ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ތަރައްގީއަށް ލިބުނު ފުރުސަތަކީ ލާމަރުކަޒު ކުރެވުން"

Dec 29, 2020

މަރުކަޒީކޮށް ރާއްޖެ ހިންގަމުންދިޔަ ނިޒާމަށް ބަދަލު ގެނެސް ގާނޫނު އަސާސީ އިސްލާހުކޮށް ލާމަރުކަޒީ އުސޫލުން އިދާރީ ދައިރާތައް ހިންގަން ގެނައި އިސްލާހީ ބަލަދަލީ ރާއްޖޭގެ އަތޮޅުތަކަށް ތަރައްގީއަށް ލިބުނު އެންމެ ބޮޑު ފުރުސަތު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑުގެ 58 ވަނަ އަހަރަީ ދުވަހުގެ މުނާސަބަތާ ގުޅުވައި އަޑުގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގުރާމްގައި ބައިވެރިވެ ވަޑައިގެން މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގެ ތެރޭގަ އެވެ. ދިވެހި ރާއްޖޭގެ އަޑު އުފެދުނީ ޑިސެމްބަރު 29، 1962 ގައެވެ.

ރައީސް މިއަދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ދިގު ތާރީހުގައި މަރުކަޒީކޮށް ހިންގަމުންދިޔަ ސިޔާސަތުތަކަށް ބަދަލުގެނެސް ލާމަރުކަޒީ އުސޫލުން ހިންގަން ގާނޫނު އަސާސީ އިސްލާހު ކުރި ކުރުމަކީ މުޅި ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށް ތަރައްގީ ކުރަން ލިބުނު އެންމެ ބޮޑު ކުރިއެރުމާއި ފުރުސަތު ކަމަށެވެ.

ރައީސް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަރުހަލާގައި ލާމަރުކަޒީ ނިޒާމު ގާއިމުކުރުމާ މެދު އެންމެ ފުރަތަމަ ލިބުނު ފުރުސަތުގައި ލިޔުނީ އެންމެ މާއްދާއެއްއް ކަމަށާއި އޭރު އެމްޑީޕީގެ ފަރާތުން 800 އަށްވުރެ ގިނަ އިސްލާހު ހުށަހެޅުމުން ތިން ދުވަސް ވަންދެން މަޖިލީހުގެ ޖަލްސާ ބާއްވާއި އެހުރިހައި އިސްލާހުތަކެއް މަޖިލީހުން ބޭރުކޮށްލި ކަމަށެވެ.

"އެންމެ މާއްދާއެއް ފުރަތަމަ ލިޔެވުނީ. އެމަސައްކަތުގެ ތެރެއިން ވެސް ވަރަށް އުފާވި ދުވަހެއް 18 އަހަރުވާ މީހުންނަށް ވޯޓް ލެވޭ ފުރުސަތު ލިބުން. އެދުވަހުވެސް ކަން ހިނގިގޮތުން ހަނދާން ހުންނާނެ ބޭފުޅުން މިހާރުވެސް ތިއްބަވާނެ" ރައީސް ވިދާޅުވިއެވެ.