އެތުލެޓިކޯ މެޑްރިޑް

އެތުލެޓިކޯގެ ކޮންޓްރެކްޓް އުވާލަން ކޮސްޓާ އެދިއްޖެ

އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ޑިއޭގޯ ކޮސްޓާ، އެ ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލު ކުރަން އޭނާ އެދިއްޖެ އެވެ.

ލަލީގާގެ ތާވަލުގެ އެއް ވަނައިގައި އޮތް ނަމަވެސް، މިވަގުތަކީ އެތުލެޓިކޯއަށް އުނދަގޫ ހާލަތެއް ކުރިމަތި ވެފައިވާ ވަގުތެކެވެ. ޓީމުގެ ޑިފެންޑަރު ކިރަން ޓްރިޕިއާގެ މައްޗަށް ކުރިމަތިވި ބެޓިން ތުހުމަތާ ގުޅިގެން އޭނާ ވަނީ 10 ހަފުތާއަށް ސަސްޕެންޑް ކޮށްފަ އެވެ. އެކަމުގެ ތެރެއަށް ޓްރިޕިއާ ވެއްޓުނު ވަގުތުގައި ކޮސްޓާގެ ކޮންޓްރެކްޓް ބާތިލު ކުރަން އެދުމަކީ އެތުލެޓިކޯއަށް ކުރިމަތިވާނެ ބޮޑު ގެންޖެހުމެކެވެ.

ލުއިސް ސުއަރޭޒް، މި ސީޒަންގައި އެތުލެޓިކޯއަށް ބަދަލުވި ފަހުން، ކޯޗް ޑިއޭގޯ ސިމިއޯނޭގެ ފޭވަރިޓް ސްޓައިކަރަކީ ސުއަރޭޒް އެވެ. އެތުލެޓިކޯއިން ވަނީ އެ ޓީމުގެ އަނެއް ސްޓައިކަރު އަލްވާރޯ މޮރާޓާ ލޯން އުސޫލުން ޔުވެންޓަސްއަށް ދޫކޮށްފަ އެވެ.

އެތުލެޓީކޯގައި ކޮސްޓާގެ ފުރަތަމަ ޕީރިއަޑް ވީ، ފާހަގަ ކުރެވުނު ޕީރިއަޑަކަށެވެ. އެ ޕީރިއަޑްގައި ލަލީގާގެ ޗެމްޕިއަންކަން 2014 ގައި ހޯދި އެވެ. ޗެލްސީގައި ތިން ސީޒަން ހޭދަ ކުރުމަށް ފަހު އެނބުރި އެތުލެޓިކޯއަށް ދިޔަ ނަމަވެސް އޭނާގެ ކުރީގެ ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ.

ސްޕެއިންގެ ކުޅިވަރުގެ ދެ ނޫހެއް ކަމަށްވާ، އޭއެސް އަދި މާކާއިން ވެސް ވަނީ ކޮންޓްރެކްޓް ބާތިލު ކޮށްދޭން ކޮސްޓާ އެދިފައިވާކަން އެ ދެ ނޫހަށް ކަށަވަރު ވެފައިވާ ކަމަށް ރިޕޯޓް ކޮށްފަ އެވެ. ކޮސްޓާ ކޮންޓްރެކްޓް ބާތިލި ކުރަން އެދިފައި ވަނީ އަމިއްލަ ކަންތައްތަކާ ގުޅިގެންނެވެ.

ބެލެވޭ ގޮތުގައި ކޮސްޓާ ބޭނުން ވަނީ ކުރިއަށް އޮތް ޖަނަވަރީ ޓްރާންސްފާގައި ކުލަބު ބަދަލު ކުރާށެވެ. ކޮސްޓާ ކުލަބު ދޫކޮށްލައިފިނަމަ އެ މަގާމު ފޫބައްދަން އެހެން ސްޓައިކަރެއް އެތުލެޓިކޯއިން ގެންދާނެ ކަމަށް ބެލެވެ އެވެ. އޭނާ ގޮސްފިނަމަ އެ ޓީމުގައި ނަންބަރު ނުވައެއްގެ ރޯލަށް ކުޅެން ހުންނާނީ ސުއަރޭޒް އެކަންޏެވެ.