އިންޑިޔާގެ ބެންގަލޫރޫގައި ބޭއްވި ޓީސީއެސް ވޯލްޑް 10ކޭ ބެންގަލުރޫ 2020 ގައި ބަނޑަށް ފަސް މަހުގެ މާބަނޑު އަންހެނަކު ބައިވެރިވެ 62 މިނިޓުން ރޭސް ފުރިހަމަ ކޮށްފި އެވެ.
އަންކިތާ ގޯރް މި ދުވުން ދުވެ ރޭސް ފުރިހަމަކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އަންކިތާ އަކީ ފާއިތުވީ ނުވަ އަހަރު ވެސް ދުވުމުގައި ހޭދަކުރި މީހެކެވެ. އަދި ދުވުމަކީ އޭނާއަށް ނޭވާ ލުން ފަދަ އެކްޓިވިޓީ އެކެވެ. އެހެންވެ އޭނާ އަބަދުވެސް ހުންނަނީ ދުވަން އާދަވެފަ އެވެ.
"މިއީ ފާއިތުވީ ނުވަ އަހަރުއްސުރެ އަހަރެމެން ކުރަމުން އަންނަ ކަމެއް. ގާތްގަނޑަކަށް ކޮންމެ ދުވަހަކު ހެން. ހެނދުނު ހޭލުމާ އެކު ދަނީ ދުވަން. ބައެއް ފަހަރަށް ބަލިވެގެންނާ އަނިޔާ ވެގެން ނުދުވެ ހުއްޓަސް މިއީ އަހަރެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާ ގުލިފައިވާ ކަމެއް. ދުވުމަކީ އަހަންނަށް ނޭވާ ލުން ފަދަ ގޮތަކަށް ކުރެވޭ ކަމެއް،" އަންކިތާ ބުންޏެވެ.
އަންކިތާ ބުނާ ގޮތުގައި މާބަނޑު ދުވަސްވަރު ވެސް ދުވުމަކީ ނުރައްކާތެރިކަމެއް ނޫނެވެ. އަދި އެއީ މާބަނޑު މީހުން ކުރަން ރަނގަޅު ކަސްރަތެކެވެ.
"އެމެރިކަން ކައުންސިލް އޮފް ހެލްތުގެ ގައިޑްލައިންގައި ވެސް ބުނެފައިވޭ އާއްމުކޮށް ދުވާ މީހެއް ނަމަ މާބަނޑު ދުވަސްވަރުވެސް ދުވުން އެއީ ރަނގަޅު ކަމެކޭ،" އަންކިތާ ބުންޏެވެ.
އަންކިތާ އަކީ ޕްރޮފެޝަނަލް އިންޖިނޭރެކެވެ. އަދި 2013 އިން ފެށިގެން ކޮންމެ އަހަރަކުވެސް އޭނާ ޓީސީއެސް ވޯލްޑް 10ކޭގައި ބައިވެރިވެ ދުވެ އެވެ. އަދި ބާލިން، ބޮސްޓަން، ނިއު ޔޯކްގައި އޮތް ބައިނަލްއަގުވާމީ ފަސް މެރެތަން އެއްގައިވެސް އަންކިތާ ދުވެފައި ވެއެވެ. މި ދުވުމަށް އޭނާ ތައްޔާރުވި ގޮތް ވެސް އަންކިތާ ކިޔައިދިނެވެ. އޭނާ ބުނީ ކުރީގައި ދުވާ ގޮތާއި ބަނޑުބޮޑުވީމަ ދުވާ ގޮތް ތަފާތު ކަމަށެވެ.
"ބަނޑުބޮޑުވީމަ ދުވަން ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ދުވީ ވަރަށް މަޑުމަޑުން ދުވާލަކު 5-8 ކިލޯ މީޓަރު. އޭ ގޮތަށް ދުވާއިރުވެސް ދުވެލާފަ އިރުކޮޅަކަށް ބްރޭކެއް ނަގާފަ ހިނގާލާފަ އެގޮތަށް ކުރިޔަށް ގެންދިޔައީ،" އަންކިތާ ބުންޏެވެ.
މީގެ ކުރީ ފަހަރު ދުވި ދުވުންތަކުން އަންކިތާ އަށް މެޑަލްތައް ވެސް ލިބިފައި ވެއެވެ. ނަމަވެސް މިފަހަރު މެޑެލް ނުލިބުނެވެ. ސަބަބަކީ އޭނާ ދުވީ ތަންތަންކޮޅަށް މަޑުކޮށްފައި ބައެއް ހިސާބުގައި ހިނގާފައި ކަމަށް ވާތީ އެވެ.
އޭނާ ދުވުމާ ގުޅޭ ގޮތުން އޭނާ ދައްކާ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ބުނަނީ ކީކޭތޯ ސުވާލުކުރުމުން އަންކިތާ ބުނީ ޑޮކްޓަރު އޭނާއަށް ދުވަން ހިތްވަރު ދިން ކަމަށެވެ. އަދި ދުވުމަކީ ރަނގަޅުކަމެއް ކަމަށާއި ނަމަވެސް މާ ބާރަށް ނުދުވަން ޑޮކްޓަރު އިރުޝާދު ދިން ކަމަށް އަންކިތާ ބުންޏެވެ.
"ބަލިވެ އިނުމާ ގުޅިގެން އަހަރެންނަށް އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ކުރިމައްޗެއް ނުވޭ. އެހެންވެ ޑޮކްޓަރު އޯކޭ ދިނީ ދުވަން. ފާއިތުވީ ތިން އަހަރުއްސުރެ އަހަރެން ފިޒިއޮތެރަޕީގެ ޚިދުމަތް ހޯދަމުންދާ ފިޒިއޮތެރަޕިސްޓް ވެސް ބުނި އެންމެ ރަނގަޅޭ މަޑުމަޑުން ދުވެލިޔަސް. އެކަމުން އަހަންނަށާއި ބަނޑުގައި އޮތް ދަރިފުޅުގެ ސިއްހަތަށް ވެސް ފައިދާ ކުރާނޭ ބުނީ" އަންކިތާ ބުންޏެވެ.
ނަމަވެސް އަންކިތާ ދުވަން ނިންމުމުން އާއިލާގެ މީހުން އެކަމާ ވަރަށް ކަންބޮޑުވެގެން އުޅުނު ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެންގެ މަންމަ ވަރަށް ހާސްވެގެން އުޅުނު. ނަމަވެސް ޑޮކްޓަރު އޯކޭ ދީފިޔޭ ބުނުމުން މަންމަ ވެސް ހިތްހަމަޖެހިއްޖެ. ބައްޕަ ވަރަށް ސަޕޯޓްކުރި ދުވަން. ބައްޕައަކީ ވެސް ކުޅިވަރު ކުޅޭ މީހަކަށް ވާތީ ބައްޕަ ވަރަށް އުފާވޭ އަހަރެން ދުވާތީ. އަދި ފިރިމީހާގެ ސަޕޯޓް ވެސް ފުރިހަމައަށް ލިބޭ. އަދި އަހަންނާއެކު ފިރިމީހާ ވެސް ދުވި. ޑޮކްޓަރު ކައިރީ ދުވަން އޯކޭ ތޯ އަހަން ދިޔަ ދުވަހުވެސް އަހަންނާއެކު ފިރިމީހާ ދިޔަ. އެހެންވެ ޑޮކްޓަރު އޯކޭ ދިނީމަ ފިރިމީހާ ވެސް ހުރީ މުޅިން ހިތްހަމަޖެހިފައި،" އަންކިތާ ބުންޏެވެ.