ވާހަކަ

ކާޝް

(20ވަނަ ބައި)

"ކަލޭމެން ހީކުރީތަ އެހައި ފަސޭހައިން އަހަރެންގެ ފުރާނަ ދޫކޮށްލާނޭ؟" ވަރުޖީން ލާނެތް ރާގެއްގައި ހެމުން ބުނެލިއެވެ. "އަހަރުމެންނަކީ ވައުދެއް ވެއްޖެ ނަމަ އެއަށް އިހުތިރާމުކުރާ ބައެއް. ކަލޭމެންނާއި އަހަރުމެންގެ ތަފާތަކީ ވެސް އެއީ. އަހަރެން ވައުދުވީ ކޮންމެ ހާލެއްގައި ވެސް ކަލޭމެންގެ ބާރު ކަނޑުވާލަން އެހީތެރިވުން. ކަލޭމެންގެ އާއިލާއަށް ފޫނުބެދޭވަރުގެ ގެއްލުމެއް ދިނުން. ސާހިބާއާ ހަމައަށް ކަލޭމެން ގެންދިޔުން."
ނަޖުމާ ހާސްވާކަމަށް ހަދައިލަމުން އޭނާގެ އަސާގަނޑު ހިއްލައިލަން މަސައްކަތްކުރިއެވެ.
"ނަގާ! އަހަރެންގެ ގައިގާ ޖައްސާ ކަލޭއަށް އެއްވެސް ކަމެއް ދެން ނުކުރެވޭނެ. ކަލޭގެ ދެ ދަރީންގެ ދުވަސްވެ ދާނީ ކަލޭ ބަލަން ހުއްޓާ." ވަރުޖީން ފަހަތަށް ޖެހިލިއެވެ.

ނަޖުމާ ލަސްލަހުން އަސާގަނޑު މުށިގަނޑުގައި ޖަހައިލިއެވެ. ނަމަވެސް އެއްވެސް ތަފާތު ކަމެއް ފާހަގައެއް ނުކުރެވެއެވެ. ކުރިން އެރި ކަހަލަ ރޮނގުތަކެއް ވެސް، ބޯޅަތަކެއް ވެސް ނާރައެވެ. ވަރުޖީން ތުންފަތުގައި ވިހަ ހިނިތުންވުމެއް ދުވެގަތީ އެހެންވީމައެވެ. އޭނާއަށް ހިތްހަމަ ޖެހިލައިގެން ފުން ނޭވާއެއް ދޫކޮށްލެވުނީ ވެސް އެހެންވީމައެވެ.

"ތަޅާ، ތަޅާ. ބިންމަތީ ތަޅާ މުށިތައް ކުދިކުދިކޮށްލާ، ކިތައްމެ ވަރަށް ތެޅިޔަސް ތިޔަ ދަނޑިގަނޑަކުން ދެން ކަމެއް ނުވާނެ." ވަރުޖީން ހޭންފެށިއެވެ.

މުޅި ތަނުގައި ގުގުމަންފެށީ އޭނާގެ ބަރު އަޑެވެ. ހީވަނީ ބޯފަޅައިގެން ހިނގައިދާނެ ހެންނެވެ. އެއަޑު އަންނަނީ ވެސް އެކި ފަހަރު އެކި ދިމަދިމާއިންނެވެ. އެއްފަހަރު މަތިންނެވެ. އަނެއް ފަހަރު ފަހަތުންނެވެ. އަނެއްބައި ފަހަރު ވަރުޖީންގެ އަނގައިންނެވެ. ބައެއް ފަހަރު ތަޅުންގަނޑުން ވެސް އޭނާގެ ހުނުމުގެ އަޑު އިވޭ ކަހަލައެވެ.

އައިރީން ބަލައިލީ އަތުގައި އޮތް އަނގޮޓި އަށެވެ. އޭނާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އެހެންވެ އޭނާ ސޯފާއިން ތެދުވިއެވެ. ވަރުޖީންގެ މޫނަށް ބަލައިލަމުން ބާރުބާރު ހަޅޭއްލަވާގަތެވެ. ނަޖުމާއަށް ބަލައިލެވުނީ އައިރީންއާ ދިމާއަށެވެ. ވަރުޖީން ވެސް ފާޑަކަށް ޖެހިލުންވެ ހުރެ އައިރީންއާ ދިމާއަށް ބަލައިލިއެވެ. އޭރު ވެސް އައިރީން ބާރުބާރަށް ހަޅޭއްލަވަމުން ކުރިއަށް އަންނަނީއެވެ.

"ކަލޭ ހީކުރީ ކަލޭއަށް އެކަނި ކަމަށްތަ ހަޅޭއްލެވޭނީ؟" އައިރީން ބާރުބާރަށް ބުނެލިއެވެ.
"އާނ! ކަލޭ މަށާ ޖަދަލުކޮށް ޒުވާބު ކުރާން ވެސް ފެށީތަ؟" ވަރުޖީން ބަރު އަޑަކުން ބުނެލިއެވެ.
"އާނ! ކަލޭއަށް އެއްކަމެއް ވެސް ނުކުރެވޭނެ. ކަލޭ ޖެހޭނީ ސައިޒުވާން." އައިރީން ދެއަތުގެ އިނގިލިތަކާ ކުޅެމުން އަނގޮޓި އޮތް އިނގިލި ހިއްލައިލިއެވެ.
"އޭ މިހިރަ ނިކަމެތި އިންސާނާ، ކަލޭމެންނަށް ކުޑަކުޑަށް އެއްޗެއް ލިބުނަސް ހާދަ ބޮޑާވެލައެދޯ. ކަލޭމެން ހީކުރަނީ ކަލޭމެންހާ ބާރުގަދަ ބަޔަކު ނުތިބޭނޭ؟" ވަރުޖީން ރުޅި އަންނަ ގޮތް ދައްކާލިއެވެ.
"ކަލޭމެން ހީކުރަނީ ކަލޭމެން އަހަރުމެންގެ ލޯމައްޗަށް ނުފެނި އުޅެވޭތީ ކަލޭމެންނަކީ މާ މޮޅު، މާ ބާރުގަދަ ބައެއް ކަމަށްތަ؟ އެއީ ކުށްހީއެއް. އިންސާނުންނަކީ ވަރަށް ބާރުގަދަ ބައެއް. ކަލޭއަށް އޮޅިގެން ތި އުޅެނީ." އައިރީން ހިފައިލީ ފަހަތުން ނަޖުމާގެ ކޮނޑުގައެވެ.
"އޮޅިގެން މިއުޅެނީ މަށަށްތަ؟ ކަލޭމެން އިންސާނުންހާ އަމިއްލަ އެދުން ބޮޑު ބައެއް ކޮބާ؟ ކަލޭމެންހާ ނުބައި ބައެއް ކޮބާ؟ މުޅި ބިން ފަސާދަކުރީ ކަލޭމެން. ތަނުގެ ސުލްހަ މަސަލަސްކަން ނަގައިލީ ކަލޭމެން. މީހުން ދިރިއުޅޭން ހެޔޮނުވާ ތަނަކަށް މި ތާހިރު ބިން ހަދައިލީ ކޮންބައެއް؟ އަހަރުމެންތަ؟ ނޫނީ ކަލޭމެންތަ؟" ވަރުޖީން ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.
"ކަލޭމެން ކީއްވެގެންތަ އަހަރުމެން ނަސްލަށް އަޅައިގަނެގެން ތިއުޅެނީ؟ ކަލޭމެން ކަލޭމެން ތެރޭގައި އުޅެންވީނުންތަ؟ ކީއްކުރަންތަ މާ ވެގަނެގެން މި ބިމަށް އަންނަންވީ؟" އައިރީން ދެ ލޯ އަޅައިލިއެވެ.
"ކަލޭ ތިޔަ ސުވާލުކޮށްބަލަ ވާން އުޅޭ މައިދައިތަ އަށް. އޭނާ ގާތު އަހައިބަލަ. އޭނާއަށް ތާހިރު ޖަވާބެއް އުފައްދަން ވެސް ނޭނގޭނެ." ވަރުޖީން މަލާމާތުގެ ރާގުގައި ބުނެލިއެވެ.
"ބަލަ ކަލޭއަކީ އަހަރުމެން ކަހަލަ އިންސާނެއް ނޫނޭ. މަ މި ވާހަކަދައްކަނީ އިންސާނަކާ ނޫނޭ. މާ މޮޅުވެގެން، މަ ބޮޑޭވެގެން އުޅޭ ޖިންނިއާއޭ." އައިރީން ދެ ލޯ ވަށްކޮށްލަމުން ބުނެލިއެވެ.
"އަހަރުމެންނަށް ކަންކަން ހަވާލުކުރަނީ ކަލޭމެންގެ ތެރެއިން އަމިއްލަ އެދުން ބޮޑުވެގެން، ދުނިޔޭގެ ދަޅައަށް ހެއްލިގަނެގެން އުޅޭ މީހުންނެއް ނޫންތަ؟ މީހަކު ކުރިއަރާ ހިނގައިދާނެތީ، މީހަކަށް މޮޅެއް ލިބިދާނެތީ، ބަޔަކު އުފަލުގައި، ތަނަވަސްކަމުގައި ހިތްހަމަ ޖެހިލައިގެން އުޅޭތަން ބަލަން އުނދަގޫވަނީ އަހަރުމެންނަކަށް ނޫނޭ. ކަލޭމެންގެ މީހުންނަށޭ. މާ އާއިލާ ވެގެން އުޅޭ އާއިލާ މީހުންނަށޭ،" ވަރުޖީން ވެސް ދަތްކުނޑި ވިކައިލައިގެން ހުރެބުނެލިއެވެ. "ހިތުން އުޅޭނީ އާއިލާ ވެގެން، އެކަމަކު ކާންދޭނީ ތަވީދު، ބޯންދޭނީ ސިހުރު، ހުވަނދުލާނީ ހަސަދަވެރިކަމުން، ފެންވަރުވާނީ އެސްފީނާއިން. މި ކަލޭމެން އިންސީންގެ ވައްތަރެއްނު."
"ބަލަ ކަލޭމެން ތީ ވަކި ސަހަލު ބައެއްތަ؟" ނަޖުމާއަށް ކެތެއް ނުކުރެވުނެވެ. "އަހަރެންގެ ބަނޑުއަޅައި ވިހޭ ދަރިފުޅު މައިމީހާގެ ފިރުމުންތަކަށް އެދިއެދި އޮއްވާ ޖަހައިގަނެގެން ގެންދިޔައީ ކާކުތަ؟ އެ ކުއްޖާފުޅު ބަނޑުހައިވެގެން ދިހިދިހި އޮތް އިރު އެކަން އަހަންނަށް އިހުސާސްވޭ، އެކަމަކު ކަލޭމެންގެ މީހުންނަށް އެކަން އިހުސާސް ވެސް ނުވޭ. ކަލޭމެން އެ ކުއްޖާ ފުޅަށް ދިނީ ހަމްދަރުދީތަ؟ ފެންވެރުވީ ލޯބީގެ ކަންވާރުންތަ؟ ކަލޭމެން އިންސީންނަށް ދެނީ މާމުތުގެ އާރުތަކެއްތަ؟ ބުނެބަލަ. މޮޅެތި ވާހަކަ ނުދައްކާ ކިޔައިދީބަލަ."
"ތި ހުރިހާ ކަމެއް ވެސް ކުރީ ކަލޭއެއް ނޫންތަ؟ ތި ކަމުގައި ޒިންމާ ވާންޖެހޭނީ ކަލޭ އެއް ނޫންތަ؟ ހުރިހާ ކަމެއް އެނގިއެނގި ހުރެ ކަލޭ އަމިއްލައަށް އެ އަލިފާންގަނޑު ތެރެއަށް ފުންމާލީއެއް ނޫންތަ؟ ތި ހުރިހާ ސުވާލެއް ކަލޭ އަމިއްލަ ނަފުސަށް ކޮށްބަލަ." ވަރުޖީން ވެސް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.

މުޅި ތަނުން އިވެމުން ދިޔައީ ޒުވާބުގެ ހޫނު އަޑެވެ. އެކަކު ވެސް ދޫދޭކަށް ބޭނުމެއް ނުވެއެވެ. އެކަކު ނުނިމެނީސް އަނެއްކަކު ފަށައެވެ. ބައެއް ފަހަރު ދެމީހުން އެކުގައި ވެސް ފަށައެވެ.

"މޮޅެއްނު، ކަލޭމެންނަކީ އިބިލީހުން، ކަލޭމެން ދައްކާނެތަ ރަނގަޅު ވާހަކައެއް؟ ހެޔޮ ބަހެއް ބުނާނެތަ؟ ކަލޭމެން އޮންނާނީ އެހެން މީހުން ބޮލުގައި އިލްޒާމު އެޅުވުން. ފިތުނަ އުފެއްދުން، އަބަދުވެސް އޮންނާނީ މީހުންނަށް ގެއްލުން ދިނުން،" ނަޖުމާގެ ކޮނޑުގައި އައިރީން ބާރަށް ހިފަހައްޓައިލިއެވެ. "ދެން ބުނާނީ އެވެނި މިވެނި މީހަކު ތިމަންނައާ މިވެނި ކަމެއް އެވެނި ކަމެއް ހަވާލުކުރީއޭ. އޭނާ ބުނީ މިހެންނޭ އެހެންނޭ ކިޔުން."
"ކަލޭ ކިތައްމެ ނުރުހުނަސް، އެކަން ހިނގަނީ އެހެން. އެކަންވަނީ ވެސް އެހެން. އަހަރުމެން ކުރާކަމަކީ އަހަރުމެންނަށް ހަވާލުކުރާ މަސައްކަތް ނިންމުން. ވައުދެއް ވެއްޖެ ނަމަ އެއަށް އިހުތިރާމުކުރުން." ވަރުޖީން ލާނެތް ގޮތަކަށް ބަލައިލިއެވެ. "ކަލޭގެ މައިދައިތަ ގާތުގައި އަހައިލަބަލަ ޖިންނިއަކަށް ދަރިން ވިހެއީ ކީއްވެހޭ؟ ޖިންނިއެއްކަން އެނގިއެނގި ހުރެ ވެސް ކާވެނި ކުރީ ކީއްވެހޭ؟ އޭރުން މިދައްކާ ވާހަކައެއް އެނގޭނެ."
"އަހަރެން ނޫޅެން އެކަން ފޮރުވާކަށް ސިއްރުކުރާކަށް." ނަޖުމާ ބާރުބާރަށް ބުނެލިއެވެ.
"ދެން ކީއްވެ މި ހުރިހާ ދުވަހު ނިޒާމުން ގެއްލިގެން، މުޖުތަމައުން ހަވާސާވެގެން ގެއަށް ވަދެ ހަތަރުފާރު އެތެރެއަށް ވަދެގެން ތިއޮތީ؟" ވަރުޖީން ޖެއްސުމުގެ ރާގުގައި ބުނެލިއެވެ.
"އާނ! އަހަރެން ރާޒް ދެކެވީ ހަގީގީ ލޯބި. އޭނާގެ ފަރާތުން އަހަންނަށް ލިބުނީ އޯގާތެރިކަން. ރައްކާތެރިކަން. އަޅައިލުން. އެއީ ކަލޭ ހީކުރާ ކަހަލަ ކަމެއް ނޫން. އަހަންނާ ރާޒް ބައްދަލުކުރަނީ އިންސިއެއްގެ ހައިސިއްޔަތުން. އޭނާ އުޅެނީ ކަލޭ އުޅޭހެން މީހުންނަށް ގެއްލުންދީ އުޖޫރުވެރިއެއް ހެދިގެންނެއް ނޫން،" ނަޖުމާ ހިތްހަމަ ނުޖެހުނެވެ. "އަހަރުމެންގެ ދެ ދަރިންނަކީ ކަލޭމެންނަށް ވުރެ ބާރުވެރި ދެ ކުދިން. އަހަރުމެންގެ ނަސްލާއި ކަލޭމެންގެ ވެސް ނަސްލު، ދެ ނަސްލު ހިއްސާކުރާ ކުދީން ވީމަ ކަލޭމެން އެކަމާ ހަސަދަވެރިވަނީ. އެކަން ބޭނުންވަނީ. ކަލޭއަށް ތިއޮތީ އޮޅިފަ. ދެން ކަލޭއަށް އޮންނާނީ މަރު."

ނަޖުމާ އަނެއްކާ ވެސް އަސާގަނޑު ބިމުގައި ޖައްސާލިއެވެ. އެކަމަކު އެއިން އެއްވެސް އިތުރު ކަމެއް ނުވެއެވެ. އައިރީން ބަލައިލީ އޭނާގެ އަތުގައި އޮތް އަނގޮޓި އަށެވެ. އޭނާ އަނގޮޓީގެ އެސް ވަރުޖީންއާ ދިމާކޮށްލަމުން ލޯ މަރައިލިއެވެ. ނަމަވެސް އެއްވެސް ކަމެއް ނުވެއެވެ. އައިރީނަށް އެކަން އިހުސާސްވެގެން ލޯ ހުޅުވާލިއެވެ. ވަރުޖީން ބާރުބާރަށް ހޭންފެށިއެވެ.

"އަނގޮޓި ދިއްކުރޭ. އަސާގަނޑުން ކިއްލިތަޅާ. އެއްވެސް ކަމެއް ނުވާނެ." ބާރުބާރަށް ވަރުޖީން ހެމުން ދިޔައެވެ.
ވަރުޖީން ބަލައިލީ އޭނާ ހިފަހައްޓައިގެން ހުރި އައިޝަމް އަށެވެ. އައިޝަމްގެ ކަނދުރާވަނީ އެއްފަރާތަށް އެލިފައެވެ. ގައިގައި ފުރިހަމައަށް ވަރެއް ނުހުރެއެވެ. މީހާ ހީވަނީ އެލިމޭލިވެފައިވާ ގަހެއްގެ ފަތްތައް ހެންނެވެ.
"ދެން ކަލޭމެންގެ ދުވަސް މި ދިޔައީ. ދެން ކަލޭމެން ޖެހޭނީ އަހަރެން ބުނިއްޔާ ބުނިހާ ކަމެއް ކުރާން." ވަރުޖީން ހޭންފެށިއެވެ.
ވަރުޖީން ލައިގެން ހުރި ހެދުމުގެ ޖީބަށް އަތްކޮށްޕައިލިއެވެ. ޖީބުން ނެގީ ސިރިންޖެއް ކަހަލަ އެއްޗެކެވެ. އޭގައި ހުރީ ކިރުގަރުދިޔަ ކުލައިން ދިއްލިފައިވާ ދިޔާ އެއްޗެކެވެ. ވަރުޖީން ލަސްލަހުން އެ ނަގައި ކަށި ހެޔޮވަރުކޮށްލިއެވެ. އެއް އަތުން އައިޝަމްގެ ގައިގައި ހިފަހައްޓައިގެން ހުރެއެވެ.
"ދެން މާ މޮޅުވެގެން އުޅުނު ކާޝްގެ ވާހަކައިގެ ނިންމުން ލިޔަންވީ. އޭނާގެ ވާހަކަ ނިމުނީ،" ވަރުޖީން ހޭންފެށިއެވެ. "ކިރިޔާ ވެސް ބާރެއް ލިބޭއިރަށް ފުއްޕައިގެން އުޅެންޏާ ވާނީ މިހެން. ދެން އޮތީ އަނިޔާއާއި ވޭން ތަހައްމަލުކުރުން. ކަލޭމެން އެންމެން ޖެހޭނީ އަހަރުމެންގެ ލެބުގައި މަރު ދުވަހާ ހަމައަށް ދުވަސްތައް ގުނާން. މަރުވުމަށް ފަހު ވެސް ކަލޭމެންނަށް އޮތީ ލެބް. ތިއީ އަހަރުމެން ދިރާސާކޮށް އީޖާދުތައް އީޖާދުކުރުމަށް ބޭނުންކުރާނެ ހަށިތައް."
"ކަލޭ ހީކުރީ ބާރަކީ ކަލޭމެންނަށް އެކަނި ލިބޭ އެއްޗެއް ކަމަށްތަ؟ އަހަރުމެން އިންސާނުންގެ ސިކުނޑިއަށްވުރެ ބާރުގަދަ ބޮޑު ނިއުމަތެއް އެއްވެސް ބަޔަކަށް ނުދެއްވާ. ކަލޭއަށް ނުވިސްނުނީތީ އަހަރެން ހައިރާން ވެއްޖެ. ކަލޭ ތިހާ ބާރުގަދަ މީހާގެ ސިކުނޑިއަށް ހަމަޖެހޭ ބުއްދިއެއް ވެސް އުފަން ނުކުރެވުނެއްނު،" ނަޖުމާ ހޭންފެށިއެވެ. "ކަލޭ ހީކުރީ އައިރީންގެ އަނގޮޓި ބަދަލުކުރީމަ ދެން ހުރިހާ ކަމެއް ނިމުނީ ކަމަށްތަ؟ އަހަރެން ގަސްތުގައި އަސާގަނޑު ބަދަލުކުރީ ކަލޭގެ މަކަރުވެރިކަން ވަޒަންކޮށްލަން. އެކަން ވަރަށް ސާފުކޮށް ފެނިއްޖެ. ދެންވެސް ބުނާނެ އިންސާނުންނޭ ހަމަނުޖެހެނީ، ބުއްދި ނުހުންނަނީ."

ނަޖުމާ މަލާމާތުގެ ރާގުގައި ވާހަކަދެއްކިއެވެ. އޭނާއާއި ހިމޭޝްއާ ދެމީހުން ރޭވި ކަންކަމާ ގުޅޭގޮތުން އޭނާ ވާހަކަދެއްކިއެވެ. ނަމަވެސް އެދެއްކި ވާހަކަތަކެއް ވަރުޖީނަކަށް މޭރުމެއް ނުވިއެވެ. އޭނާ ވާހަކަ ބައްޓަން ކުރި ގޮތުންނެވެ. އެހައި މަތިމަތިން ވާހަކަ ކުރިއަށް ގެންދިޔައީމައެވެ.

"މަ ނެތިން ވަގުތު ބޭކާރު ކުރާކަށް." ވަރުޖީން ސިރިންޖުގެ ކަށި އައިޝަމްއާ ދިމާކޮށްލިއެވެ.
"ހިމޭ." ނަޖުމާ ބާރުބާރަށް ގޮވާލިއެވެ.

ހިމޭޝް ކޮޓަރީގެ ދޮރު ހުޅުވާލަމުން ބިންމަތީގައި އަސާގަނޑު ޖަހައިލިއެވެ. އެއަޑަށް ވަރުޖީން ބަލައިލިއެވެ. އޭނާއަށް ބަލައިލެވުނީ މުށިގަނޑު މަތީގައި އެނބުރޭން ފެށި ކުލަތަކަށެވެ. އަސާގަނޑުގެ ވަށައިގެން އެނބުރެމުން ދިޔަ ބޯޅަ ތަކަށެވެ. އަނެއްކާ ވެސް ހިމޭޝް އަސާގަނޑުން ޖަހައިލިއެވެ. އޭނާ އަވަސް ހަރަކާތްތަކަކާ އެކު ދުވެފައި ގޮސް ވަރުޖީންގެ ގައިގައި އަސާގަނޑުގެ ކޮޅު ޖައްސާލިއެވެ. ވަރުޖީންގެ ގައިގައި އަސާގަނޑުން ޖެހުނުތަން ކުދިކުދިވެގެން ހިމުން އަނދުނަށް ބަދަލުވެ މައްޗަށް އަރަންފެށިއެވެ. އެ ހަރަކާތް މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ. އޭނާގެ އަތު ތެރޭގައި އޮތް އައިޝަމް ވެސް އަތުން ދޫވިއެވެ.

ހިމޭޝް ހުރީ ހުސިޔާރުވެގެންނެވެ. އޭނާ ގެނައި ކުއްލި ހަރަކާތަކާ އެކު އައިޝަމްގެ ގައިގައި ހިފައިލިއެވެ. އައިޝަމް ގެންގޮސް ސޯފާގައި ބާއްވާލިއެވެ. ހިމޭޝް ބަލައިލީ ވަރުޖީންއާ ދިމާއަށެވެ. އޭރު ވަރުޖީންގެ ހަށިގަނޑު އެކުގައި ހިމުން އަނދުނަށްވެ ވައިގެ ތެރެއަށް ފޭދިގެން ދިޔައެވެ.

ވަރުޖީންގެ ހަށިގަނޑު ގެއްލުނު އިރަށް މިކާޝްގެ ލޯ ހުޅުވާލިއެވެ. އޭނާ ކުއްލިއަކަށް ތެދުވިއެވެ. ސޯފާގައި އިށީނދެލަމުން ވަށައިގެން ބަލައިލިއެވެ. އޭރު އައިޝަމް އޮތީ ހޭނާރައެވެ. އައިރީންއާއި ނަޖުމާ އެކުގައި ދުއްވާގަތީ މިކާޝްއާ ދިމާއަށެވެ. (ނުނިމޭ)