޝާއަށް ގުޅިއްޖެއެވެ. ލިއުޝާގެ ފޯނު ނިއްވައިލާފައި ވުމުން، ލިއުޝާއާ ވާހަކަދެކެވޭ ގޮތް ހައިޝަމަށް ވަނީ ނުވެފައެވެ. ހައިޝަމްގެ ހިތުގައި ބޯހަރު ކަމުގެ ޝައްކުގެ ބާނިތައް ފުރަތަމަ ފަހަރަށް ލިއުޝާއަށް ބަންޑުންވިއެވެ. ހައިޝަމް އެންމެ ފަހުން ނިންމީ ހޮސްޕިޓަލަށް ދާށެވެ.

***

ޒަޔާން އަތުގެ އިޝާރާތުން އޭނާގެ ދަރިފުޅު ލިއުޝާއަށް ދައްކައިލިއެވެ. ނަމަވެސް ޒަޔާންގެ އިނގިލީގެ ކޮޅު ހުއްްޓިފައި ހުރީ ކޮޓަރީގެ ބިތަށެވެ. އެތަނުގައި އެއްވެސް ކުއްޖެއް ނެތެވެ. ލިއުޝާއަށް ވަމުންދާ ގޮތް ދިޔައީ އެނގި، ފަހުމް ވަމުންނެވެ. ކިޔެވި އެއްޗެހިން، ޒަޔާންގެ ހާލަތު ދެނެގަތުމަށް ލިއުޝާއަށް އުދަނގު ކަމަކަށް ނުވިއެވެ.

ޒަޔާނަށް އެދައްކައި ދެނީ އޭނާގެ ކުޑައިރުގެ ހަނދާންތައް ކަމުގައި، ލިއުޝާގެ ހިތް ބުނަން ފަށައިފިއެވެ. ޒަޔާންގެ އެކަނިވެރި ޙަޔާާތް އޭނާގެ ލޯމަތިން އެ ފެންނަނީ ޒަޔާން ކުޑައިރުގެ ގޮތުގައެވެ. އެ ހަނދާންތަކާއިި އެކުގައެވެ. އެކަން ލިއުޝާއަށް އެނގި، ޒަޔާން ރަނގަޅު ކުރަން ލިއުޝާގެ ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ.

"ޒަޔާން. ދެން މާ ބޮޑަށް ނުވިސްނާތި! އަރާމްކޮށްލާ! އަހަރެން އަދި އަންނާނަން. އިނގޭ." ޒަޔާންގެ މޫނަށް ރަނގަޅަށް ބަލައިލަމުން، ލިއުޝާ އަވަސްވެ ގަތީ ކޮޓަރިން ނުކުންނާށެވެ.

***
އައިޖިއެމްއެޗް ހޮސްޕިޓަލް ބެލުމަށްފަހު، ލިއުޝާ ޑިއުޓީގައި ނެތްކަން އެނގުމުން ހައިޝަމްގެ ހިތަށް އަރާފައިވާ ތޫފާންގެ އަސަރުވީ ގަދައެވެ. މިފްޒާލް ދެއްކި ވާހަކަތަކުގައި އިތުރަށް ކުލަޖެހި، އެވާހަކަތައް ޤަބޫލު ކުރަން އިތުރު ޤަރީނާއެއް ހައިޝަމަށް ލިބުނެވެ. ނަމަވެސް ޙަޤީޤަތުގައި ހައިޝަމްގެ އިތުބާރު ލިއުޝާއަށް ވަރަށް ބޮޑެވެ. މިއަދު މިވީ ފަދަ ކަމެއް ދުވަހަކު ވެސް ލިއުޝާގެ ފަރާތުން ފެނިފައި ނުވާތީ ހައިޝަމްގެ ހިތް ވަނީ އިންތިހާއަށް ނުތަނަވަސް ވެފައެވެ.

ލިއުޝާ ވަރަށް އަވަސްކޮށް ހިނގާފައި އައިސް ވަނީ އައިޖިއެމްއެޗަށެވެ. ބްރޭކް ލަސްވެފައި ވުމުން، ލިއުޝާ ވަނީ ޖެހިލުންވެފައެވެ. އޭރުވެސް ލިއުޝާއަށް އޭނާގެ ފޯނު ނިވިފައިވާކަން ނޭނގެއެވެ. އިތުރު ކަމަކާ ވިސްނޭ ވަރަށް ވުރެ، ލިއުޝާގެ ސިކުނޑި ޒަޔާން ދެއްކި ވާހަކަތަކުން ވަނީ ފުރި ބާރުވެފައެވެ.

"ލިއު. ލިއު." ޒީނާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ހުއްޓުނީ ލިއުޝާގެ ކުރިމަތީގައެވެ. އޭރު ޒީނާ މާނޭވާލާ އަޑު ލިއުޝާއަށް ދިޔައީ އިވެމުންނެވެ. ޒީނާގެ މޫނުމަތިން ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެކަން ލިއުޝާއަށް ޔަޤީންވިއެވެ.

"ޒީ.. ކިހިނެއްތަވީ؟" ލިއުޝާ އެހެން އަހައިލީ ނުހަނު ހައިރާން ކަމާއި އެކުގައެވެ. ޒީނާއަށް ލިބިފައިވާ ހާސްކަމުން ކޮންމެވެސް ވަރަކަށް ލިއުޝާގެ ހިތް ތެޅެން ފެށިއެވެ. އެއްވެސް އެއްޗެއް ނުބުނެ ޒީނާ ބަލަން އިނީ ލިއުޝާގެ މޫނަށެވެ.

"ހައިޝަމް." ޒީނާއަށް ބުނެވުނީ އެވަރަށެވެ.

"ކިހިނެއްވީ ހައިޝަމަށް؟" ލިއުޝާ ވަރަށް އަވަސްކޮށް އަހައިލިއެވެ.

"ނޭނގެ! ވަރަށް ރުޅި އައިސްފަ ހުރީ. ވަރަށް ހިތްހަމަ ނުޖެހިފަ ހުރެގެން އަހަނީ ކޮބާހޯ ލިއު. އަހަރެން ބުނިން ބޭރުގައޭ. ދެން ވަރަށް ހަރުކޮށް، ބާރަށް ފިޔަވަޅު ނަގަމުން ގޮސްފި.. އަނެއްކާ ތި ދެމީހުން މަައްސަލަ ޖެހިފަތަ؟" ޒީނާ ހިފައިލީ ލިއުޝާގެ އަތުގައެވެ. ލިއުޝާ ވަރަށް އަވަސްކޮށް އޭނާގެ ޖީބުގައި އޮތް ފޯނު ނެގިއެވެ.

"އޯ ޝިޓް!" ފޯނު ނިވިފައި އޮތުމުން، ލިއުޝާއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ.

"އަހަރެން މިދަނީ ގެއަށް. މިއަދު ޑިއުޓީ ކޮންޓިނިއު އެއް ނުކުރެވޭނެ." ލިއުޝާ ހަލުވިކޮށް ހިނގައިގަތީ ހޮސްޕިޓަލުން ނުކުންނަން އިންނަ މައި ދޮރާއި ދިމާލަށެވެ. އެވަގުތު ލިއުޝާާގެ ހިތް ބާރު ދުވެލީގައި ރޭސް ޖަހަމުން ދިޔައެވެ. ޒީނާ ފުންކޮށް ނޭވާއެއް ލަމުން، ޑިއުޓީއާ އެކު ކުރިއަށް ދިޔައެވެ.

***

ގޭގެ ދެކޮޅަށް ހައިޝަމް ހިނގަމުން ގެންދިޔައީ ހެލިހެލި އޮތް ހިތަކާއި އެކުގައެވެ. ހައިޝަަމްގެ ހިތަށް ހީވަނީ ބިންހެލުމެއްގެ އަސަރުކޮށްފައިވާ ހެންނެވެ. ބައެއް ފަހަރު ސޯފާގައި، އަނެއްބައި ފަހަރު ސިޓިންގރޫމްގެ ތަށިމުށިިގަނޑު މައްޗަށް ހައިޝަމް ދިޔައީ ޖެހެމުންނެވެ. ހައިޝަމްގެ ހިތާއި ސިކުނޑިއަށް ތުރާތައް ލިބެނީއެވެ. ޤަބޫލު ކުރަން ބޭނުން ނުވާ ވާހަކަތަކުން، ހައިޝަމްގެ ހިތް، ހައިޝަމަށް އުނދަގޫ ކުރަނީއެވެ. އަނިޔާ ދެނީއެވެ.

ލިއުޝާ ވަރަށް އަވަސްކޮށް އޭނާ ދިރިއުޅެމުންދާ އެޕާރޓުމެންޓުގެ ދޮރު ހުޅުވައިލިއެވެ. ހަމަ އެއާއި އެކު، ލިއުޝާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ސިޓިންގރޫމްގެ ތަށިމުށިގަނޑު މަތީގައި ކުޑަކަކޫ ޖަހައިގެން އިނީ ހައިޝަމެވެ. ހައިޝަމްގެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމާއި، މާޔޫސް ކަމެެވެ.

"ލިއު.." ހައިޝަމް ކުއްލިއަކަށް ތެދުވެގެން ގޮސް ހުއްޓުނީ ލިއުޝާގެ ކުރިމަތީގައެވެ. އެއްވެސް އެއްޗެއް ނުބުނެ ލިއުޝާ ހުރި ފިޔަވަޅުމަތީގައި ގަނޑުވި ކަހަލައެވެ.

"ކޮންތާކުން ތިއައީ؟" ހައިޝަމްގެ ދެލޮލުގެ ކަޅި ހުއްޓިފައި ވަނީ ސީދާ ލިއުޝާއަށެވެ.

"ހަ. ހައި." ލިއުޝާގެ އަނގައިން އަޑެއް ބޭރެއް ނުވިއެވެ.

"އަހަރެން ލިއުއަށް ވަރަށް އިތުބާރު ކުރިން. އަދިވެސް އެ އިތުބާރު އެގޮތުގަ އެބައޮތް.. އެކަމު، މިއަދު އަހަރެންނަށް އަޑު އިވުނީ އަހަރެން އަޑު އަހަން ބޭނުންވާ ވާހަކަތަކެއް ނޫން." ހައިޝަމް ދައްކަމުން ދިޔަ ވާހަކަތަކުން، ލިއުޝާ އިތުރަށް ޖެހިލުންވާ ފެށިއެވެ.

"ކާކާ އެކު އުޅެފަ ތިއައީ؟ މިފްޒާލް އެއީ ލިއުގެ ކާކުތަ؟" ހައިޝަމް ކޮށްލި ސުވާލުން، ލިއުޝާއަށް ހީވީ އޭނާގެ ހިތް، އޭނާގެ ހަށިގަނޑުން ބޭރަށް ނުކުމެގެން ދިޔަހެންނެވެ. ކޮންމެވެސް ވާހަކަތަކެއް މިފްޒާލް ދެއްކީކަން ލިއުޝާއަށް ރޭކައިލިއެވެ.

"މިފްޒާލް ދައްކާ ވާހަކަ ޤަބޫލު ނުކުރައްޗޭ!" ލިއުޝާ ތެޅިގެންފައި، ކުއްލިއަކަށް ބުނެލިއެވެ.

"އެއީ؟" ހައިޝަމް ބަލަން ހުރީ ލިއުޝާގެ މޫނަށެވެ. ލިއުޝާ ވަގުތުން އިސްޖެހުނެވެ. އަދި ވަގުތުން ހިމޭންވިއެވެ. އެ ހިމޭން ކަމުގެ ތެރެއިން، ލިއުޝާގެ ލޮލުގެ އެސްފިޔަތައް ތެތްމައިލީ ކަރުނައިގެ ހިމަ ތިކިތަކުންނެވެ. ލޮލުގެ ބޮޑިއަށް ޖަމާވެފައިވާ ކަރުނަތަކާއި އެކު، ލިއުޝާ އިސްނަގަމުން ބަލައިލީ ހައިޝަމްގެ ސީދާ ދެލޮލަށެވެ. އަދި ވަރަށް ހިތްވަރުކޮށް މިފްޒާލްގެ ޙަޤީޤަތް ހައިޝަމަށް ކިޔައިދިނެވެ. ރަޝިޔާ ގައި ކިޔެވި ދުވަސްތަކުގައި މިފްޒާލް ލޯބި ހުށައެޅި ކަމާއި، ވަޒީފާގެ މާޙައުލުގައި ވެސް އޭނާގެ އުދަނގޫ ފޯރަން ފަށައިފައިވާ ކަމަށް ލިއުޝާ ބުންޏެވެ. އަދި މީގެ އިތުރުން މިފްޒާލަކީ ލިއުޝާގެ ދިރިއުޅުން ހަލާކު ކުރަން އުޅޭ މީހެއްގެ ގޮތުގައި ލިއުޝާ ސިފަކުރިއެވެ. އެހުރިހާ ވާހަކައެއް ހައިޝަމް އަޑު އަހަމުން ދިޔައެވެ.

"އަހަރެންނަށް މާފު ކުރޭ! އަހަރެން ޤަބޫލު ކުރަން މިކަން ސިއްރު ކުރުމަކީ އަހަރެންގެ ކުށްކަން. ތެދަށް ބުނަންޏާ އަހަރެން މިކަން ސިއްރު ކުރީ އިތުރު ކަމަކާ ވިސްނަން ހައިޝަމަށް ޖާގަ ނުދޭން ވެގެން. އަހަރެން ބެލީ މިކަން އަމިއްލައަށް ހައްލު ކުރަން. އަހަރެންނަށް ވަޒީފާ ވެސް ވަރަށް މުހިންމުވީމަ. އެކަމު، އަހަރެން ދެން އިތުރަށް އައިޖިއެމްއެޗްގަ އުޅޭކަށް ބޭނުމެއް ނޫން. އައިމް ސޮރީ ހައިޝަމް." ލިއުޝާ މޫނުމަތީގައި އަތް އަޅައި ރޯން ފެށިއެވެ. ހައިޝަމް މަޑުމަޑުން އައިސް ލިއުޝާގެ ގައިގައި އޮޅުލައިގަތެވެ. އަދި ހައިޝަމްގެ ދެއަތުން ލިއުޝާގެ އުނަގަނޑު ވަށައިލިއެވެ.

***

ހަވީރުގެ ފިނިފިނި ވަގުތެވެ. ޝިޔާދާއި މިފްޒާލް އިނީ ރަސްފަންނުގައި އިށީންދެގެންނެވެ. މިފްޒާލް މަޑުމަޑުން އޭނާގެ ޖީބުގައި އޮތް ލައިޓަރު ނަގައި، އަތުގައި އޮތް ސިނގިރޭޓު ރޯކޮށްލިއެވެ.

"ކައެ އަދިވެސް ނައްޓާފަ ދޯ؟" ތުނބުގައި ސިނގިރޭޓު ޖައްސައި ދަމައިލަމުން، މިފްޒާލް ބަލައިލީ ޝިޔާދުގެ މޫނަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ބްރޯ ތިކުރީ ކަޑަ ކަމެއް. ނޭނގެ މިހާރު ކަންތައް ގޮސްފަ އޮންނާނެ ހިސާބެއް ވެސް." ހަށިފުރާ ނޭވާއެއް ލަމުން ޝިޔާދު ބަލައިލީ މިފްޒާލްގެ ސިނގިރޭޓުން އަރަމުންދާ ދުންތަކަށެވެ.

"ކޮންކަމެއް؟ ކައެ ދެން މާ ޞޯލިހު ވަނީ ވިއްޔާ. ބަލައްޗޭ! އަހަރެން ލިއު ހާސިލު ކުރާނަން. އެއީ ހަމައެކަނި އަހަރެންގެ ލިއު. އެކަން އަހަރެން ކާމިޔާބުކޮށްފަ ނޫނީ ހުއްޓައެއް ނުލާނަން. ކައެ ދެން ބްރޯ އެކަމާ ނުބެހެ ބަލަ! ޕްލީޒް." މިފްޒާލްގެ އަނގައިން ދުންތައް ބޭރުކޮށްލަމުން އޭނާ ބަލައިލީ ޝިޔާދަށެވެ. ދެފަރާތަށް ބޯހުރައިލަމުން، ނާއުއްމީދާއި އެކު، ޝިޔާދު ދެއަތް ދެއަތަށް ކާއްތައިލިއެވެ.

***

ރޭގަނޑުގެ އަނދިރިކަމުން މުޅި ކައުނު ބައްދައިލިފިއެވެ. ހުޅުމާލޭގެ ތަނަވަސް މަގުތަކުގައި ސައިކަލު ދުއްވާފައި ގޮސް މިފްރާހު ސައިކަލު މަޑުކޮށްލީ ފޭސް ޓޫ ސަރަޙައްދުގައެވެ. އަަދި ސައިކަލުން ފައިބަމުން މިފްރާހުގެ ނަޒަރު އަމާޒު ކޮށްލީ ސައިކަލުގެ ފަހަތު ޝީޓުގައި އިން ހައުލާއަށެވެ.

"ހައު!" މިފްރާހު މަޑުމަޑުން ގޮވައިލިއެވެ. ހައުލާ ލަދުރަކިކޮށް ހީނލަމުން ސައިކަލުން ފޭބިއެވެ. އޭރު އެސަރަހައްދަށް އެތައް ބަޔަކު ވަނީ އެއްވެފައެވެ. އެންމެންގެ ހަރަކާތްތައް ހުއްޓިފައި ވަނީ ރެދަންގެ ޗާލު ކަމަށެވެ.

"ހިނގާ ދާން ދޯ؟ ރެދަން ބަލާލަން." މިފްރާހު ހިފައިލީ ހައުލާގެ އަތުގައެވެ. މީހުން ގިނަކަމުން ލަދުން ހުރެ ހައުލާ، މަޑުމަޑުން ދޮންވެލިގަނޑުގެ ތެރެއިން ފިޔަވަޅު ނަގަމުން ހިނގައިގަތީ މޫދާއި ކައިރިއަށެވެ.

އަޒަލިއްޔަ ޤާނޫނުގެ ފުރިހަމަކަން ކިތަންމެ ހާވެސް ބޮޑަށް މުޅި ސަރަހައްދަށް ވަނީ ފެތުރިފައެވެ. އުނޑުމަތީގައި އެކި ކުލަ ކަލައިގެ ތަރިތައް ވިދާ ބަބުޅަމުން ދިޔަ އިރު، އެތަރިތައް ފަދަ ވިދުން ގަދަ ތަރިތަކެއް ދިޔައީ އެ ސަރަހައްދުގެ ރާޅުދޫފަށުގައި ރަނިކަން ކުރަމުންނެވެ. މަޑުމަޑުން ގޮނޑުދަށަށް ބީއްސާލާ ރާޅުތައް މަޑު، ހިތްގައިމު މިޔުޒިކެއް ފަދައިން އިވެމުންދާ އިރު، ރާޅުފޮނަތަކުގެ ތެރެއިން އެ ވިދުން ގަދަ ރެދަންތައް ފަރިވެ، ޖަރީވަމުން ދިޔައެވެ. ގިނަ ބަޔަކު ފޮޓޯ ނަގައި އެޗާލުކަން މީސްމީޑިއާ ގައި ޙިއްޞާ ކުރަމުން ދާއިރު، މިފްރާހު ގެންދިޔައީ ރެދަން އެޅިފައިވާ ހިތްގައިމު މަންޒަރާއި އެކު، ރީތިރީތި ހައުލާގެ ފޮޓޯތައް ވެސް ނަގަމުންނެވެ.

ރެދަންގެ މަންތަރުގައި ޖެހިފައިވާ މިފްރާހާއި ހައުލާއަށް ހޭވެރިކަންވީ ކުއްލިއަކަށް މިފްރާހުގެ ފޯނު ރިންގުވާން ފެށި އަޑަށެވެ.

"ދޮންބޭ! ބުނީމެއްނު މިއަދު ފަހަރީ ދައްކާނަމޭ. އެކަމު މިއަދު މިއޮތް ނިމެނީ.." ފޯނު ނެގި ގޮތަށް މިފްޒާލް ބުނެލިއެވެ.

"ދޮންބެ ހަނދާން އެބަހުއްޓޭ! މިދަނީ ހަމަ ގެއަށް." މިފްރާހު ކަންފަތުން ފޯނު ތިރިކޮށްލަމުން ހިނިތުންވުމަކާއި އެކު ބަލައިލީ ހައުލާއަށެވެ.

"ހިނގާ ގެއަށް! ކޮއްކޮއަށް އިންޓްރޮޑިޔުސް ވެލަން." މިފްރާހާ އެކު ހައުލާ ގޮސް އެރީ ސައިކަލަށެވެ.

***

މިފްޒާލުގެ ހިތުން އޭނާ ކުރަމުން ދިޔަ ދުޢާ އަކީ އެ އަންހެނުން ކުއްޖާ އަކީ އޭނާ ދަންނަ ހައުލާއަށް ނުވުމަށެވެ. އޭރުން ކަންތައް މުޅިން ދާނީ ގޯހުން ގޯހަށްކަން މިފްޒާލަށް އެނގޭތީއެވެ. އެ ފިކުރުތަކާއި ޚިޔާލުތަކުގައި ވަނިކޮށް ކުއްލިއަކަށް މިފްޒާލަށް އިވުނީ އޭނާ އުޅެމުންދާ އެޕާރޓުމެންޓުގެ ދޮރު ހުޅުވުނު އަޑެވެ. ގެއިން އެތެރެއަށް ފުރަތަމަ ވަނީ މިފްރާހެވެ. ނޭވާ ހިފަހައްޓައިގެން ހުރި މިފްޒާލްގެ މޫނުމަތިން ފެންނަނީ ބިރެވެ. މިފްރާހުގެ ފަހަތުން ހައުލާ ވަނުމާއި އެކު، މިފްޒާލް ހިފެހެއްޓި ނޭވާއަށް ވީގޮތް ވެސް ޚުދު އޭނާއަށް ވެސް ނޭނގުނެވެ. ދެލޯ ބޮޑުކޮށްލަމުން، މިފްޒާލަށް ފަހަތަށް ފިޔަވަޅެއް ނެގުނެވެ. ހައުލާއަށް ހީވީ އޭނާގެ ބޯމައްޗަށް ހޮނު ދަގަނޑު ބުރިއެއް ވެއްޓިގެން ދިޔަހެންނެވެ. ދެމީހުން ދެމީހުންނަށް ދެލޯ ބޮޑުކޮށްގެން ބަލަން ފެށިއެވެ. (ނުނިމޭ)