ދުނިޔެ

ސަލްމާން ރަސްގެފާނު ރިޔާޒް ސަމިޓަށް ގަލްފް ލީޑަރުންނަށް ދައުވަތު އަރުވައިފި

އަންނަ އަހަރު ޖެނުއަރީ ފަސް ވަނަ ދުވަހު ސައޫދީ އަރަބިއްޔާގެ ރިޔާޒްގައި ބާއްވާ، "ގަލްފް ކޯޕަރޭޝަން ކައުންސިލް" (ޖީސީސީ) 41 ވަނަ ގްރޫޕް ސަމިޓަށް ވަޑައިގަތުމަށް، ސައޫދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް، ގަލްފުގެ ލީޑަރުންނަށް ދައުވަތު އަރުވައިފި އެވެ.

ދައުވަތު ފޮނުއްވާފައި ވަނީ ޖީސީސީ ސެކްރެޓްރީ ޖެނެރަލް، ޑރ. ނާއިފް ފަލާހް އަލްހަޖްރާފް މެދުވެރި ކުރައްވަ އެވެ. މި ދައުވަތު އެންމެ ފުރަތަމަ އަރުވާފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް ޝޭހު ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަށާއި ނައިބު ރައީސް ޝޭހު މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް އަށެވެ.

ޖީސީސީ ސެކްރެޓޭރިއޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ގަލްފް ލީޑަރުން ބައްދަލު ކުރެއްވުމަށް އަހަރީ ސަމިޓެއް އަދި މިފަދަ ދަތި އުނދަގޫ ހާލަތެއްގައި ބޭއްވުން ދޭހަ ކޮށްދެނީ ޖީސީސީގެ ހަރުދަނާކަން ކަމަށެވެ. ގަލްފުގެ ކުރިއެރުމަށާއި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް އަދި ގައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާކު ރުމަށް ކަމޭހިތާ މިންވަރު ކަމަށެވެ.

"މިއަދު ދުނިޔެއަށް ޖެހިފައި އޮތް ބަލިމަޑުކަމުގައި މި ކޯޕަރޭޝަންގެ މިސްރާބަކަށް ވާން ޖެހޭނީ ވިޔަފާރިއާ އިގްތިސޯދު ކުރިއަރުވައި މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާ ކުރުން" ކަމަށް ބަޔާނުގައިވެ އެވެ.

"މި ވައުދުގައި ޖީސީސީ ދެމި އޮންނާނެ،" ސެކްރެޓޭރިއޭޓްގެ ބަޔާނުގައި އަދި ބުނެފައި ވަނީ "އަމާޒަކީ ގަލްފް ގައުމުތައް ބަދަހިވުމާއި އިޖްތިމާއީ މުއާމަލާތްތަކުގައި މެންބަރު ގައުމުތައް ހަރުދަނާވުން" ކަމަށެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް ގައި ހިމެނޭ ގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބަ އެމިރޭޓްސް، ކުވޭތު، ބަހުރޭން، ގަތަރު، އަދި އޮމާން އެވެ.