ލައިފްސްޓައިލް

ޕްލެސެންޓާއިން ވެސް މައިކްރޯޕްލާސްޓިކްސް ފެނިއްޖެ

ފާއިތުވެގެން މިދާ 2020 އަކީ މުޅިން ވެސް ހިތާމަވެރި ޚަބަރުތައް ގެނެސްދިން އަހަރެކެވެ. އަދި އަހަރު ފާއިތުވެގެން ދާއިރުވެސް އެއްވެސް ކަހަލަ އުފާވެރި ޚަބަރެއްގެ ކޮޅުމައްޗެއް ނުފެނެ އެވެ. މިގޮތުން އެންމެ ފަހުން ސައިންސްވެރިން ދިން ބިރުވެރި އެއް ޚަބަރަކީ އުފަންނުވާ ކުދިންނާއެކު ބަނޑުގައި އޮންނަ މަހުން (ޕްލެސެންޓާ އިން) މައިކްރޯޕްލާސްޓިކްސް ފެނިފައިވާ ކަމުގެ ޚަބަރެވެ. ސައިންސްވެރިންނަށް މިހާތަނަށް މާބަނޑު މީހުންގެ ހަތަރު މީހެއްގެ ކިބައިން މި މައްސަލަ ފެނިފައިވާ ކަމަށާއި މި މީހުން ބަލިވެ އިނދެ ވިހެއުމުގައި އެއްވެސް މައްސަލައެއް ދިމާވެފައި ނެތް ކަމަށް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ނަމަވެސް މިގޮތަށް ޕްލެސެންޓާއިން މައިކްރޯޕްލާސްޓިކްސް ފެނުމަކީ ސައިންސްވެރިން ވަރަށް ކަންބޮޑުވާ ކަމެކެވެ. ސަބަބަކީ އުފަންނުވާ ކުދިންގެ ޕްލެސެންޓާއިން މައިކްރޯޕްލާސްޓިކް ފެނުނު މިއީ ފުރަތަމަ ފަހަރަށް ވެފައި ޕްލެސެންޓާގެ މަންމަޔާ ގުޅިފައިވާ ބަޔާއި ތުއްތު ކުއްޖާ އާ ގުޅިފައިވާ ބައިންނާއި ކުއްޖާ އޮންނަ މެމްބްރޭން ނުވަތަ ފެން ދުލިން ވެސް މައިކްރޯޕްލާސްޓިކް ފެނިފައި ވުމެވެ. ކުއްޖާ ބަނޑުތެރޭގައި އޮވެ ހެދި ބޮޑުވަނީ މި ފެންދުލި ތެރޭ އޮވެގެންނެވެ.

މިހާތަނަށް އެނަލައިޒް ކުރެވިފައިވަނީ މަދު ސާމްޕަލް އެއް ކަމުން އިތުރު ކުދިންގެ މަހުގައި ވެސް މައިކްރޯޕްލާސްޓިކް ހުރުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

ޕްލެސެންޓާއިން ފެނުނު މައިކްރޯޕްލާސްޓިކް އެނަލައިޒްކުރުމަށް ފަހު ސައިންސްވެރިން ބުނެފައިވަނީ މި އެއްޗިއްސަކީ މާބަނޑު ދުވަސްވަރު މައިމީހާ ބޭނުންކުރި ތަފާތު އެއްޗެހިން ޕްލެސެންޓާ އަށް ވާސިލު ވެފައިވާ އެއްޗެހި ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ދަވާދު، ކޮސްމެޓިކްސް އަދި ޕާސަނަލް ކެއާ ޕްރޮޑަކްޓްގައި ހިމަނާފައި ހުންނަ އެއްޗެތި ޕްލެސެންޓާއިން ސައިންސްވެރިންނަށް ފެނިފައިވާ ކަމަށް ވެއެވެ.

މި ދިރާސާއަކީ އިންސާނުގެ ހަށިގަނޑުގައިވާ ޕްލެސެންޓާގައި މައިކްރޮޕްލާސްޓިކް ހުންނަ ކަމުގެ ހެކި ލިބުނު ފުރަތަމަ ފަހަރު ކަމަށް ޖާނަލް އެންވަޔަރަންމަންޓް އިންޓަނޭޝަނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުގައި ފާޙަގަ ކޮށްފައި ވެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ބަނޑުގައިވާ ތުއްތު ކުއްޖާގެ ހެދިބޮޑުވުމަށް ޕްލެސެންޓާއަކީ ވަރަށް ނާޒުކު އަދި އެހާމެ ވަރުގަދަ ރޯލެއް ކުޅޭ އެއްޗަކަށްވާއިރު އޭގައި މައިކްރޯޕްލާސްޓިކް ހުރުމަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. މީގެ ސަބަބުން ކުއްޖާގެ ދިފާއީ ނިޒާމަށް ހީނުކުރާ ކަހަލަ ކަންތައްތަކެއް މެދުވެރިވެދާނެ ކަމަށާއި އަދި ވިހައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އަދި މައިކްރޯޕްލާސްޓިކްގެ އަސަރު ޕްލެސެންޓާއަށް ކުރާނަމަ ހީވެސް ނުކުރާ ކަހަލަ ގެއްލުންތައް އެ ކުއްޖަކަށް ލިބިދާނެ ކަމަށާއި އަދި މައިމީހާ އަށް ވެސް ފުރާނައަށް ނުރައްކާވާ ވަރުގެ މައްސަލަތަކެއް ކުރިމަތިވެދާނެކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. އެހެންކަމުން މަހުގައި މައިކްރޯޕްލާސްޓިކް ހުރުމުން ދިފާއީ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތަކާއި ލޭ ވިހަވުމުގެ މައްސަލަ ދިމާވާ ވަރު ބަލަން އިތުރު ދިރާސާތަކެއް ކުރަންޖެހޭކަން ވެސް މި ދިރާސާގައި ބުނެފައި ވެއެވެ.

"މިއީ ސައިބޯގް ބޭބީ އެއް އުފެދުން ކަހަލަ ކަމެއް. ސަބަބަކީ މިފަދަ ކުއްޖެއްގެ ހަށީގަނޑުގައި ހުންނާނީ ހަމައެކަނި އިންސާނުންގެ ހަށިގަނޑުގައި ހުންނަ ކަހަލަ ސެލްތަކެއް ނޫން. އޭގެ ބަދަލުގައި ބައޮލޮޖިކަލް އަދި އިންއޯގަނިކް އެންޓިޓީޒްގެ މިކްސްޗާ އެއްވެސް ހުންނާނެ،" ރޯމްގެ ހޮސްޕިޓަލަކުން ކުރި މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ސައިންސްވެރިޔާ އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ޕްލާސްޓިކް އަކީ ބައޮޑިގްރޭޑަބަލް އެއްޗެއް ނޫނެވެ. މާނައަކީ މުޅިން ހަލާކުވެ ނެތިގެނެއް ނުދާނެ އެވެ. ކުދިކުދި އެތިއެތިކޮޅުގެ ސިފައިގައި ވެސް އެ އެއްޗެތި ފަނާ ނުވެ ދެމި ހުންނާނެ އެވެ. އެހެންކަމުން ހުރިހާ ހިސާބަކަށް ވެސް މިޔަށް ދަތުރުކުރެވޭގޮތް ވަނީ އެވެ. ފުޑް ޗެއިނަށް ވެސް މެއެވެ.