ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ޖެހޭ މީހުނަށް ކެތްނުކުރެވޭ ނުބައިވަސް ދުވާކަމުގެ ޝަކުވާ

ކޮވިޑް-19 ޖެހި ގިނަ ދުވަހު އެ ބަލީގައި އުޅެން ޖެހިފައިވާ މީހުނަށް އަނެއްކާވެސް އިތުރު މައްސަލައެއް ދިމާވާ ކަމުގެ ޝަކުވާތަކެއް ލިބެމުންދާ ކަމަށް ތަޖުރިބާކާރުން ވިދާޅުވާން ފަށައިފި އެވެ. އެގޮތުން ކެތް ނުކުރެވޭވަރުގެ ނުބައިވަސްތަކެއް މި މީހުންނަށް ދުވާތީ ދަނި ރިޕޯޓު ކުރަމުންނެވެ.

މި ވަސްތަކުގެ ތެރޭގައި މަސް ކުނިވީމަ ދުވާ ވަހާއި، އެއްޗެހި އެނދުމުން ދުވާ ވަސް ކަހަލަ ނުބައި ވަސް ހިމެނެ އެވެ.
އީއެންޓީ ސާޖަން ޕްރޮފެސަރު ނިރްމަލް ކުމާރު އިނގިރޭސި ވިލާތުގެ "ދި އިންޑިޕެންޑެންޓް" ނޫހުގައިވާ ރިޕޯޓަކަށް ވިދާޅުވެފައިވާ ގޮތުގައި މިއީ ވަރަށް އަޖައިބެއް ކަހަލަ އާ މައްސަލައެކެވެ. ޕްރޯސްމިއާ ކިޔާ މި ބަލި މިހާރު ކޮވިޑް ޖެހުނު ސިއްހީ އެހީތެރިންނާއި އެނޫންވެސް ގިނަ ބަޔަކަށް ދިމާވެފައިވާ ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.

މި ޑޮކްޓަރަކީ އީއެންޓީ ޔޫކޭގެ ރައީސެވެ. އަދި ކޮވިޑް ޖެހޭ މީހުންނަށް ބަލީގެ ފުރަތަމަ އަލާމާތެއްގެ ގޮތުގައި ވަސް ނުދުވުން ހިމެނޭ ކަން ފުރަތަމަ ހޯއްދެވީ މި ޕްރޮފެސަރެވެ. މިގޮތުން ކޮވިޑް ޖެހިގެން ވަސް ނުދުވުމާއި ރަހަ ނުލުމުގެ މައްސަލަތައް ގިނަ ދުވަހަށް ތަހައްމަލު ކުރަން ޖެހުނު ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދީ އެމީހުންގެ ކޭސްތައް ދިރާސާކުރުމުން އޭގެ ތެރެއިން ބައެއް މީހުންނަށް ކެތް ނުކުރެވޭ ވަރުގެ ނުބައި ވަސްތަކެއް ދުވާތީ އުޅޭކަން ޕްރޮފެސަރަށް ފާހަގަ ކުރެވުނެވެ.

ޕީއޭ ނިއުސް އެޖެންސީ އަށް ޕްރޮފެސަރު ކުމާރު ވިދާޅުވެފައިވާ ގޮތުގައި އިންޓަވިއު ދެއްވި ދުވަހުގެ ހެނދުނު ވެސް އޭނާ މިފަދަ ދެ މީހަކަށް ފަރުވާ ދެއްވާފައި ވެއެވެ.

"އެތަނުން އެކަކު ބުނި މަސް ކުނިވީމަ ދުވާ ކަހަލަ ވަހެކޭ ދުވަނީ. ކޮންމެ އެއްޗެއްގެ ވަސް ބެލިޔަސް އެ ވަހޭ ދުވަނީ. އެހެން މީހަކު ބުނި ކޮންމެވެސް އެއްޗެއް އަނދާ ވަހޭ ދުވަނީ. އެކަމަކު އެ ތަނުގައި އަނދާ ކަހަލަ އެއްވެސް އެއްޗެއް ނެތް،" ޕްރޮފެސަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހެނދުނު ބެއްލެވި ދެ މީހުންނަކީ ވެސް ސިއްހީ އެހީތެރިންނެވެ. އަދި ޒުވާން ދެ މީހުންނެވެ. އެހެންކަމުން އޭނާ ލަފާ ކުރައްވަނީ މިގޮތަށް ދިމާވަނީ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ގިނަ ގިނައިން ވައިރަހަށް އެމީހާގެ ހަށިގަނޑު ހުށަހެޅޭ މީހުންނަށް ކަމަށެވެ.

"މިގޮތަށް ދިމާވާ ބައެއް މީހުންނަށް އެމީހުންގެ ނޭފަތުން އެ ދުވަހާ ވަހަކީ ކެތްކުރެވޭ ވަރުގެ ވަހަކަށް ވެސް ނުވޭ. އަހަރެމެން އެއަށް މި ކިޔަނީ ނިއުރޯޓްރޮޕިކް ވައިރަހޭ،" ޕްރޮފެސަރު ކުމާރު ވިދާޅުވި އެވެ.

ޕްރޮފެސަރު ވިދާޅުވީ ނިއުރޯޓްރޮޕިކް ވައިރަސްގެ މާނައަކީ ނޭފަތުގެ ނާރުތަކަށް ވައިރަހުގެ ސަބަބުން ގެއްލުން ވަނިއްޔޭ އެވެ. އަދި މިކަމުގެ ސަބަބުން ނާރުތަކުގެ ނިޒާމަށް ޝޮކެއް ލިބޭ ކަހަލަ ގޮތްތަކެއް ދިމާވާ ކަމަށާއި ނާރުތައް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންޑަންގައި ދިރިއުޅޭ 24 އަހަރުގެ ބޭންކަރެއް ކަމަށްވާ ޑެނިއަލް ސަވެސްކީ ބުނި ގޮތުގައި ވައިރަސް ޖެހިގެން އޭނާއަށް ރަހައެއް ނުލާ ވަހެއް ނުދުވާ ދެ ހަފުތާ ހުއްޓެވެ. އަދި އޭރުއްސުރެ ނުބައިވަސް ދުވާ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.

އޭނާ ބުނި ގޮތުގައި އޭނާއަށް ދުވަނީ ކުނިއަޅާ އެތިން ދުވާ ކަހަލަ ވަރަށް ވަރުގަދަ ނުބައި ވަހެކެވެ. އަދި ސަލްފާ ކަހަލަ ވަރުގަދަ ނުބައި ވަހަކާއި ޓޯސްޓް ފަދަ އެއްޗެތި އަނދާއިރު ދުވާ ކަހަލަ ވަހެއް ވެސް ދުވާ ކަމަށެވެ. ނުބައިވަސް ދުވާތީ އެއްގޮތަކަށް ކާ އެއްޗެއް ހިތްހަމަޖެހިލައިގެން ނުކެވޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ކާ އެއްޗެތީގައި ދުވަންވާ ވަސްތައް ނުދުވާތީ ވަރަށް މާޔޫސްވެ ހިތްދަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެސްޓޭޓް އެޖެންޓެއްގެ އެޑްމިނިސްޓަރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ލީން ކޯބެޓް އޭނާގެ ކޮވިޑްގެ ތަޖުރިބާ ހިއްސާ ކުރަމުން ބުނީ މާޗްގައި އޭނާގެ 52 ވަނަ އުފަން ދުވަސް ފާހަގަކުރި ދުވަހު ހެނދުނު ހޭލިއިރު އެއްވެސް ވަހައެއް ނުދުވަ އެވެ. އަދި އެއްވެސް ރަހައެއް ވެސް ނުލަ އެވެ.

ސަސެކްސްގައި ދިރިއުޅޭ ލީން ބުނީ މާޗް މަހު ބެލި ޖެހުނު ގޮތަށް މޭ މަސް ނިމުނުއިރުވެސް އޭނާއަކަށް އެއްވެސް ރަހައެއް ނުލަ އެވެ.