ކުރިއަތް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް މެޖޯރިޓީ ދީފިނަމަ މުޅި ގައުމު ފެއިލް ވާނެ ކަމަށް ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަދި އެ ޕާޓީގެ ނާއިބު ރައީސް ޣައްސާން މައުމޫން ވިދާޅު ވެއްޖެ އެވެ.
އެތައް ސަތޭކަ ސަޕޯޓަރުންނާއެކު ކާނިވާ ސަރަހައްދުގައި އިދިކޮޅުން މިރޭ ބޭއްވި "ވިސްނާ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް ހިދުމަތް ކުރަން ކަމަށެވެ. ނަމަވެސް ހަމައެކަނި "ފޮނި ވާހަކަ" ތަކުން ރައްޔިތުން ހައްލައިގެން އިންތިހާބުތައް ހޯދަމުންދާ ބަޔަކު ވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ. ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަދި 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބު ވެސް އެމްޑީޕީން ކާމިޔާބު ކުރީ އެފަދަ ވާހަކަތައް ދައްކައިގެން ކަމަށް ޣައްސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިތްދަމައިގަންނަ ގޮތްގޮތަށް ޝިއާރުތައް ހަދައިގެން ކެންޕޭން ކުރާ ކޮންމެ ބަޔަކީ ރައްޔިތުންނަށް އިހުލާސްތެރި ބަޔަކަށް ނުވާނެ ކަމަށެވެ. އަދި އެފަދަ ކޮންމެ މީހަކީ ގާބިލް މީހަކަށް ވެސް ނުވާނެ ކަން ރައްޔިތުންނަށް މިއަދު އެނގިފައިވާ ކަަމަށެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ދީފިނަމަ މުޅި ގައުމު ފެއިލްވާނެ ކަަމަށްވެސް ޣައްސާން ވިދާޅުވި އެވެ.
"މީހުން ހިތްހަމަޖެހޭ ގޮތަކަށް މުހާތަބުކޮށްލާފައި ހިތްދަމައިގަންނަ ގޮތަކަށް ޝިއާރުތައް ހަދައިގެން ކެންޕޭން ކޮށްލާ ކޮންމެ މީހަކީ ކަމަށް ގާބިލް މީހަކަށް ނުވާނެކަން ރައްޔިތުންނަށް ފަހުމްވާނެއޭ. އަދި އިހުލާސްތެރިއަކަށް ނުވާނެކަން ވެސް ފަހުމްވާނެއޭ. މޮޅު ވާހަކަ ދެއްކުމުގެ ތެރޭގައި، ތާހިރު ދިރިއުޅުމެއް ހޯދުމުގެ ނަމުގައި ގެނައި އަނެއް ދިވެހިރާއްޖެ އާއި އިންސާފުގެ ދަތުރެކޭ ކިޔައިގެން ގެނައި މި ސަރުކާރު ފެއިލްވެފައި އޮތްގޮތަށް ރަށްވެހިފަތިހަކަށް އެ މީހުންނަށް ކައުންސިލް ދީފިއްޔާ މުޅި ގައުމު ވާނީ ފެއިލް،"
ޣައްސާން ވިދާޅުވީ ޕީޕީއެމުން ވެރިކަމަށް އައުމަށްވެފައިވާ ވައުދުތައް ފަސް އަހަރުތެެރޭ ފުއްދާފައިވާ ކަމަށާ އެކަންކަން މިއަދު ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް ފެންނަން އެބަ ހުރި ކަމަށެވެ. މާލެ-ހުޅުމެ ގުޅާލި ބްރިޖާއި ހުޅުލެ-ހުޅުމާލެ ގުޅުވާލި ހައިވޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި އަދި ހިޔާ މަޝްރޫއަކީ އެކަމުގެ ހެކިތައް ކަމަށް ވެސް ވިދާޅުވިއެވެ.
"އެމަނިކުފާނަށް [ރައީސް ޔާމީނަށް] މިކަންކަން ހާސިލް ކުރެވުނީ ކިހިނެތްވެގެންތޯ މިއީ ދިވެހި ރައްޔިތުން ވިސްނަވަން ޖެހޭ ކަންކަން،"
ޣައްސާން ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަސައްކަތް ވެރިކަން ދެބައިވާއިރު ނުފެށި އޮތީ ކީއްވެ ކަމާއި ކުރީ ސަރުކާރުން އެޅި ހިޔާ ފްލެޓްތައް ނުނިމި ލަސް ވަނީ ކީއްވެތޯ އެއީ ވިސްނާލަން ޖެހޭ ކަންކަން ކަމަށެވެ. އަދި 7،000 ފްލެޓް ދޭނެ މީހުން ކަނޑައަޅާފައި ވަނިކޮށް އެމްޑީޕީން ބޭނުންވާ ވަކި ބަޔަކަށް ފްލެޓްދޭން މަސައްކަތް ކުރަނީ ކީއްވެގެންތޯ ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު އިގްތިސާދު ހުއްޓި، ޑޮލަރުގެ އަގު މަތިވެ ރައްޔިތުންގެ އަތްމަތި ދަތިވަނީ ކީއްވެތޯ ވިސްނާލުމަށް ޣައްސާން އެދިވަޑައިގެންނެވި އެވެ.