އާސެނަލް

އެރިކްސަން ގެންދަން އާސެނަލް ފާރަލަނީ

އިންޓަ މިލާންގެ މިޑްފީލްޑާ ކްރިސްޓިއަން އެރިކްސަން، ކުރިއަށް އޮތް ޖަނަވަރީ ޓްރާންސްފާގައި އާސެނަލްއަށް ގެނައުމަށް އެ ކުލަބުން މަސައްކަތް ހުއްޓާނުލާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.

އިންޓަ މިލާންއިން ވަނީ، ޑެންމާކުގެ ފޯވަޑް ދޫކޮށްލަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. އާސެނަލްއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ގުރެނިޓް ޒަކާ އިންޓަ އަށް ދިނުމަށް ފަހު އާއި އެރިކްސަން ގެނައުމަށެވެ. ނަމަވެސް އެކަމަށް ޒަކާ އެއްބަހެއް ނުވި އެވެ.

ސްކައި ސްޕޯޓްސްއިން ބުނީ، ޒަކާ އެގޮތަށް ބޭނުން ނުވި ނަމަވެސް، އާސެނަލްއިން އަދިވެސް އެރިކްސަން ގެނައުމުގެ މަސައްކަތް ހުއްޓާ ނުލާ ކަމަށެވެ. އާސެނަލް އިން މަސައްކަތް ކުރަމުން ދަނީ، އެ ޓީމުން ބާކީ ކޮށްފައިވާ މެސްޓް އޮޒިލްގެ މަގާމު ފޫބެއްދުމަށް މިޑްފީލްޑަރެއް ހޯދުމަށެވެ.

އިންޓަގެ ސީއީއޯ ގްސެއްޕޭ މޮރާޓާ ކުރިން ވިދާޅުވެފައި ވަނީ، އެރިކްސަން ބޭނުންނަމަ ކުރިއަށް އޮތް ޖަނަވަރީ ޓްރާންސްފާގައި އޭނާއަށް ކުލަބު ދޫކޮށްލެވި ދާނެ ކަމަށެވެ. މޮރާޓާ ވިދާޅުވީ ޓްރާންސްފާ ޕީރިއަޑްގައި އެރިކްސަންގެ ހާލަތު ގާތުން ބަލާނެ ކަމަށެވެ. އަދި އޭނާ އަށް ހުށަހަޅާ ޓްރާންސްފާތަކާ މެދުވެސް އިންޓައިން ފުންކޮށް ވިސްނާނެ ކަމަށެވެ.

"އެތެރޭ މަރުހަލާގައި [ކޯޗް އެންޓޯނިއޯ] ކޮންޓޭ ވަނީ މިހާރު އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ،" އެރިކްސަންގެ ހަލާތާ ބެހޭގޮތުން ވާހަކަ ދައްކަމުން މޮރާޓާ ވިދާޅުވި އެވެ.

"އަހަރެން އިތުރު ކޮށްލަން ބޭނުންވާ ވާހަކައަކީ ކުޅުންތެރިޔަކު ކުލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ވަންޏާމު އަހަރެމެން އެ ކުޅުންތެރިޔަކަށް މަޖުބޫރެއް ނުކުރާނަން ޓީމުގައި ހުންނާކަށް."

ޑެންމާކްގެ މިޑްފީލްޑާ އިންޓައަށް ބަދަލުވީ، މިއަހަރު ޖަނަވަރީ މަހު ޓޮޓެންހަމް ހޮޓްސްޕާސްއިންނެވެ. ކުލަބަށް ބަދަލުވިތާ އެއް އަހަރު ނުވަނީސް ކުލަބު ދޫކޮށްދިއުމުގެ ހުއްދަ އިންޓައިން އެރިކްސަންއަށް ދީފައި ވަނީ، އެ ކުލަބުގައި ކޯޗް ޕްލޭންގައި އެރިކްސަން ނުހިމެނޭތީ އެވެ. އޭނާއަށް ކުޅެން ލިބެނީ މަދު ފުރުސަތެއްގަ އެވެ.