ބޮލީވުޑް

އަމީތާބު ކާފަ ދަރިފުޅު އަގަސްތާ ނަންދާ ބޮލީވުޑަށް ނުކުންނަނީ

އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތާ ނަންދާ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންދާކަން ޔަގީން ވެއްޖެ އެވެ. އަގަސްތާ އަކީ އަމީތާބުގެ އަންހެންދަރިފުޅު ޝެވޭތާގެ ދެ ދަރިންގެ ތެރެއިން ފިރިހެން ދަރިފުޅެވެ. އަގަސްތާގެ ދެ ފަރާތުގެ އާއިލާއަކީ ވެސް ހިންދީ ފިލްމު އިންޑަސްޓްރީގައި ވަރަށް ނަން ހިނގާ އާއިލާ ތަކެވެ. އަގަސްތާގެ ބައްޕަ ފަރާތުގެ މާމަ އަކީ ރާޖް ކަޕޫރުގެ ދަރިއެކެވެ.

އަގަސްތާ، 20، ކިބައިގައި ފިލްމު އެކްޓަރަކަށް ބޭނުންވާ އެންމެ މުހިއްމު ސިފަ މިހާރު ވެސް އެބަހުއްޓެވެ. ހެދިހުރި ދިގު އިސްކޮޅަކާއި ސިފައިގެ ރީތިކަމެވެ.

ދާދިފަހުން މާމަ ޖާޔާ ބައްޗަން އާއެކު އަގަސްތާ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަރަށް ވައިރަލް ވިއެވެ. އަދި އޭނާ ފިލްމުކުޅެން ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތައް އޭރުއްސުރެ ދިޔައީ ފެތުރެމުންނެވެ. ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބައްޗަން އާއިލާގެ ގާތް މީހަކު ވަނީ އަގަސްތާ ފިލްމު ކުޅެން ފަށަން އުޅޭކަމުގެ ޔަގީންކަން ދީފަ އެވެ.

ކުރިން ގިނަ ބަޔަކު ހީކުރީ ފިލްމު ކުޅެން ފަށަން އުޅެނީ އަގަސްތާގެ ދައްތަ ނަވްޔާ ނަވޭލީ ކަމަށެވެ. ނަމަވެސް މިހާރު ބެލެވެނީ ނަވްޔާ އަށް ވުރެ ކުރިން ފިލްމީ މަސައްކަތް ފަށާނީ އަގަސްތާ ކަމަށެވެ.

އަގަސްތާ ޒުވާން ވަމުން އަންނަ ވަރަކަށް އޭނާގެ ރީތިކަން އިތުރުވަމުން ދާތީ މިހާރު ވެސް ބޮލީވުޑްގެ ފިލްމު އުފައްދާ ވަރަށް ގިނަ ބަޔެއްގެ ލޮލުގައި އަގަސްތާ ވަނީ އަޅައިގެންފަ އެވެ. އަދި އޭނާއަށް ފިލްމުތަކުގެ ފުރުސަތުތައް ދަނީ ހުށަހެޅެމުންނެވެ. ނަމަވެސް އަވަސް އަރުވާލައިގެން ފިލްމެއް ކުޅެން ސޮއި ކުރުމުގެ ބަދަލުގައި ލިބޭ ފުރުސަތުތަކަށް ރަނގަޅަށް ވިސްނާފައި ނޫނީ އަގަސްތާ އެ ފިލްމެއް ނުކުޅޭނެ ކަމަށް ވެސް އިންޑިޔާގެ ނޫހަކަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.