ލައިފްސްޓައިލް

އެމެރިކާ މަތިން ޖެޓް ޕެކެއްގައި އުދުހޭ މީހާ އަދިވެސް ނުހޯދޭ

މިއަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާގެ އެފްބީއައި އިން ތަހުގީގުކުރި އެއް މައްސަލައަކީ އެމެރިކާގެ ލޮސް އެންޖަލިސް އާ ދިމާ 3000 ފޫޓު މަތިން ޖެޓް ޕެކެއްގައި އުދުހޭ މީހެއްގެ މައްސަލަ އެވެ. އޭރު ފެނިފައި އެމީހާ ނުފެނި ދުވަސްގަނޑެއް ދިއުމަށްފަހު އަނެއްކާވެސް އެމީހާ ފެނިފައިވާ ކަމަށް އެހިސާބުން ދަތުރުކުރާ ބައެއް މަތިންދާބޯޓު ޕައިލެޓުން ވަނީ ރިޕޯޓުކޮށްފަ އެވެ. މިފަހަރު އެމީހާ ފެނުނި އެމެރިކާގެ ކެލިފޯނިއާގެ އަތިރިމައްޗާ ދިމާލުން 3000 ފޫޓު މަތިން އުދުހެނިކޮށެވެ.

ސެޕްޓެމްބަރު މަހު މި މީހާ ދެ ޕައިލެޓަކަށް ފެނިފައި ވެއެވެ. އެއީ އެމެރިކަން އެއާލައިނެއްގެ ޕައިލެޓަކަށާއި ޖެޓްބްލޫގެ ޕައިލެޓަކަށެވެ.
"ޓަވާ، އެމެރިކަން 1997، އަހަރެމެންގެ ބޯޓު ކައިރިން ދެންމެ ޖެޓް ޕެކް ގައި ހުރި މީހަކު ހިނގައްޖެ،" ޕައިލެޓު ބުނެފައި ވެއެވެ.
އެމެރިކާ ނޫހަކުން ބުނެފައިވާ ގޮތުގައި ފުރަތަމަ ޕައިލެޓަށް މިމީހާ ފެނުނުކަމަށް މިގޮތަށް ރިޕޯޓުކުރުމުން އެއާ ޓްރެފިކް ކޮންޓްރޯލާ އޭނާ ކުރެން އެ މީހާ ދިޔައީ ބޯޓުގެ ކޮންމެ ފަރާތަކުންތޯ އެހުމުން ވާތް ފަރާތުން ކަމަށް ޕައިލެޓު ބުނެފައި ވެއެވެ.

މިކަމާ ގުޅޭ ގޮތުން ދަ ފެޑެރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ސެޕްޓެމްބަރު 1 ގައި ނެރުނު ބަޔާނެއްގައި މި ޖެޓް ޕެކްގައި ހުރި މީހަކު ދެ އެއާލައިނެއްގެ ދެ މަތިންދާބޯޓެއްގެ ޕައިލެޓުންނަށް ފެންނަ ކަން ޔަގީން ކޮށްދީފައި ވެއެވެ. ނަމަވެސް އެ ދުވަހުގެ ފަހުން އެ މީހާ ފެންނަ ކަމުގެ ރިޕޯޓެއް ނުލިބި ގިނަ ދުވަސްތަކެއް ވުމަށްފަހު މީގެ ދެ ދުވަހެއް ކުރިން އެމީހާ ފެނިގެން އެހެން ޕައިލެޓަކު ވަނީ ރިޕޯޓު ކޮށްފަ އެވެ.

ސްލިންގް ޕައިލެޓް އެކަޑަމީގެ ޓްރެއިނާ އަކު މި މަންޒަރު ވީޑިއޯވެސް ކޮށްފައި ވެއެވެ. އޭރު ބޯޓު އޮތީ ލޮސް އެންޖަލިސްގެ ދެކުނުން ޕާލޯސް ވާޑެސް އާ ކައިރި ހިސާބެއްގެ މަތީގަ އެވެ. މިފަހަރުވެސް އެމީހާ ފެނިފައިވަނީ ހަމަ ޖެޓް ޕެކެއްގައި އެހާ މަތިން ދަތުރުކުރަނިކޮށެވެ.

މި މީހާ ދަތުރުކުރާތީ އެ ސަރަހައްދުން ދަތުރުކުރާ ފްލައިޓްތަކަށް ވެސް މިހާރު މައްސަލަތައް ދަނީ ކުރަމަތި ވަމުންނެވެ. މި ޚަބަރު ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ބައެއް މީހުން ބުނެފައިވަނީ މިއީ އިންސާނަކަށް ނުވެދާނެ ކަމަށާއި ފަހަރެއްގައި އެއީ ޑްރޯން އަކަށް ވެދާނެ ކަމަށެވެ.

އިންސާނަކަށް އެހާ މަތިން އުދުހިފައި ދެވިދާނެތޯ ވެސް ވަރަށް ގިނަ މީހުން ސުވާލު އުފައްދާފައި ވެއެވެ. މި މީހާ އުދުހޭ މަންޒަރުގެ ފުޓޭޖް ބެލި މީހުން އެކަމާ ހައިރާން ވެގެން ތަފާތު ވާހަކަތައް ދައްކަމުންދާއިރު އޮކްސިޖަން އާ ނުލާ އެހާ މަތިން އެމީހާއަށް އުދުހެވުމަކީ ވާނެ ކަމެއް ނޫންކަމަށް ވެސް އެއް ބަޔަކު ބުނެފައި ވެއެވެ.

މި މީހާ ދެ ވަނަ ފަހަރަށް ފެނުމާ ގުޅިގެން އަދި އެފްބީއައި އިން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.