ވިޔަފާރި

އޭޝިޔާގެ ދެވަނައަށް އެންމެ ހިތްގައިމު ރިސޯޓަށް ރާއްޖޭގެ ރަންދެލި

ޓޫރިޒަމް ދާއިރާގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު މަޖައްލާއެއް ކަމަށްވާ "ކޮންޑެ ނަސްޓް ޓްރެވަލާ" އިން ހޮވި އޭޝިޔާގެ އެންމެ ހިތްގައިމު 25 ރިސޯޓުގެ ދެވަނަ މަގާމު ރާއްޖޭގެ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓަށް ލިބިއްޖެ އެވެ.

ކޮންޑެ ނަސްޓް މަޖައްލާގެ ކިޔުންތެރިންގެ ހިޔާލުގެ މައްޗަށް ބަލައިގެން ހޮވާ މިވަނަ ރާއްޖެއަށް ލިބިފައިވާ އޭޝިޔާގެ އަގު ބޮޑެތި، އަދި މަޝްހޫރު ގިނަ ރިސޯޓްތަކާ ވާދަކޮށްގެންނެވެ. ގިނަ އަދަދެއްގެ ޓޫރިސްޓުން ކިޔާ މި މަޖައްލާގެ ކިޔުންތެރިންގެ ތެރެއިން 94،925 މީހުން ރާއްޖޭގެ ރަންދެލި ރިސޯޓަށް ދެވަނަ ދިނުމަށް ވޯޓު ދީފައިވެ އެވެ. ރަންދެލި އޮންނަނީ ނ. އަތޮޅުގަ އެވެ.



ކޮންޑެ ނަސްޓް މަޖައްލާގެ ކިޔުންތެރިން ރަންދެލި ރިސޯޓަށް ދެވަނަ ދިންއިރު، އެއްވަނަ ލިބިފައިވަނީ އައިޓީސި ގްރޭންޑް ބާރަތް ލަގްޒަރީ ކަލެކްޝަން އިން އިންޑިޔާގެ ގްރުގްގޯން ހަރިޔާގައި ހިންގަމުން ގެންދާ ރިސޯޓަށެވެ. މި ރިސޯޓަށް ކިޔުންތެރިން 98،319 ވޯޓު ލިބިފައިވެ އެވެ. އަދި ތިންވަނަ ލިބިފައިވަނީ ރާއްޖޭގައި ރިސޯޓު ހިންގަމުން ގެންދާ ޝަންގްރިއްލާ ބްރޭންޑުން ފިލިޕީންސްގެ، ކިޔުބީގައި ހިންގަމުން ގެންދާ މަކަތާން ރިސޯޓް އެންޑް ސްޕާ އަށެވެ.

ރަންދެލި ރިސޯޓް ހިންގަނީ ލަގްޒަރީ އުފެއްދުންތައް ތައްޔާރުކުރާ ފްރާންސްގެ، ލުއި ވުޓޯން މޮއެޓް ހެނެސީއިންނެވެ. ހަތް ތަރީގެ މި ރިސޯޓްގައި ޕްރައިވެޓް އިންފިނިޓީ ޕޫލަކާއެކު 64 ވިލާ ހުރެ އެވެ. އަދި މި ރިސޯޓަށް އަންނަ ގެސްޓުންގެ ކެއުމުގެ ކަންތައް އިންތިޒާމު ކުރަނީ މަޝްހޫރު ޔަނިކް އެލީނޯ ކުންފުނިންނެވެ. އަދި މި ރަށަށް އަންނަ ޓޫރިސްޓުނަށް ހާއްސަ ސްޕާ ހުންނަނީ ވަކި ރަށެއްގަ އެވެ. މި ރިސޯޓަކީ ދުނިޔޭގެ މަޝްހޫރު ގިނަ ބަޔަކު އަންނަ ރިސޯޓެކެވެ. ރަންދެލި ރިސޯޓަށް އައިސްފައިވާ ދުނިޔޭގެ މަޝްހޫރު މީހުންގެ ތެރޭގައި ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން ހިމެނެ އެވެ.