މެސީ

ބާޓޮމެއު ގިނަ ކަންކަން އޮލުވާލި: މެސީ

އެފްސީ ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު، އޭނާއަށް ގިނަ ކަންކަމެއް އޮޅުވާލި ކަމަށް، އެ ކުލަބުގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

ސްޕެއިންގެ ޓީވީ ޗެނަލް "ލަ ސެކްސްޓާ" އަށް ދިން އިންޓަވިއުގައި މެސީ ވަނީ، ބާސެލޯނާ ދޫކޮށްލަން އޭނާ ކަޑަތު ކުރި މަރުހަލާތައް ކިޔައި ދީފަ އެވެ. އޭނާ ބުނީ ބާސެލޯނާގެ އޮފީހަށް ފޮނުވި ބޮރޯ ފެކްސްގެ ކުރިން ވެސް ކުލަބު ދޫކޮށްލަން ބޭނުންވާ ކަމަށް، ބާޓޮމެއު ގާތު އޭނާ ބުނެފައި ވާނެ ކަމަށެވެ.

"އަހަރެން ހަ މަސް ވަންދެން ކުލަބުގެ ރައީސް [ބާޓޮމެއު] ކައިރީ ބުނަމުން ދިޔައީ އަހަރެން ކުލަބު ދޫކޮށްލަން ބޭނުމޭ،" ލަ ސެކްސްޓާގެ ޕްރެޒެންޓާ ޖޯޑީ އިވޯލްވް އަށް ދިން އިންޓަވިއުގައި މެސީ ވާހަކަ ދެއްކި އެވެ. "އެގޮތަކީ [ބޮރޯ ފެކްސް ފޮނުވައިގެން] އަހަރެން އެކަމާމެދު ސީރިއަސްކަން ހާމަ ކުރަން އޮތް ގޮތަކީ. އަހަރެން ބޭނުންވީ ކުލަބުގެ އެންމެންނަށް އެކަން އެނގެން."

މެސީ ބުނީ އެ ވަގުތު ވެސް ބާޓޮމެއު މަސައްކަތް ކުރީ އޭނާ އާ ގުޅޭ ވާހަކަތައް މީޑިއާއަށް ލީކް ކޮށްލައިގެން ގޯސް ހެދި މީހަކީ އޭނާކަން ދެއްކުމަށް ކަމަށެވެ.

މެސީ ބުނީ، އެވަގުތު އޭނާ ކޯޓަށް ދިޔަ ނަމަ ކާމިޔާބު ވާނެ ކަމަށް ގިނަ އަދަދެއްގެ ލޯޔަރުން ބުނި ކަމަށެވެ. އެހެން ނަމަވެސް ކުލަބު ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވީ ކަމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެކޯޑް އަދަދަކަށް ހޯދާފައިވާ މެސީ ބުންޏެވެ.

ބާސެލޯނާ އާއެކު މެސީ ހަދާފައިވާ ކެންޓްރެކްޓް އަންނަ ޖޫން މަހުގެ 30 ގެ ނިޔަލަށް ހަމަވާނެ އެވެ. ޖަނަވަރީ އެކެއް ފަހުން އޭނާ ބޭނުންވާ ކުލަބަކާ ވާހަކަ ދެއްކުމުގެ ފުރުސަތު މެސީ އަށް އެބައޮތެވެ. އެހެން ނަމަވެސް މެސީ ބުނީ އެއްވެސް ކުލަބަކާ ވާހަކަ ނުދައްކާނެ ކަމަށާއި ސީޒަން ނިމެންދެން އޭނާ ބާސާގައި ދެމި ހުންނާނެ ކަމަށެވެ. އޭގެ ފަހުން ވެސް ކުލަބު ދޫކޮށްލާނެ ވާހަކައެއް މެސީ ނުބުނެ އެވެ.

މެސީ ބުނީ، އެމެރިކާގެ މޭޖާ ލީގް ސޮކާގައި ކުޅުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.