ބޮލީވުޑް

އަސްލު ކަތިއާވަޅީގެ އާއިލާއިން ބާންސާލީ ގޮވައިގެން ކޯޓަށް

ސަންޖޭ ލީލާ ބާންސާލީ މިހާރު އުފައްދަމުންދާ "ގަންގޫބާއީ ކަތިއާވަޅީ" ކުރިން ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ވަބާ އާ ހެދި ފިލްމުގެ ޝޫޓިން ނުނިމި ލަސް ކުރަން ޖެހުނީ އެވެ. ފިލްމު ރިލީޒް ކުރުން ލަސްވިޔަސް މި ފިލްމު ވެފައި ވަނީ މިހާރު ހިންދީ ފިލްމު އިންޑަސްޓްރީން ތައްޔާރުކުރަމުން ދާ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު މޮޅުވާނެ ކަމުގެ ޔަގީންކަން އޮތް މަދު ފިލްމުގެ ތެރޭގަ އެވެ.

އާލިއާ ބަޓް ލީޑް ރޯލު ކުޅޭ މި ފިލްމުގައި ދައްކުވައި ދެނީ ވަރަށް ޒުވާން އުމުރުގައި ހަށިވިއްކުމުގެ ވިޔަފާރިއަށް ނުކުންނަ އަންހެންކުއްޖެއްގެ ވާހަކަ އެވެ. އެ އަންހެންކުއްޖާ އޭނާގެ ލޯބިވެރިޔާ އާ ގުޅިގެން މިފަދަ ވަރުގަދަ ވިޔަފާރިއެއް ކުރަން ފަށައި އެމީހުންނާ ދޭތެރޭ ކަންތައްތައް ވީގޮތް މި ފިލްމުގައި ދައްކުވައިދޭނެ އެވެ. ނަމަވެސް އެންމެންގެ އިންތިޒާރާ ގުޅިފައިވާ މި ފިލްމަށް މިހާރު ވަނީ ގާނޫނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

"ގަންގޫބާއީ ކަތިއާވަޅީ" ގެ ވާހަކައަކީ ވަރަށް ކުރިން މުމްބައިގައި އުޅުނު މިފަދަ އަންހެނެއްގެ ހަޔާތުގެ ވާހަކަ ކަމަށް ވެފައި އެމީހާގެ އާއިލާގެ މީހުން އަދިވެސް ދުނިޔޭގައި ތިބުމުން މި ފިލްމު އުފެއްދުމާ އެމީހުން ދެކޮޅު ހަދައިގެންނެވެ. މިހާރު އެމީހުން ވަނީ ޑައިރެކްޓަރު ބާންސާލީ އާއި އާލިއާ ދައުވާ ކުރަން ބޮމްބޭ ސިވިލް ކޯޓަށް މައްސަލަ ވައްދާފަ އެވެ.

އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި ގަންގޫބާއީގެ އާއިލާއިން ހިތްހަމަ ނުޖެހިގެން އުޅެނީ އެ ފިލްމުގައި ގަންގޫބާއީގެ ވާހަކަ ގެނެސްދޭ ގޮތް އެމީހުންނަށް ކަމުނުގޮސްގެނެވެ.

ހަމަ މި ފިލްމުގެ މައްސަލައިގައި ބާންސާލީ އާ ދެކޮޅަށް އިތުރު މީހަކު ވެސް ކޯޓަށް މައްސަލައެއް ވައްދާފައި ވެއެވެ. އެއީ މި ފިލްމު އެ ވާހަކައެއްގެ މައްޗަށް ބިނާ ކޮށްފައިވާ "މާފިއާ ކުއީންސް އޮފް މުމްބާއި" ލިޔުނު ލިޔުންތެރިޔާ ހުސެއިން ޒައިދީ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ފިލްމު އިންޑަސްޓްރީގެ މަސައްކަތް ހުއްޓިފައި ގިނަ ދުވަސް ތަކަކު އޮތުމަށްފަހު އަލުން ފިލްމުތައް ޝޫޓް ކުރަން ހުއްދަ ލިބުމުން އާލިއާގެ ފިލްމުގެ މަސައްކަތް ވެސް އާ ފެށުމަކުން ފަށާފައިވަނީ ދާދި ފަހުންނެވެ.