އާލިއާ ބަޓް

"ގަންގޫބާއީ ކަތިއާވަޅީ" ޓީޒާ: އާލިއާއަށް ތައުރީފު އޮހެނީ

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރާ އަދި އާލިއާ ބަޓް ލީޑް ރޯލު ކުޅޭ "ގަންގޫބާއީ ކަތިއާވަޅީ" ގެ ފުރަތަމަ އިޝްތިހާރު ބުދަ ދުވަހު ރިލީޒް ކޮށްފި އެވެ. އަދި މި އިޝްތިހާރު ބަލާފައި ބޮލީވުޑްގެ އެންމެން އާލިއާއަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ތަފާތު މެސެޖުތައް ޕޯސްޓްކޮށްފައި ވެއެވެ.

އާލިއާ އަށް ތައުރީފުކޮށް ކުރި ޓިވީޓެއްގައި ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފައި ވަނީ ބާންސާލީ އާއި އާލިއާ އެކުގައި އުފައްދާ ފިލްމެއް އާސޯހުވާހާ މޮޅުވާނެ ކަމަށް ކުރިން ވެސް އޮތީ ޔަގީން ކުރެވިފަ އެވެ. އާލިއާއަށް ޓަކައި އޭނާ އިންތިހާއަށް ފަޚުރުވެރިވާ ކަމަށާއި މި ފިލްމު ބޮޑު ސްކްރީނުން ބަލާލަން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާ ކަމަށް ވެސް ކަރަންގެ ޓުވީޓުގައި ބުނެފައި ވެއެވެ.

"އާލިއާ. ތީ ހަމަ ހަނދެއް. އަބަދުވެސް ވާނީ ހަމަ ހަނދަކަށް،" އާލިއާ އާއެކު "ގަލީ ބޯއީ" ގައި މަސައްކަތްކުރި ރަންވީރު ސިންގްގެ ޓުވީޓްގައި ވެއެވެ.

ޕްރިޔަންކާ ޗޯޕްޅާ ވެސް އާލިއާ އަށް ވަރަށް މަރުހަބާ ކިޔައި މެސެޖެއް ޕޯސްޓު ކޮށްފައި ވެއެވެ. މިހާ ވަރުގަދަ ރޯލެއް އާލިއާ އެއްވެސް ބިރަކާ ނުލާ އެހާ ފުރިހަމައަށް ކުޅެލާފައިވާތީ ވަރަށް އުފާވެއްޖެ ކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެ.

ޝާހްރުކް ޚާން، އަކްޝޭ ކުމާރު ފަދަ ވަރަށް ގިނަ އެކްޓަރުން މި ޓީޒާއަށާއި އާލިއާއަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ޕޯސްޓުތައް ޝެއާ ކޮށްފަ އެވެ. އަދި މި ފިލްމުގެ ވާހަކަ ލިޔުނު ލިޔުންތެރިޔާ އެސް. ހުސެއިން ޒައިދީ ވެސް އާލިއާ އަށް ވަރަށް ތައުރީފުކޮށްފައި ވެއެވެ.

"ގަންގޫބާއީ ކަތިއާވަޅީ" ޓީޒާ

އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހު ރިލީޒްކުރާ "ގަންގޫބާއި ކަތިއާވަޅީ" އަކީ ގުޖްރާތުން މުމްބައިއަށް އޭނާގެ ޕާޓްނަރާއެކު އައި ޒުވާން އަންހެނެއް ކަމަށްވާ ގަންގޫބާއިގެ ވާހަކަ އެވެ. މަކަރުހަދައި އޮޅުވާލުމަށްފަހު ހަށިވިއްކުމުގެ ވިޔަފާރިކުރާ ބަޔަކަށް އެ ފިރިހެންމީހާ ގަންގޫބާއި ވިއްކާލަނީ އެވެ.

މި ވާހަކަ ބިނާކޮށްފައި ވަނީ ފާއިތުވީ ގަރުނުގެ މެދެއްހާ ހިސާބަށެވެ. ގަންގޫބާއީ ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ރަނގަޅަށް ވަދެ ހުރިހާ ބޮޑެތި ކުށްވެރިންނާ ރަނގަޅަށް ގުޅިގެން ދެކުނު މުމްބައިގެ ބޮޑު ސަރަހައްދެއްގައި ހަށީވިއްކުމުގެ ވިޔަފާރި ފުޅާ ކުރެ އެވެ. އަދި މި ވިޔަފާރިކުރާ ބޮޑު ތަނެއްގެ ވެރިއަކަށް ވެއެވެ.

ޖުލައި 30 ގައި "ގަންގޫބާއީ ކަތިއާވަޅީ" އާ ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހެނީ ޕްރަބާސް އާއި ޕޫޖާ ހެގްޅޭގެ "ރާދޭ ޝާމް" އާ އެވެ. މިހާ ބޮޑު ދެ ފިލްމެއްގެ ކުރިމަތިލުމަކީ ވަރަށް ތާރީޚީ ކުރިމަތިލުމަކަށް ވާނެކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.