ރާއްޖެ ކުޅިވަރު

ދިޔަމިގިލީ މުބާރާތުން ކުރީގެ މާޒީ މިހާރުގެ ޖީލަށް

މިއީ ރާއްޖޭގެ އެންމެ ތާރީހީ އެއް ރަށެވެ. ރާއްޖޭގެ ރަސްކަން ކުރެއްވި ދިޔަމިގިލީ ދަރިކޮޅުގެ އަސްލު ނަސްލު ގުޅިފައިވާ ރަށެވެ. އެދަރިކޮޅު ފުރަތަމަ ރަސްގެފާނު މުޒައްފަރު މުހައްމަދު އިމާދުއްދީން ނިސްބަތްވެ ވަޑައިގެންނެވި އާއިލީ ގަނޑުވަރު އަދިވެސް ދިޔަމިގިލީގައި އެބަހުއްޓެވެ. ހިމާޔަތެއް ނެތި ވީރާނާ ވާން ދޫކޮށްލެވިފަ އެވެ.

މި ތާރީހީ ރަށުގައި މިހާރު ކުރިއަށް ގެންދާ ފުޓްސަލް މުބާރާތްވެސް ގުޅިފައި ވަނީ ރަށުގެ ކުރީގެ ހަނދާންތަކާ އެވެ. އެ ރަށުގެ ފުޓްބޯޅައިގައި އަހަރުތަކެއް ކުރިން މަޝްހޫރުވި ޓީމުތަކުގެ ނަންތައް މި މުބާރާތާއެކު ވަނީ އަލުން ވައިގައި ހިފާފަ އެވެ. "ލޭނާރު" "ތީރު" "މަތިވަރު" އަދި "ތަރި" އަކީ، 90 ގެ އަހަރުތަކުގައި ރަށުގެ ކުޅިވަރުގައި އެންމެ މަޝްހޫރުވި ޓީމުތަކެވެ. އެ ޓީމުތަކަށް އޭރު ކުޅުނު ޖީލުގެ ޒުވާނުންނަކީ މިއަދު ރަށުގެ ހަރު މީހުންނެވެ.

"ފަތިސް ފޮޅި 2020 ފުޓްސަލް" ކަޕުގެ ނަމުގައި ބާއްވާ މުބާރާތް އިންތިޒާމު ކުރުމުގެ އެންމެ އިސްސަފުގައި ތިބީ އޭރު އުމުރުން ހަގު ކުދިންގެ ގޮތުގައި ތިބި މިހާރުގެ ޒުވާނުންނެވެ. ފަތިސް ފޮޅި ފުޓްސަލް ކަޕް ހާއްސަ ކޮށްފައި ވަނީ މިހާރުގެ ފުރާވަރު އުމުރުގެ ޒުވާނުންނަށެވެ. އުމުރުން 10 އަހަރާއި 16 އަހަރު ދެމެދުގެ ޒުވާނުންނަށް ހާއްސަ ކޮށްފައިވާ ފުޓްސަލް މުބާރާތް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

އިންތިޒާމު ކޮމިޓީގެ މެންބަރު އަހްމަދު މޫސާ، ވަނީ މުބާރާތް އިންތިޒާމު ކުރުމަށް ދިޔަމިގިލީ ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަ ކޮށްފަ އެވެ. އޭނާ ބުނީ މުބާރާތް ހަގު އުމުރުގެ ކުދިންނަށް ހާއްސަ ކުރުމުގެ ބޭނުމަކީ ޒުވާން އުމުރުގެ ކުދިންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު އާލާ ކުރުން ކަމަށެވެ.

މި ފުޓްސަލް ކަޕްގެ މީޑިއާ ޕާޓްނަރަކީ "އަވަސް" އެވެ. މުބާރާތުގެ މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ، ލޭނާރު އާއި ތަރި އެވެ. މެޗު 7-0 ން ކާމިޔާބު ކުރީ ލޭނާރު ޓިމެވެ. ދެ ވަނަ މެޗުގައި ބައްދަލު ކުރީ ތީރު އާއި މަތިވަރު އެވެ. އެ މެޗު 2-0 ން ކާމިޔާބު ކުރީ ތީރު ޓީމެވެ.