އަބްދުއްރަހީމް އަބްދުﷲ

މަސްވެރިން ހާލުގައި ޖެއްސީ އެމްޑީޕީން: އަބްދުއްރަހީމް

ދިވެހި މަސްވެރިން ބާނާ މަސްކޮޅު ނުކިރިގެން އުޅެނީ މިފްކޯ ހާލުގައި ޖެހިގެން ނޫން ކަމަށާ މަސްވެރިން ހާލުގައި ޖެއްސި ބަޔަކީ ސަރުކާރު ހިންގާ އެމްޑީޕީ ކަމަށް ޕީއެންސީގެ ރަައީސް އަދި އިދިކޮޅު ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި "ވިސްނާ" ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރަައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި ދެކޮޅަށް އޭރުގެ އިދިކޮޅުގައި އޮތް އެމްޑީޕީގެ އިސް ބޭފުޅުން ރާއްޖެއަށް ބޭރަށް ވަޑައިގެން ގައުމާއި ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ގޮތަށް އެތަށް ކަމެއް ކޮށްފައިވާ ކަމަށެވެ. އެމްޑީޕީގެ ވާހަކަތައް އަޑުއަހައިގެން ޔޫރަޕްގެ ގައުމުތަކުން ދިވެހި މަސް ގަތުން ހުއްޓާލި ކަމަށާ އަލުން އެކަން ފަށާނީ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު ކަންކަމަށް ރާއްޖޭގައި ފުރުސަތު ހުޅުވާލުމުން ކަމަށް ބުނެ އެކަމަށް ޝަރުތުކުރި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ މަސްވެރިންނަށް އިތުރު ގޮތްތަކެއް ރައީސް ޔާމީން ހޯއްދަވައިދެއްވި ކަމަށެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށް ރާއްޖޭގެ މަސް ޗައިނާގެ މާކެޓަށް ވިއްކޭނެ ގޮތް ކުރީ ސަރުކާރުން ހަމަޖެއްސި ކަމަށްވެސް ވިދާޅުވިއެވެ.

"މިފްކޯ ހާލުގައި ޖެހިގެނެއް ނޫން ދިވެހި މަސްވެރިން ބާނާ މަސްކޮޅު ނުކިރިގެން މި އުޅެނީއެއް. ދިވެހި މަސްވެރިން ހާލުގައި ޖެއްސީ މިއަދު ވެރިކަމުގައި މިތިބަ މީހުން. 2018 ވަނަ އަހަރު ރަައީސް ޔާމީނަށް މަސްވެރިންގެ ވޯޓް ލިބިދާނެތީ އެ ވޯޓްތައް ގެއްލުވާލުމަށްޓަކައި ރާއްޖެއިން ބޭރުގައި ތިބެގެން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށްގޮސް އެ މީހުންނަށް އާދޭސްކޮށްގެން އެ މީހުން ގާތު ޝަކުވާ ކޮށް އެތަށް ދޮގު ވާހަކަތަކެއް ދެއްކީ. ދެން އެމީހުން ބުނީ ދިވެހި މަސްވެރިންގެ މަހެއް ނުގަންނާނަމޭ. މިއީ ނޫންތޯ ވީ ގޮތަކީ،"

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައިސް ރާއްޖެ-ޗައިނާ ވިޔަފާރި އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލުމަކީ މަސްވެރިން ހާލުގައި ޖެހުނު ސަބަބު ކަމަށެވެ. އެ އެއްބަސްވުމަށް އަމަލުކުރި ނަމަ މަސްވެރިން ކިތަންމެ މަހެއް ބޭނިޔަސް ނުކުރި އަދި ފައިސާ ނުލިބި ތިބެން ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.