މާލޭ ސިޓީ ކައުންސިލް

އަހަރުގެ ފުރަތަމަ ދުވަސް: ހަތަރުގަޑިއިރު ފައިމަގުގައި

ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު ވަކި ވަގުތުތަކެއްގައި ފައި މަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ މި އަހަރަކީ ކޮވިޑް-19ގެ ސަބަބުން މާލޭ ސިޓީގެ ގިނަ ރައްޔިތުން ފުރަ ބަންދުވެ، ދަތުރު ފަތުރު ކުރުން ހުއްޓިފައިވާ ހާލަތުގައި ދުވަސްތައް ހޭދަ ކުރަން ޖެހިފައިވާ އަހަރެއް ކަމުން މިއަދާ ހަމައަށްވެސް އާންމު ހާލަތަށް ނުދެވި ވާތީ މި ހާލަތުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ކައުންސިލުން ބޭނުންވާ ކަމަށެވެ.

އެގޮތުން މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ އުޅޭ ވަގުތަކެއް ވަނީ ހަމަޖައްސާފައެވެ. ޖަނަވަރީ އެކެއްވާ ހުކުރު ދުވަހުގެ ހަވީރު 4:00 ން 8:00 މާލެ އަދި ވިލިމާލޭގެ މަގުތަކުގައި އުޅެވޭނީ ފައިމަގުގައެވެ.

މި ވަގުތުތަކުގައި އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި އެމްބިއުލެންސް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލްގެ އިތުރުން ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންދާ ބަހުގެ ހިދުމަތް ނޫން ގޮތަކަށް އިންޖީނުލީ އުޅަނދު ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އަދި އެދުވަހުގެ އެ ގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތައް އެ އެންގުމުން އިސްތިސްނާވެއެވެ.

ސިޓީ ކައުންސިލުން ބުނީ އެ އުސޫލަށް އަމަލުނުކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.