(އެޕިސޯޑް 5)
ހައުލާ އާއި މިފްޒާލްގެ ކަޅި ވަނީ އެތައް ގިނަ އިޙްސާސްތަކަކާއި އެކު ގުޅިފައެވެ. އެއްވެސް މީހެއް އެއްޗެއް ނުބުނެ، ދެލޯ ވީދައިގެންދާ ވަރަަށް އެކަކު އަނެކަކަށް ބަލަމުން ގެންދިޔައެވެ. ވާނުވާ ނޭނގިފައިވާ މިފްރާހު ހުރީ ހަދާނެ ގޮތް ނޭނގި ބޮޑު ސުވާލު މާރކެއް މޫނަށް ޖެހިފައެވެ.
"ތި ދެމީހުން ދަންނަންތަ؟" މުޅި ތަނަށް ވެރިވެފައިވާ ހިމޭންކަން ނަގައިލީ މިފްރާހު ކޮށްލި ސުވާލުންނެވެ. ހައުލާއަށް ވަގުތުން ކަޅި ތިރިކޮށްލެވުނެވެ. ދޭނެ ޖަވާބަކާއި މެދު ވިސްނާކަށް މިފްޒާލަކަށް ނުޖެހުނެވެ. އެޔަށްވުރެ، މިފްޒާލް މާހުށިޔާރެވެ. ވާހަކަ އޮޅުވައިލައި، ޙަޤީޤަތް ސިއްރުކޮށް މަތި ޖަހައިލީ މިފްޒާލްގެ އަވައިގައި އަންހެން ކުދިން ޖައްސައިލާހާ ފަސޭހަ ކަމާއި އެކުގައެވެ.
"ދޮންބޭ! މީތަ ދޮންބެ މެރީ ކުރަން އުޅޭ ކުއްޖަކީ؟" މިފްޒާލް ހެމުން ގޮސް، އޭނާގެ އަތް ވައްޓައިލީ މިފްރާހުގެ ކޮނޑަށެވެ. ހައިރާން ކަމާއި އެކު މިފްރާހު ބޯޖަހައިލީ އާނއެކޭ ބުނަމުންނެވެ. ހައުލާގެ ހިތުގެ ވިންދު އެގަޑީގައި ހަލުވި އިންޖީނެއްގެ ޕިސްޓަންއެއް ފަދައެވެ. މިފްޒާލް ބުނަން އުޅޭ އެއްޗެއް ނޭނގޭތީއެވެ. ޙަޤީޤަތުގައި ހައުލާ ވަނީ ވަރަށް ބޮޑަށް މޭޖެހޭ ގޮތްވެފައެވެ. މިފްރާހަކީ މިފްޒާލްގެ ދޮންބެއަށް ވީތީއެވެ. އެއީ ހައުލާ ދުވަހަކު ވެސް ބޭނުން ވާނެ ގޮތެއް ނޫނެވެ. މިފްޒާލަކީ މިއުޑު ބަޅުކުރެއްވި ހިސާބުގައި ހުރި ހައުލާ އެންމެ ނަފުރަތު ކުރާ އިންސާނާއެވެ. އެފަދަ މީހެއްގެ ދޮންބެއަކަށް އޭނާގެ ލޯބިވެރިޔާ ވުމުން، ހަދާނެ ގޮތް ހުސްވާ ހާލުގައި ހައުލާ ގެންދިިޔައީ އޭނާގެ ހިތުގެ އަޑިން ރޮމުންނެވެ.
"މީ ހައުލާއެއްނު؟ މީ އަހަރެންގެ ކުރީގަ ފުރެންޑެއް. ދޯ؟" މިފްޒާލް ބަލައިލީ ހައުލާއަށެވެ. ހިތަށް ލިބެމުންދާ އުނދަލާއި އެކު، ހައުލާ އާނއެކޭ ބުނަމުން ގަދަކަމުން ހިނިތުންވެލިއެވެ.
"ހެހެ! މިވީ މާ ރަނގަޅަކަށްނު؟ ހައުލާ. އަހަރެން އެބަ އަންނަން ކޯކެއް ހިފައިގެން. ހައުލާ ވާނެ މިރޭ ވަރަށް މީރުކޮށް ނޫޑްލިސް ކައްކަން.." މިފްރާހު އެހެން ބުނެ އަވަސްކޮށް ނުކުތީ ފިހާރައަށް ދިޔުމަށެވެ. މިފްރާހާއި އެކު ފަހަތުން ދާން ހައުލާ ހުރީ ނުހަނު ބޭނުން ވެފައެވެ. އެއީ އެންމެ ސިކުންތެއް ވެސް މިފްޒާލާ އެކު އެކަހެރި ވާން ނޭދޭތީއެވެ.
ފުން ނޭވާއެއް ލަމުން ހައުލާ އޭނާގެ މޫނު އަނބުރައިލީ، ކުރިމަތީގައި ހުރި މިފްޒާލްގެ މޫނަށް ބަލަން ބޭނުން ނުވާތީއެވެ. މުޅި ގޭގައި ވެސް މިވަގުތު ހުރީ ހައުލާ އާއި މިފްޒާލް އެކަންޏެވެ.
"ކަލޭ ތިއުޅެނީ އަހަރެންނަށް ބަދަލު ހިފަންތަ؟" މިފްޒާލް ކުއްލިއަކަށް ހުރެފައި ހައުލާގެ އަތުގައި ހިފައި ބާރުކޮށްލިއެވެ.
"އައްދޯއި." ހައުލާއަށް ކުއްލިއަކަށް ބުނެވުނެވެ. ވީ ތަދެއްގެ ބޮޑު ކަމުންނެވެ. މިފްޒާލްގެ ތުންފަތުގެ އެއްމިޔަކުން ދުވެލީ ނުބައި ހިނިތުންވުމެކެވެ.
"އަހަރެން ނޫޅެން އެއްވެސް މީހަކަށް ބަދަލު ހިފާކަށް. މިފްރާހަކީ މިފްޒާލްގެ ދޮންބެކަން އެނގުނު ނަމަ އަހަރެން މިފްރާހުގެ ޙަޔާތައް ނައީމުސް. ތިކަހަލަ ބޭވަފާތެރިއެއް.." ހައުލާގެ އަނގަމަތީގައި މިފްޒާލް އަތް އަޅައި، ހައުލާގެ ވާހަކަ ހުއްޓުވިއެވެ.
"ދެން ތިިހެން ނުބުނައްޗޭ! އަހަރެން ނުވަން ބޭވަފާއެއް. ފުރަތަމަ އަހަރެން ކަލޭ ދެކެ ނުވޭ ލޯތްބެއް ވެސް. އަހަރެން ކަލޭގެ ފަރާތުން ބޭނުންވީ އުފަލާ އަރާމް." މިފްޒާލް އެހެން ބުނުމާއި އެކު، ހައުލާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
"ގޮތްކުޑަ މީހާ." ހައުލާ އޭނާގެ އަތް ނެގީ، މިފްޒާލްގެ މޫނުމައްޗަށް ހޫނު ހަމަލާއެއް ދިނުމަށެވެ. ނަމަވެސް ހައުލާއަށް އެކަމެއް ނުވިއެވެ. ހައުލާގެ އަތުގައި މިފްޒާލް ހިފަހައްޓައި، ހައުލާގެ އަތް ބުރުވައިލަމުން މިފްޒާލް އޭނާގެ ދެލޯ ބޮޑުކޮށްލީ އައި ރުޅީގައެވެ.
"ހަނދާންކުރާތި! ކަލޭ ދެން އަތް އިސްކޮށްފިއްޔާ، ކަލޭ މަރާލާނަން." މިފްޒާލް އެހެން ބުނުމާއި އެކު ދެމީހުން ވެސް ކުއްލިއަކަށް ހިމޭންވިއެވެ. އެވަގުތުގައި މިފްރާހު ސިޑިން އަރާ އަޑު އިވުމުންނެވެ.
***
"އަހަރެން ނުދާނަން ދެން ޑިއުޓީއަކަށް!" ލިއުޝާ އޭނާގެ ބޯ އަޅައިލީ ހައިޝަމްގެ މޭގެ ތެރޭގައެވެ. ހައިޝަމްގެ މޭމަތީގެ ތަނަވަސް ކަމުގެ ފުންމިނުގައި ލިއުޝާ އޮތްއިރު، އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރޭގައި ހައިޝަމްގެ އިނގިލިތައް ދިޔައީ ދުއްވަމުންނެވެ.
"ނޫން! ލިއު ވާނެ ޑިއުޓީއަށް ދާން. ހަމަ އައިޖިއެމްއެޗަށް. މީހަކު ކުރާ ކަމަކުން ލިއު ގިވްއަޕް ދޭކަށް ނުޖެހޭ. އެޔަށްވުރެ، ލިއު ވާން ވާނެ ސްޓޮރޯންގ." ހައިޝަމް އޭނާގެ ތުންފަތުން ލިއުޝާގެ ނިތަށް ބޮސް ދިނެވެ. ލިއުޝާ މަޑުމަޑުން އޭނާގެ ދެލޯ މަރައިލަމުން ހަށިގަނޑު ދަމައިލީ، ހައިޝަމްގެ ހަށިގަނޑުން ދުވަމުންދާ މީރު ލުއި ވަހުގެ ދާނެއްގައެވެ.
***
ނޫޑްލިސް ކައްކަމުން ދިޔަ ހައުލާގެ ހިތާއި ނަފްސަށް ލިބެމުން ދިޔައީ ތުރާލެވެ. އުނދަގުލެވެ. ސިޓިންގރޫމްގެ ސޯފާގައި އިނދެ މިފްރާހު ކުރަމުންދާ ތަޢުރީފަކީ ހައުލާއަށް ޙައްޤު ނޫން އެއްޗެއްކަން ހައުލާއަށް އިޙްސާސް ވާން ފަށައިފިއެވެ. މިފްޒާލްގެ ގާތުގައި ހައުލާގެ ރަނގަޅު ވާހަކަތައް މިފްރާހު ކިޔަމުން ދާއިރު، އެވާހަކަތަކުން ހައުލާގެ އަގު ނާރާނެ ކަން އެއީ ހައުލާއަށް ކަށަވަރު ކަމެކެވެ. އެ ތަޢުރީފު ތަކުން ހައުލާގެ ހިތަށް އެއްވެސް ތަސައްލީއެއް ނުލިބެއެވެ. ލިބެނީ އިތުރު ވޭނެކެވެ. މިފްޒާލް ހެމުން ހެމުން، މިފްރާހުގެ ވާހަކަތަކަށް ތާއީދުކޮށް، ރަނގަޅު ފަހަރީއެއް ލިބުނީ ކަމަށް ބުނެ، އެކުރަނީ މަލާމަތްކަން މިފްރާހަށް ނޭނގުނަސް ހައުލާއަށް ދިޔައީ އެނގެމުންނެވެ.
ނޫޑްލިސް ކައްކައިގެން މިފްރާހުމެންނާއި އެކު ހައުލާ ވެސް ކެއުމުގައި ބައިވެރިވިއެވެ. ހައުލާގެ އަރު ތެރެއިން ނޫޑްލިސް ދިރެނީ ވަރަށް އުނދަގުލުންނެވެ. ހައުލާގެ އެއްކޮޅުގައި ހުރީ އޭނާގެ ޙަޤީޤީ ލޯބިވެރިޔާއެވެ. މިިފްރާހެވެ. މިފްރާހާ ލޯބީގެ ގޮތުން ގުޅުނުތާ ހަފުތާއެއް ފަހުން، މާދަމާ އަކީ ހައުލާ އާއި މިފްރާހު ރަން ކިޔާ ދުވަހެވެ. މިފްރާހު މާ ގިނަ ދުވަސްތަކަކު "ރިލޭޝަންޝިޕް"ގައި އުޅެން ބޭނުމެއް ނުވީއެވެ. އެއީ ހައުލާ ވެސް އެދޭ ގޮތެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް ލޯބި ވެވި، އެލޯތްބަށް ދެވުނު އިތުބާރުން ހައުލާގެ އިއްފަތްތެރިކަން ގެއްލިފައި ވުމުން، އެ ހިތި ހަނދާންތައް އަބަދުވެސް އޭނާގެ ވެއެވެ. އެކަން ތަކުރާރު ވާން ނޭދޭތީ، ހައުލާ ވެސް ރީތި ކައިވެންޏަކުން، ރީތި ދިރިއުޅުމެއް އުޅެން ބޭނުން ވެއެވެ. ނަމަވެސް އެ ވޭން، އެ އަނިޔާ ހައުލާއަށް ދިން މީހާ ހައުލާއާ ޖެހިގެން އިނުމަކީ ހައުލާގެ ހިތަށް ލިބިފައިވާ ބޮޑު ބަރު ކަމެކެވެ. ހިތް ދަތިކަމާއި އެކު، ހިތަށް ލިބިފައިވާ ނުތަނަވަސް ކަމެކެވެ.
***
މުޅިން އައު ދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔައިފިިއެވެ. ލިއުޝާ ޑިއުޓީގައި އިނީ މަރުވެފައިވާ މައްޔިތެއް ފަދައިންނެވެ. އެއްވެސް ހަރަކާތެއް، ހިނިތުންވުމެއް އެމޫނުމަތިން ފެންނާކަށް ނެތެވެ. ލިއުޝާގެ ގާތުގައި ކަންބޮޑުވެފައި އިނދެގެން ޒީނާ މަސައްކަތް ކުރަމުން ދިިޔައީ ލިއުޝާއަށް ނަޞޭހަތް ދިނުމަށެވެ.
"ލިއު. ޑޯންޓް ބީ ސޭޑް. އެވްރިތިންގ ވިލްބީ އޯލް ރައިޓްއޭ." ޒީނާ އޭނާގެ އަތް ބާއްވައިލީ ލިއުޝާގެ އަތް މަތީގައެވެ.
"ޒީ. އަހަރެންނަށް ނޭނގެ! ހައިޝަމް ވެސް ވަރަށް ހިތްވަރު ދިން. އަހަރެން ވަރަށް އުފާވި، އަހަރެން ދެއްކި ވާހަކަ ހައިޝަމް އަޑު އެހީމަ. އެކަަހަަލަ ފިރިން ވަރަށް މަދު ވާނެ." ހައިޝަމަށް ހެޔޮ ބަހެއް ބުނަމުން، ލިއުޝާ ހިނިތުންވެވޭތޯ މަސައްކަތް ކޮށްލިއެވެ.
***
ޝިޔާދަށް ލިބުނު ޚަބަރުން އޭނާގެ ހިތަށް ލިބެން ފެށީ އާދަޔާ ޚިލާފު އުނދަގޫ ކަމެކެެވެ. ޤަބޫލު ކުރަން ދަތި ވިޔަސް އެއީ ވެގެން ދިޔަ ކަމެއްކަން ޝިޔާދަށް ޤަބޫލު ކުރުން ނޫން އިތުރު ގޮތެއް ނެތެވެ. ޑޮކްޓަރު ބަލާ ކޮޓަރީގައި އިން ޝިޔާދު ލަތްކަކަށް ގޮނޑިން ތެދުވިއެވެ. އަދި އަވަސްކޮށް ހިނގާފައި ޝިޔާދު ދިޔައީ ލިއުޝާ އިންނަ ކޮޓަރިއާ ދިމާލަށެވެ.
ލިއުޝާ އާއި ޒީނާ ގެންދިޔައީ ވާހަކަދައްކަމުންނެވެ. މައިގަނޑުު ވާހަކައަކީ މިފްޒާލާއި އެކު، މަސައްކަތް ކުރުމަށް ލިއުޝާ ހިތްވަރު ކުރަންވީ ކަމުގެ ވާހަކައެވެ. އެއީ ޒީނާ ވެސް އޭނާގެ ގާތް ރަހުމަތްތެރިޔާ، އެހެން ތާކަށް ބަދަލުވާން ބޭނުން ނުވާތީއެވެ.
"ލިއު!" ޝިޔާދު ވަރަށް އަވަސްކޮށް ލިއުޝާ އިންނަ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ލިއުޝާ އާއި ޒީނާއަށް ވަގުތުން ބަލައިލެވުނީ ޝިޔާދުގެ މޫނަށެވެ. ޝިޔާދުގެ މޫނުން ފައުޅުވަމުން ދިޔައީ ކަންބޮޑުވުމާއި، މާޔޫސް ކަމެވެ.
"އަސްލު ތީތިި ކަޑަ ދޯ؟" ޝިޔާދު އައިސް ހުއްޓުނީ ލިއުޝާގެ ގާތުގައެވެ. ޝިޔާދު ދައްކަން އުޅޭ ވާހަކަ ފަހުމް ނުވުމުން ލިއުޝާއަށް ކޮޅަށް ތެދުވެވުނެވެ.
"ތިބުނީ؟" ލިއުޝާ އަހައިލިއެވެ.
"ލިއު ކީއްވެތަ އެޗްއާރަށް މިފްޒާލްގެ ކޮމްޕްލެއިން ކުރީ. މީ ދެން ޓޯކް ކޮށްގެން، ވީ ކޭން ސޯލް ދިސް ދޯ؟" ޝިޔާދުގެ އަޑުގައި ކޮންމެ ވެސް ވަރަކަށް، ހަމަނުޖެހުމުގެ އަސަރުތައް ހުއްޓެވެ.
"އަހަރެންނަށް ނޭނގެ ތިބުނަން އުޅޭ އެއްޗެއް!" ލިއުޝާ ބަލައިލީ ޝިޔާދުގެ ދެލޮލަށެވެ.
"ލިއު ކޮމްޕްލެއިން ކޮށްގެން މިފްޒާލް މިތަނުން ކަނޑާލައިފި. އަދި މިތަނަށް ވަދެވެގެން މިއުޅެނީ ރަނގަޅަށް ހަމަ ނޭވާ ނުލެވި. ތީ ދެން ބޮޑުވަރު ދޯ؟" ޝިޔާދުގެ ނުރުހުމުގެ ބަސްތައް އަމާޒުވީ ލިއުޝާއަށެވެ. ލިއުޝާ އެއްވެސް އެއްޗެއް ނުބުނެ އަނގަ ބަންދުވިއެވެ. ޒީނާ ރުޅި އައިސްގެން ގޮނޑިން ތެދުވިއެވެ.
"ބަލަ ޝިޔާދު! މީހެއްގެ އަންބަަކަށް ފޮށޭ އިރު އެއީ ވަރަށް ކުޑަ ކަމެއް ތަ؟ ޝިޔާދުމެންނަށް އަންހެނުންނަށް ކުރާ ޖެއްސުން އެއީ އެއްޗަކަށް ނުވިޔަސް، އަންހެނުންނަށް ރެސްޕެކްޓު ކުރާ މީހެއް ވިއްޔާ އެއީ ކުޑަކަމަށް ނުހަދާނެ. ޝޭމް އޮން ޔޫ ޝިޔާދު!" ޒީނާ އެހެން ބުނުމާއި އެކު، ޝިޔާދު އެތަނުން ނުކުތެވެ. ޝިޔާދަށް ވެސް އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ލިބުނު ދެރަކަން ހަޖަމު ކުރަން އުނދަގޫވީއެވެ.
"ހައިޝަމް." ލިއުޝާއަށް ބުނެވުނީ އެވަރަށެވެ. ޒީނާ ބުމަ ހިއްލައިލަމުން ބަލައިލީ ލިއުޝާގެ މޫނަށެވެ. ކިހިނެއްތޯވީ އަހާ ފަދަ ގޮތަކަށެެވެ. ލިއުޝާ ފޯނު ނަގައި ހައިޝަމަށް ގުޅިއެވެ.
އެކަމަކީ ހައިޝަމް އިސްވެ އޮވެ، ކުރި ކަމެއްކަން އެނގުމުން ލިއުޝާ ޖެހިލުންވިއެވެ. ބިރުގަތެވެ. ހައިޝަމް އެޗްއާރަށް މައްސަލަ ހުށައެޅީ މިފްޒާލް ވަކި ކުރާނެ ކަމުގެ ޔަޤީން ކަމާއި އެކުގައިކަން ވެސް ހައިޝަމް ބުންޏެވެ. އެއީ އަތަނުގައި ހައިޝަމްގެ ވަރަށް ގާތް ރައްޓެއްސެއް އުޅޭތީއެވެ. އެހުރިހާ ކަމެއް ވެސްވީ ލިއުޝާއަށް އައު، ނޭނގޭ ކަންކަމަށެވެ. ހައިޝަމް ކުރި ކަންތަކުން، ލިއުޝާ އެ ވެއްޓުނީ އަނދިރި އަނދަވަޅަކަށްކަން ލިއުޝާއަށް އިޙްސާސް ވާން ފަށައިިފިއެވެ. މިފްޒާލްގެ ނުލަފާކަން އިތުރުވެ، އޭނަގެ ހަމަލާއެއް ހައިޝަމަށް އަތުވެދާނެ ތީވެސް ލިއުޝާ ނުހަނު ޖެހިލުންވެއެވެ.
"ލިއު! ހާސް ނުވޭ! ވެދާނެ މީ ހައިޝަމް އެޅި ރަނގަޅު ފާލަކަށް ވެސް." ޒީނާގެ ވިސްނުން ހުރީ ކަންކަން ދެން ދާނީ ރަނގަޅަށް ކަމުގައެވެ.
***
ކައިވެނީގެ ރަނުން ހައުލާ އާއި މިފްރާހު ގުޅިއްޖެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގެ މިފްރާހު ދެކެ ވެވުނު ލޯބިން، މިފްރާހާ ކޮންމެ ހާލެއްގައި ވެސް ވަކިވުން ހައުލާއަށް ވީ ފަސޭހަ ކަމަކަށް ނޫނެވެ. މިފްޒާލްގެ ޙަޤީޤަތް އެއް ފަރާތްކޮށް، މިފްރާހުގެ ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ސާބިތު ވެވޭނެ ކަމުގެ ޔަޤީންކަން ހައުލާގެ އަމިއްލަ ނަފުސަށް އޮވެއެވެ.
ކޮޓަރީގެ ދެކޮޅަށް ހިނގަމުން ޒަޔާން ގެންދިޔައީ މުޅި ގަޔަށް ހޫނު އަރާތީއެވެ. ޒަޔާންގެ ފޯނުގައި ލިއުޝާ ސޭވް ކުރި ނަމްބަރަށް ގުޅަން ވެސް ޒަޔާން ހުރީ ބޭނުން ވެފައެވެ. ނަމަވެސް އެހިތްވަރެއް ނެތެވެ. ޒަޔާންގެ ލޯކުރިމަތިން ފެންނަނީ އަނިޔާ ކުރާ ތަނެވެ. އަޑު އިވެނީ ވޭނީ އާހްގެ އަޑެވެ. ޒަޔާންގެ އަތުން އޭނާގެ ގައިގެ އެކި ތަންތަނުގައި ވަކި އަޅައި، އެ ވޭންތައް އަސްލަށް ވެސް ދިޔައީ އޭނާއަށް ލިބެމުންނެވެ.
"އަހަރެންނަށް ތިހެން ނުހަދާ.." އަމިއްލަ ގައިގައި ވަކި އަޅައި، ގައިގެ އެކި ތަންތަނަށް އަނިޔާ ދެމުން ޒަޔާން ގެންދިޔައީ އޭނާގެ އަމިއްލަ ނަފުސަށް އާދޭސް ކުރަމުންނެވެ.
***
"އިރާދަކުރެއްވިއްޔާ.." ލިއުޝާއަށް ހިތްވަރު ދެމުން ޒީނާ ދައްކަމުން ދިޔަ ވާހަކަތައް ވަގުތުން ހުއްޓުނެވެ. ފޭސްބުކް މެސެންޖާއިން ފުލުފުލުގައި އަންނަން ފެށި ކޮންމެ ނޮޓިފިކޭޝަންއެއް ވެގެން ދިޔައީ ޒީނާގެ ހިތަށް ހެރުނު ހަންޖަރު ތަކަކަށެވެ. ޒީނާ ވަގުތުން ދެލޯ ބޮޑުކޮށްލަމުން ކޮޅަށް ތެދުވިއެވެ.
"ޒީ.." ލިއުޝާ ކަންބޮޑުވެގެން ހުރެ، ޒީނާގެ އަތުގައި ހިފައިލިއެވެ. ޒީނާއަށް ލިއުޝާގެ އަތް ދުރުކޮށްލެވުނީ އޭނާގެ އިޚްތިޔާރުން ބޭރުންނެވެ.
"ލީކް ކޮށްލަންވީ؟ ހެހެ!" ލިބުނު މެސެޖާއި އެކު، ޒީނާގެ އިނގިލިތައް ހަރަކާތް ކުރަންފެށިއެވެ. އޭރުވެސް ޒީނާގެ އަތް ތުރުތުރު އަޅައެވެ.
"ޕްލީޒް! ނޫން ނޫން." ޒީނާ ވަރަށް އަވަސްކޮށް މެސެޖަށް ރިޕްލައިކޮށްލިއެވެ. އޭރު ޒީނާގެ ލޮލުގެ ބޮޑި ތެރެއިން ކަރުނަތައް ފޭދިގެން އޭނާގެ ކޯތާފަތް މައްޗަށް ފައިބަމުން ދިޔައެވެ. ޒީނާއަށް ވަމުންދާ ގޮތުން ލިއުޝާ ވަނީ ނުހަނު ހާސްވެ، ހިތް ތެޅޭ ގޮތްވެފައެވެ.
ކުއްލިއަކަށް ލިއުޝާއަށް ފޯނަށް ބަލައިލެވުނީ މެސެޖެއް ލިބުމުންނެވެ. އެއީ މިފްޒާލްގެ މެސެޖެކެވެ. ލިއުޝާ މެސެޖު ބަޔަށް ވަނުމާއި އެކު، އޭނާއަށް އިވުނީ ޒީނާ ޕާސް ކިޔާފައި ރޮއި ގަތް އަޑެވެ. އަނގަ މަތީ އަތް އަޅަމުން ޒީނާ ދުއްވައިގަތީ އެތަނުން ނުކުންނާށެވެ. ވަމުންދާ ގޮތް ނޭނގިފައިވާ ލިއުޝާ ވެސް ޒީނާގެ ފަހަތުން ކުރިއަށް ފިޔަވަޅެއް ނެގިއެވެ. ނަމަވެސް އެ ފިޔަވަޅު މަތީގައި ލިއުޝާ ހުއްޓުނެވެ.
"ތި ކުޅެވުނީ ނުބައި މީހަކާ. މި ފެށުނީ ހަނގުރާމަ." މިފްޒާލްގެ މެސެޖު ކިޔައި ލުމާއި އެކު، ލިއުޝާގެ ހިތަށް ތޫފާނެއް އެރިއެވެ. (ނުނިމޭ)