ލައިފްސްޓައިލް

ހަތް އަހަރުގެ ކުއްޖެއް އޭވިއޭޝަން އިންޑަސްޓްރީގައި ފިޔަޖަހަނީ

ޔޫގެންޑާގެ ހަތް އަހަރުގެ ފިރިހެންކުއްޖަކު އެ ގައުމުގެ އޭވިއޭޝަން އިންޑަސްޓްރީގެ ސެންސޭޝަން އަކަށް މިހާރު ވަނީ ވެފަ އެވެ. މި ކުއްޖާ މިހާ ބޮޑަށް މަޝްހޫރު ވެގެން އުޅެނީ މިހާ ޅަ އުމުރުގައި ވެސް އެއާކްރާފްޓް ތަކާ ބެހޭ މައުލޫމާތުތައް އޭނާއަށް އެނގޭލެއް ފުރިހަމަ ކަމާއި މަތިންދާބޯޓު އުދުއްސުގައި އޭނާ ދައްކަމުންދާ ފަންނުވެރި ކަމުންނެވެ.

ގްރާމް ޝެމާގެ އިންޓަވިއުއެއް ދާދި ފަހުން ޔޫގެންޑާގެ ގައުމީ ޓީވީން ދައްކާފައި ވެއެވެ. އަދި އެ ގައުމުގެ ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި ވެސް އޭނާގެ ވާހަކަ ޚަބަރުތައް ލިޔަނީ ކުރިޔަށް "ކެޕްޓަން" ކިޔާފަ އެވެ. ޔޫގެންޑާއަށް ޖަރުމަނުން ކަނޑައަޅާފައިވާ އެމްބެސެޑަރާއި ޔޫގެންޑާގެ ޓްރާންސްޕޯޓް މިނިސްޓަރު ވެސް މިހާރު މި ކުއްޖާ އާ ބައްދަލުކޮށްފި އެވެ.

ހިސާބާއި ސައިންސް ކިޔެވުމަށް ލޯބިކުރާ މި ދަރިވަރު ޓްރެއިނީއެއްގެ ގޮތުގައި ކެސްނާ 172ގެ މަތިންދާބޯޓެއް ތިން ފަހަރެއްގެ މަތިން އުދުއްސާފައި ވެއެވެ. މި ކުއްޖާގެ ހުނަރާ އެއްވަރަށް އޭނާގެ ހުވަފެންތައް ވެސް އުޅެނީ ވަރަށް ކުރީގަ އެވެ. އޭނާ ބޭނުމީ ޕައިލެޓަކަށާއި އެސްޓްރޮނޯޓަކަށް ވާށެވެ. އަދި އެއް ދުވަހަކުން މާސް އަށް ދަތުރުކުރާށެވެ.

ޔޫގެންޑާގެ އެންޓެބޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކްކޮށްފައި އޮތް ބޮމްބާޑިއާ ސީއާރް 19000 މަތިންދާބޯޓެއްގެ އިންޖީނު މަސައްކަތް ކުރަނީ ކިހިނެއްތޯ އެއް ދުވަހަކު މި ކުއްޖާ އާ އޭނާގެ އިންސްޓްރަކްޓަރު ސުވާލު ކުރި އެވެ.

މަތިންދާބޯޓުގެ އިންޖީނުގެ އަޑަށް ވުރެ އޭނާގެ އަޑަށް ބާރު ލާފައި ޝެމާ އޭނާގެ އިންސްޓްރަކްޓަރަށް ޖަވާބު ކިޔައިދިނެވެ. އޭނާ ކިޔައިދިން ހުރިހާ މައުލޫމާތު ބަރާބަރުކަމަށް އިންސްޓްރަކްޓަރު ބުންޏެވެ.

މަތިންދާބޯޓަށް ޝެމާގެ ޝައުގުވެރިކަން އުފެދުނީ ވަރަށް ތަފާތު ހާދިސާއަކާ ގުޅިގެންނެވެ. އޭނާއަށް އެންމެ ތިން އަހަރުގައި ޕޮލިސް ހެލިކޮޕްޓަރެއް އޭނާގެ މާމަގެ އާ ދިމާލުން ދަތުރުކުރި އެވެ. އެ ގެ ހުންނަނީ ޔޫގެންޑާގެ ވެރިރަށް ކަމްޕާލާގެ ރަށްބޭރުގަ އެވެ. ހެލިކޮޕްޓަރު ދިޔަ ގަޑީގައި ޝެމާ ހުރީ މާމަގެ ގޭގެ ބޭރުގައި ކުޅޭށެވެ. އެ ދުވަހު އެ ހެލިކޮޕްޓަރު ދަތުރުކުރިލެއް ތިރިކަމުން މާމަގެ ގޭގެ ފުރާޅު ބުރައިގެން ދިޔައީ އެވެ.

"ފުރާޅު ނެއްޓިގެން ވަޔާ ދިޔަ މަންޒަރު ފެނިފައި އެ ވަގުތު އޭނާގެ ސިކުނޑީގައި ކޮންމެވެސް ކިހަލަ ޚިޔާލުތަކެއް އުފަންވި،" ޓްރެވެލް އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ޝެމާގެ މަންމަ ޝަމީމް މުނައިޝާ، 29، ބުންޏެވެ.

ޝެމާގެ މަންމަ ބުނީ އެ ވަގުތުން ފެށިގެން އޭނާގެ ދަރިފުޅު މަތިންދާބޯޓު މަސައްކަތްކުރާ ގޮތާ ބެހޭ އެތައް ބައިވަރު ސުވާލުތަކެއް އޭނާއާ ކުރަން ފެށި ކަމަށެވެ. އެހެންވެ މިދިޔަ އަހަރު ލޯކަލް އެވިއޭޝަން އެކަޑަމީ އަށް ޝެމާގެ މަންމަ ގުޅައި ގޭގައި ހުރެގެން އެއާކްރާފްޓްތަކުގެ މައުލޫމާތުތައް ދަސްކުރެވޭނެ ގޮތްތަކެއް ޝެމާއަށް ހޯދައިދީ އޭވިއޭޝަން ވޮކެބްލަރީ ދަސްކޮށްދެވޭނެ ގޮތް ހަމަޖައްސައިދިނެވެ.

ކޯހެއް ގޮތަށް ގެންދިޔަ މި ކިޔެވުން ޝެމާ ވަރަށް ޝައުގުވެރިކަމާއެކު ކިޔަވަމުން ދިޔަ އެވެ. ފަސް މަސް ދުވަސް ފަހުން ޕްރެކްޓިކަލް ފްލައިން ލެސަންސް ދަރިފުޅަށް ލިބޭނެ ގޮތް ޝެމާގެ މަންމަ ހަމަޖެއްސި އެވެ.

ފުރަތަމަ މަތިންދާބޯޓެއް އުދުއްސަން ލިބުނު ފުރުސަތަށް ފަހު ޝެމާ ބުނީ މަތީގައި ބޯޓު އުދުއްސާއިރު ދޫންޏެއްގެ އިހްސާސް ކުރެވޭ ކަމަށެވެ. އޭގެ ކުރިން ޝެމާ ދުވަހަކުވެސް މަތިންދާބޯޓެއްގައި ދަތުރެއް ނުކުރެ އެވެ.

ޕައިލެޓުން އަޅާ ހުދު ޔުނިފޯމެއްގައި ކުއްޖާ ހުރިއިރު އޭނާގެ ކުޑަކުޑަ ހަށިގަނޑު ނިކަމެތިކޮށް ފެނުނަސް އޭނާގެ ސިކުނޑީގައި ރައްކާކޮށްފައިވާ މަތިންދާބޯޓާ ގުޅޭ މައުލޫމާތު ގިނަ އެވެ. ގްރާމް ޝެމާ ބުނީ އޭނާ ރޯލް މޮޑެލް އަކަށް ބަލަނީ އީލޯން މަސްކް ކަމަށެވެ.
"އަހަރެންނަށް އީލޯން މަސްކް ކަމުދަނީ އޭނާއާއެކު ސްޕޭސް އާ ގުޅޭ މައުލޫމާތު ދަސްކުރަން އަހަރެން ބޭނުންވާތީ. އޭނާއާ ސަލާމްކޮށްލައި އޭނާއާއެކު ސްޕޭސް އަށް ވެސް ދާން ބޭނުން،" ކުޑަކުޑަ ޕައިލެޓް ބުންޏެވެ.

އީލޯން މަސްކް އަކީ ޕްރައިވެޓް ރޮކެޓް ކޮމްޕެނީ ސްޕޭސްއެކްސްގެ ބާނީ އެވެ. ދާދިފަހުން އެ ކުންފުނިން ވަނީ އެމެރިކާ ދެ މީހަކު އޯބިޓަށް ފޮނުވާފަ އެވެ. އަދި އެއް ދުވަހަކުން އިންސާނުން މާސް އަށް ގެންދިއުމަކީ އެލޯން މަސްކްގެ އުންމީދެކެވެ. މި ކުޑަ ކުޑަ ޕައިލެޓަށް އެލޯން މަސްކް އެހާ ކަމުދިޔައީ އެހެންވެ އެވެ.