ޗެލްސީ

ޑިސެމްބަރުގައި ޗެލްސީގެ ހިތްދަތިކަން ވީއިތުރު

އެސްޓަން ވިލާ އަތުން މޮޅު ނުވެވި، ޑިސެމްބަރުގައި ޗެލްސީގެ ހިތްދަތި ކަމަށް ބޮޅެއް އިތުރު ވެއްޖެ އެވެ.

އަމިއްލަ ދަނޑު، ސްޓެމްފޯޑް ބުރިޖުގައި 1-1 ން އެއްވަރުވެ، ޗެލްސީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅު ވުމުގައި ޗެލްސީއަށް ކާމިޔާބެއް ނުހޯދުނެވެ. ޑިސެމްބަރު ކުރީ ކޮޅު ފުރޭންކް ލަމްޕާޑްގެ ޓީމު ފެންނަން އޮތީ ލީގަށް ވާދަ ކުރުމުގެ ރޭހުގައި ފޭވަރިޓް ޓީމެއް ގޮތުގަ އެވެ. އެހެންނަމަވެސް މި މަހު ފަހުން ކުޅުނު މެޗުތަކުގައި އަޑިއަޅާލައި އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ.

އެ ޓީމުގެ ކުރީގައި އޮތް ފަސް ޓީމުގެ ތެރެއިން ހަތަރު ޓީމާ ދެކޮޅަށް ޗެލްސީ ކުޅެފައި ވީނަމަވެސް، އެ ޓީމު އޮތީ އެ ފަސް ޓީމަށް ވުރެ ދަށުގަ އެވެ. ވިލާ އާއި މެންޗެސްޓާ ޔުނައިޓެޑް، އެވަޓަން އަދި އެންމެ ކުރީގައި ލިވަޕޫލް އާ ދެކޮޅަށް ޗެލްސީ ކުޅުނެވެ. ގަދަ ފަހެއްގައި އޮތް ޓީމުތަކުގެ ތެރެއިން ޗެލްސީ އަދި ކުޅެފައި ނުވަނީ ލެސްޓާ ސިޓީ އާ ދެކޮޅަށެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބެން ޗިލްވެލް ފެނުނީ ރަނގަޅު ފޯމެއްގަ އެވެ. ހަމަލާތަކުގައި އޭނާގެ ދައުރު ފެނުނެވެ. ނަމަވެސް ތަނަވަސް ކުރެވުނު ގިނަ ފުރުސަތުތައް ޗެލްސީގެ ޓީމަށް ބޭނުމެއް ނުކުރެވުނެވެ. ޗެލްސީގެ ލަނޑު އޮލިވާ ޖިރޫ ކާމިޔާބު ކުރީ ޗިލްވެލް ދިން ފުރުސަތަކުންނެވެ.

ދެ ވަނަ ހާފު ފަށައިގެން ޗެލްސީގެ ޓީމަށް ލީޑް ގައި އޮވެވުނީ ފަސް މިނެޓްގަ އެވެ. ވިލާގެ އަންވަރު އެލް ގާޒީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ކްރިސްޓަލް ޕެލަސް އާ ލެސްޓާ ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.