ކޮވިޑް-19 އިގެ ބޮޑު ބަލިމަޑުކަމެއް މުޅި ދުނިޔެއަށް ބޮޑު މުސީބާތެއް ކުރިމަތިކުރުވި އެވެ. އަދި ބަލިމަޑުކަމުން އަރައިގަނެވޭނެ ވެކްސިނަކަށް މުޅި ދުނިޔެ ނޭވާ ހިފަހައްޓާލައިގެން އޮވެ އިންތިޒާރު ކުރި އެވެ. އެތައް މަސްތަކެއް ވަންދެން ސައިންސްވެރިން ރެޔާ ދުވާލު އެމީހުންގެ ސިކުނޑިތަކުން ކުރި މަސައްކަތާއި ވެކްސިން އުފެއްދުމަށް ފަހު ޓްރަޔަލް މަރުހަލާގައި ކުރި ބުރަ މަސައްކަތް ތަކަކަށްފަހު އެތައް ވެކްސިނެއް އުފައްދާ މިހާރު ވަނީ ދުނިޔޭގައި ބޭނުންކުރަން ފަށާފަ އެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން މިހާރު ވެކްސިން ޕްރޮގްރާމް ފަށަން ދަނީ ތައްޔާރުވަމުންނެވެ.
ޔޫރަޕްގައި ވެކްސިން ކެމްޕެއިން ފެށުން ޖަރުމަނުން އިއުލާންކުރީ ތަފާތު ގޮތަކަށެވެ. ޖަރުމަނުގެ އުތުރުގައިވާ ހިސާބެއްގައި ދަތުރުކުރާ ފްލައިޓެއްގެ ޕައިލެޓަކު ވަނީ އޭނާގެ ކުޅަދާނަކަން ދައްކާލައި ޖަރުމަނުގެ ޖައްވުގައި މުޅި ގައުމަށް ފެންނަ ވަރުގެ ސިލިންޖެއް ކުރަހާލާފަ އެވެ. ސެމީ ކްރެމާ ކިޔާ މި ޕައިލެޓް މި ސިލިންޖު ކުރަހާލަން ގަޑިއެއްހާއިރު ނެގި ނަމަވެސް މިއީ ވެކްސިންއަށް އާއްމުން ހޭލުންތެރިކުރުވަން ކުރެވުނު ވަރަށް ރަނގަޅު މަސައްކަތެއްގެ ގޮތުގައި ބެލެވިފައި ވެއެވެ.
މި ސިލިންޖު ޖައްވުގައި ކުރަހާލަން ކްރޭމާ 200 ކިލޯ މީޓަރަށް އުދުހުނީ ހުދު ކުލައިގެ ބްލޫ ޑައިމަންޑް ޑީއޭ20 ގެ ސިންގަލް ޕްރޮޕެލާ މަތިންދާބޯޓެއްގަ އެވެ. މިއީ ފައިޒާ-ބައޯންޓެކް ވެކްސިން ކެމްޕެއިން ޔޫރަޕްގައި ފެށުނުކަން އިއުލާން ކުރުމަށް ޕައިލެޓް ކުރި ކަމެކެވެ.
ކްރޭމާ ބުނި ގޮތުގައި އަދިވެސް ވެކްސިން އާ ދެކޮޅު މީހުން ވަރަށް ގިނަ އެވެ. އޭނާ ކުރި މަސައްކަތަކީ ވެކްސިންގެ މުހިންމުކަން މީހުންނަށް ވިސްނައިދިނުމަށް ކުރި ކަމެކެވެ. ތޯތޯ ވާހަކަ އަޑު ނާހާ ކުރިޔަށް ދާން މީހުންނަށް ދިން ހިތްވަރެކެވެ. އަދި މިއީ ވެކްސިން ލިބުމުގެ އުފާވެރިކަން ބަޔާން ކޮށްދޭން ވެސް އޭނާ ކުރި ކަމެކެވެ. ސަބަބަކީ ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ދުނިޔޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް ކަމަށް ވާތީ އެވެ.