ފައިސަލް ނަސީމް

ނާއިބް ރައީސް ގއ. ވިލިނގިއްޔަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް، ގއ. ވިލިނގިއްޔަށް ވަޑައިގެންފި އެވެ.

އެމަނިކުފާނު ވިލިނގިއްޔަށް ވަޑައިގެންފައިވަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށެވެ. ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހަކީ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހެވެ. މީގެ 16 އަހަރު ކުރިން ރާއްޖެ ހިމެނޭހެން މި ސަރަހައްދުގެ ގައުމުތަކަށް އެރި ސުނާމީ ކާރިސާގެ ވަގުތު ދިވެހިން ދެއްކި އެއްބައިވަންތަކަަމާއި ގުޅުވައި ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހަކީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެއްވުމަށް ސަރުކާރުން ނިންމެވީ 2005 ވަނަ އަހަރުއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް، ގއ. ވިލިނގިއްޔަށް ކުރައްވާ ދަތުރުފުޅުގައި ވިލިނގިލީ ޑްރަގް ސެންޓަރު ހުޅުވައިދެއްވުމާއި ވިލިނގިލީގައި ނެއިބާހުޑް ޕޮލިސްގެ ހިދުމަތް އިފްތިތާހް ކޮށްދެއްވާނެ އެވެ. އަދި ގއ. ވިލިނގިލީ ކައުންސިލާއި އެ އަތޮޅުގެ އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.