ވާހަކަ

ކާޝް

(21 ވަނަ ބައި)

މިކާޝް ބަލައިލީ ސީދާ ނަޖުމާގެ މޫނަށެވެ. ނަޖުމާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. އޭނާ އޮޅުލައިގަތީ މިކާޝްގެ ގައިގައެވެ. ރޮމުން ގިސްލަމުންނެވެ. މިކާޝްގެ ހާލަކީ ވެސް އެއީއެވެ. ވާނީ ވެސް އެހެންތާއެވެ. އުފަންވީއްސުރެ އެފަކީރު އެންމެ ދެކެން ބޭނުންވި ދުވަހަކީ އެއީއެވެ. އިންތިޒާރު ކުރެވުނު ކަމަކީ ވެސް އެއީއެވެ. މަންމަ ދެކި ލުމެވެ. މަންމައާ ބައްދަލުވުމެވެ. މަންމަގެ އެ ނިޔަނެތި ފިރުމުންތަކެވެ. އެ ލޯތްބެވެ. މިއަދު އެކަން ހާސިލުވީއެވެ. އެ އުފާ އޭނާއަށް އިހުސާސް ކުރެވުނީއެވެ. މަންޒަރަށް ގެއްލިފައި އައިރީންއާއި ހިމޭޝަށް ވެސް ހުރެވުނީއެވެ.

އައިޝަމް އެސްފިޔަ ޖަހައިލަމުން މޫނުމަތިން ދެތިން ރޫ އަރުވާލި މަންޒަރު ހިމޭޝަށް ފެނުނެވެ. އެހެންވެ އޭނާއަށް ޖެހިލެވުނީ އައިޝަމާ ދިމާ އަށެވެ. އޭނާ މަޑުމަޑުމަޑުން ތިރިވެލިއެވެ. އައިޝަމް ލޯ ހުޅުވާލިއެވެ. ވަރުބަލިކަމާއެކުގައެވެ. ހިމޭޝް ފިރުމައިލީ އައިޝަމްގެ މޫނުގައެވެ. އައިރީން ވެސް އައިޝަމް ގާތަށް ތިރިވެލިއެވެ. އައިޝަމް ރަނގަޅަށް ދެ ލޯ ހުޅުވާލިއެވެ. ހިމޭޝްގެ މޫނު ފެނުމުން އޭނާ ހައިރާންވިއެވެ. ދެ ލޯ ބޮޑުވިއެވެ. އަވަސްއަވަހަށް ތެދުވެ ހިމޭޝްގެ ގައިގައި އޮޅުލައިގަތެވެ.

"މަންމ.." އައިޝަމަށް ބަލައިލެވުނީ އޭނާގެ ކުރިމަތިން ނަޖުމާއާއި މިކާޝް އޮޅުލައިގަނެގެން ރޯން ތިބި މަންޒަރަށެވެ.
"އާ ޔޫ އޯކޭ؟" އައިރީން ހިނިތުންވެލިއެވެ.
"އޯކޭ." އައިޝަމް ލަސްލަހުން ހިނިތުންވެލިއެވެ.

ހިނގައިދިޔަ ކަންތަކުގެ ވާހަކަތައް އައިރީންއާއި ހިމޭޝް ހުލާސާކޮށްލިއެވެ. އައިޝަމް އިނީ ބަސް ހުއްޓިފައި އިންނަ ކަހަލަ ގޮތަކަށެވެ. އޭނާއަށް ބެލުނީ މިކާޝްއާ ދިމާއަށެވެ. ލަދުވެތިކަމާއެކުގައެވެ. ޖެހިލުންވެ އިނދެއެވެ.

"އަހަންނަށް ކަމެއް ކޮށްދީ." އައިޝަމް ބަލައިލީ ހިމޭޝްގެ މޫނަށެވެ.
"ބުނޭ، ހިތުން ރުހުމުން ކޮށްދޭނަން." ހިމޭޝް ހިނިތުންވެލިއެވެ.
"ބީ ވިތު މީ. ކަމް ވިތު މީ." އައިޝަމް ތެދުވިއެވެ.

ހިމޭޝް ވެސް އައިޝަމާއެކު ތެދުވިއެވެ. ހިމޭޝްގެ އަތުގައި އައިޝަމް ހިފިއެވެ. އޭނާ މަޑުމަޑުން، ލަސްލަހުން ފިޔަވަޅުތައް އަޅަމުން ގޮސް ހުއްޓިލީ މިކާޝްއާއި ނަޖުމާގެ ގާތަށެވެ. އައިރީން ހުރީ އެ މަންޒަރު ބަލާށެވެ. މިކާޝް ލަދުން އިސްޖަހައިލިއެވެ. ނަޖުމާ ބަލައިލީ ސީދާ އައިޝަމްގެ މޫނަށެވެ.

"ކޮއްކޯ! ބޭބެއަށް މާފުކުރޭ." އައިޝަމް ލަދުން އިސްޖަހައިލިއެވެ.
"ކޮންކަމަކާ މާފަށް އެދުނީ؟" ނަޖުމާ ސުވާލުގެ ރާގުގައި ބަލައިލީ ސީދާ އައިޝަމްގެ މޫނަށެވެ.
ދޭންވީ ޖަވާބެއް އައިޝަމްގެ ސިކުނޑިއަކަށް ތިލައެއް ނުވިއެވެ. މިކާޝް ފެންކަޅި ވެފައިވާ ހާލު ބަލައިލީ އައިރީނާ ދިމާއަށެވެ. އައިޝަމާއި އޭނާއާ ދެމެދުގައި ކުރިން ހިނގައިފައިވާ ކަންތައްތައް ނަޖުމާއަށް އެނގެން ބޭނުން ނުވާތީއެވެ. އައިރީނަށް އެކަން އިހުސާސްކުރެވުނެވެ. އޭނާ ކުރިއަށް ޖެހިލިއެވެ.
"ކޮއްކޮކަން ނޭނގުނީމަ. ކުރިން އެދެ މީހުން ދިމާވެފަ ހުރި އިރު ވެސް ދޯ ޝަމް." އައިރީން ވެސް އެވާހަކައިގެ ތެރެއަށް ވަނެވެ.
މިކާޝް ގަދަކަމުން ހިނިތުންވުމެއް ތުންފަތުގައި ކުރަހާލިއެވެ. އޭނާ ބަލައިލީ ސީދާ އައިޝަމްގެ މޫނަށެވެ.
"ޕާސްޓް އިސް ޕާސްޓް. ނޯވަން ކޭން ކަރެކްޓް އިޓް." ހިމޭޝް ވެސް ހިތްވަރު ދިނުމުގެ ރާގެއްގައި ބުނެލިއެވެ.
"އަހަރުމެންގެ އާއިލާ ފުރިހަމަ ކުރުމުގައި ހިމޭގެ އެހީތެރިކަން އަހަރެން ބޭނުން،" އައިޝަމް ހިފައިލީ ހިމޭޝްގެ އަތުގައެވެ. "އަހަރެން ވަރަށް އިތުބާރާއެކު، ވަރަށް ޔަގީންކޮށްފަ މި ކަމަށް މި އެދެނީ."

ހިމޭޝްގެ އަތްތިލައިގެ ތެރެއަށް މިކާޝްގެ އަތްތިލަ ލަމުން އައިޝަމް ހިނިތުންވެލިއެވެ. އެ ދެމީހުން އެކަކު އަނެއްކަކަށް ބަލައިލިއެވެ. ހިމޭޝް ވެސް ހައިރާން ކަމާއެކު ބަލަން ހުރީއެވެ. މިކާޝްގެ ބޮލުން ފެށިގެން ފުންނާބާ ހަމައަށް ފިނިފިނި ތުރުތުރެއް ހަށިގަނޑުގައި ދުވެލިއެވެ. އޭނާ ހިތް ބާރުބާރަށް ތެޅިގަތެވެ. ހިމޭޝަށް ވެސް ވީ އެކަހަލަ ގޮތެކެވެ. އޭނާއަށް ފުން ނަޒަރަކުން ބެލުނީ މިކާޝްގެ މޫނަށެވެ. އެ ފުން ދެ ލޮލަށެވެ. ވަށް މޫނަށެވެ.

"ތޭންކްސް." ހިމޭޝް ބަލައިލީ ސީދާ މިކާޝްގެ ލޮލަށެވެ.

އޭނާއަށް މިކާޝްގެ ހިނިތުންވުން މާނަކުރެވުނެވެ. މިކާޝް ކަހަލަ އާދަޔާ ހިލާފު ރީތި ކުއްޖަކު އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ހެދުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. އަނެއްކޮޅުން އެހާ ބޮޑު ކަމަކަށް އެ އެދުނީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. އޭނާގެ ކާމިޔާބީތަކުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާ މިތުރެވެ.

"ތޭންކްސް ދޮންބޭ." މިކާޝް ގެނައި ކުއްލި ހަރަކާތަކާއެކު އައިޝަމްގެ ގައިގައި އޮޅުލައިގަތެވެ.

އައިޝަމަށް ކުރެވުނީ އުނދަގޫ އިހުސާސެކެވެ. އޭނާ ތުރުތުރު އަޅައިގަތެވެ. މީހާ ފިނިވެ ހާސްވާން ފެށިއެވެ. ދާހިއްލާ ގޮތްވިއެވެ. ނަމަވެސް އޭނާ އިހުސާސްތައް ކޮންޓްރޯލްކުރިއެވެ. މޫނުމަތީގައި ހުރި ހާސްކަމުގެ މަތިމަތިން ހިނިތުންވުން ފާޅުކުރިއެވެ. ލަސްހަރަކާތަކާއެކު މަޑުމަޑުން މިކާޝްގެ ބޮލުގައި ފިރުމާލަމުން ގަޔާ ދުރުކޮށްލިއެވެ. އަދި ހިމޭޝްގެ މޭގައި މިކާޝް ލައްކޮށްލަދިނެވެ.

"ވަރަށް ގުޅޭ، އެކަކަށް ޓަކައި އަނެއްކަކު އުފަންވި ފަދަ." އައިޝަމް ބޮޑު ހިނިތުންވުމެއް މޫނުމަތިން ފާޅުކޮށްލިއެވެ.

މިކާޝް ލަދުވެތި ކަމާއެކު ނަމަވެސް ހިމޭޝްގެ މޭގައި ލައްވެލިއެވެ. ހިމޭޝްގެ ބުރަކަށިން ވަށައިގެން އޭނާގެ ދެ އަތުން ހިފައިލިއެވެ. ހިމޭޝް ވެސް ލަދުން ހުރެ މިކާޝްގެ ބުރަކަށީގައި މަޑުމަޑުން އަތް ޖައްސާލިއެވެ. ގަޔާ ކައިރިކޮށްލަމުން ދެ ލޯ މަރައިލިއެވެ. އޭނާއަށް ބަލައިލެވުނީ ނަޖުމާއާ ދިމާއަށެވެ.

"މަންމަ ހަމަ ރުހި ގަބޫލު. މަންމަ މިއަދު ވަރަށް ވަރަށް އުފާވެއްޖެ. މަންމަގެ އުއްމީދުތައް ހާސިލުވެއްޖެ. މަންމައަށް ހުރިހާ އުފަލެއް ލިބިއްޖެ." ނަޖުމާގެ ދެފަރާތަށް އޭނާގެ ދެ ކުދިން ގެނައެވެ.

އެއްފަރާތުގައި ތިބީ ހިމޭޝްއާއި މިކާޝްއެވެ. އަނެއް ފަރާތުގައި ހުރީ އައިޝަމްއެވެ. ނަޖުމާ ބަލައިލީ އައިރީންއާ ދިމާއަށެވެ. ނަޖުމާގެ ހަރަކާތްތަކުގެ މާނަ އައިރީންނަށް ދެނެގަނެވުނެވެ. އެހެންވެ އޭނާ މަޑުމަޑުން ހިނގައިގަތެވެ. އޭނާ ގޮސް އައިޝަމްގެ މޭގައި ބޮނޑިވެލިއެވެ. ހީވީ ފިލްމީ މަންޒަރެއް ހެންނެވެ. ފިލްމީ ތަސްވީރެއް ހެންނެވެ.

"ހުރިހާ ކުދިން އެކުގައި ގޮންޖެހުންތަކާ ކުރިމަތިލަމާ! ބައްޕަ ސަލާމަތްކުރަން ތެދުވަމާ! ދުޝްމަނުންގެ ކިބައިން ސަލާމަތްވަމާ." ނަޖުމާ ލަސްލަހުން ބުނެލިއެވެ.

އެމީހުން އެތައް އިރެއް ވަންދެން ވާހަކަދެއްކިއެވެ. ކަންކުރާންވީ ގޮތާމެދު ހިޔާލު ބަދަލުކުރިއެވެ. މަޝްވަރާކުރިއެވެ. މާޒީގެ ވާހަކަތަކާއި ކުރެވުނު ތަޖުރިބާތައް ވެސް ނަޖުމާ ހިއްސާކުރިއެވެ. މިކާޝް ވިހޭއިރޭ އޭނާއަށް ދިމާވި ގޮތް ކިޔައިދިނެވެ. އިއުރާޒްއާއި ނަޖުމާ ދަތުރުކުރަމުން ދިޔަ އުޅަނދަށް ދުޝްމަނުންގެ ބާރުގެ ދަށަށް ގެނައި ގޮތެވެ. ނަޖުމާއާއި އިރުރާޒު ވަކިކޮށްލި ގޮތެވެ. ލެއިން ކަޅިވެފައިވާ އިއުރާޒުގެ މޫނުގެ ތަސްވީރު ނަޖުމާގެ ސިކުނޑީގައި ކުރަހައިގެން އިނދެ އެ ހުރިހާ ހާދިސާތަކެއް ކިޔައިދިނެވެ. އެ ދުވަހަށްފަހު އިއުރާޒު ގެއްލުނު ވާހަކައެވެ. އޭނާ ދުޝްމަނުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަހައްޓާ ސަބަބުތަކެވެ. އަދި މިކާޝް ވިހެމުގެ ހުރިހާ ކަމެއް ނިމުމާއެކު ދަރިފުޅު ގޮވައިގެން އެމީހުން ފިލަން މަސައްކަތްކުރި ގޮތް ވެސް ކިޔައިދިނެވެ. އިއުރާޒުގެ އާއިލާއިން ކުރި މަސައްކަތާއި ހިނގި ހަނގުރާމައިގެ ތެރޭގައި އާއިލާގެ ދެ މެންބަރަކު މަރުވެގެން ދިޔަ ހާދިސާގެ ވާހަކަތައް ކުރުކޮށް ކިޔައިދިނެވެ. އެންމެ ފަހުން ނަޖުމާ ސަލާމަތްވީ އިއުރާޒުގެ މަންމަގެ ހިތްމަތާއި މިންނަތް މަސައްކަތުން ކަން ވެސް އެ ކުދިންނަށް ބުނެދިނެވެ.

"މިހެން ކުރުކޮށް ކިޔައިދިނަސް މިއީ ވަރަށް ދިގު ވަރަށް ބޮޑު ވާހަކަތަކެއް. ދަރިފުޅުމެންނަށް ހީވެދާނެ މިއީ ވަރަށް އާދައިގެ ކަމެކޭ. އެކަމަކު މި މަންމައަށް ފެނުނު މަންޒަރުތަކާއި ކުރެވުނު ތަޖުރިބާތަކަށް ބަލައިފަ މި ބުނަނީ މިއީ ވަރަށް ނުރައްކާ ކަމެއް. ބިރުވެރި ކަމެއް،" ނަޖުމާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "މަންމަ ބޭނުމެއް ނޫން އެއް ކުއްޖަކު ވެސް ގެއްލޭކަށް. މަންމައާ ވަކިވާކަށް. އާއިލާއަށް ދެރައެއް ލިބޭކަށް. އެއް ކުއްޖަކަށް ވެސް ދެރައެއް ލިބޭކަށް."
"މަންމަ ހާސް ނުވޭ. ދޮންބެއާއި އަހަންނަށް އެމީހުންނާ ކުރިމަތިލުމުގެ ބާރު ލިބިފަވޭ. އަހަންނަށް ބައްޕަވީ ތަން އެނގޭ. ކަންކުރަންވީ ގޮތް ވެސް އެނގޭ. ދެން ދޮންތައާއި ހިމޭއަކީ ވެސް މިކަމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ ދެ މީހުން. ދޮންތަގެ އަނގޮޓިއަކީ ވެސް މުހިއްމު އެއްޗެއް. ހިމޭއަށް ދޮންބެ ފަރާތުން ލިބުނު ބާރުތަކެއް އެކުވީމަ މިހާރު އަހަރުމެންނަށް މިކަން ކާމިޔާބުވާނެ. މަންމަ ހާސް ނުވޭ. ކަންބޮޑު ނުވޭ." މިކާޝް އަޒުމާއެކު ބުނެލިއެވެ.

ނަޖުމާ ބަލައިލީ ސީދާ އައިޝަމްގެ މޫނަށެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އާދަޔާ ހިލާފު ޖޯޝެކެވެ. ތަފާތު ކުލަވަރެކެވެ.

"އަހަރުމެން މިކަން ނިންމާނީ މަންމައަށް ގެއްލިފައިވާ އުފާވެރިކަން ހޯދައިދީފަ. މަންމަ ހާސް ނުވޭ. ކަންބޮޑު ނުވޭ. މިރޭ އަހަރުމެން މަސައްކަތް ފަށާނަން، އިރާދަކުރެއްވިއްޔާ މާދަމާ އިރު އަރާނީ އުފާވެރި ކަމާއެކު." އައިޝަމް ވެސް ހިތްވަރާއެކު ބުނެލިއެވެ.

ދަންވަރުގެ ވަގުތެވެ. މުޅި ތަނަށް ވެރިވެފައިވަނީ އާދަޔާ ހިލާފު ހިމޭންކަމެކެވެ. ހީވަނީ މަރު ނިންޖަކުން މުޅި ދުނިޔެ ނިދާފައިވާހެންނެވެ. އައިޝަމްއާއި މިކާޝްއާއި އައިރީނާއި ހިމޭޝް ތައްޔާރުވަމުން ދިޔައީ އެމީހުން ކުރިމަތީގައިވާ ހަނގުރާމަ އަށެވެ. ހަތަރު މީހުން ވެސް ތިބީ ހަނގުރާމައަށް ތައްޔާރުވެ ހެދުން އަޅާ ހަތިޔާރު އަޅައިގެންނެވެ. ހަތަރު މީހުން ވެސް ފެންނަނީ ވަރަށް ތަފާތުކޮށެވެ. ހީވަނީ އިނގިރޭސި ފިލްމުތަކުގައި އުޅޭ ފަދަ ބަޠަލުންތަކެއް ހެންނެވެ. ޓެރަސްމަތީގައި އޮތް އުޅަނދަށް އަރާ ހަތަރު މީހުން ވެސް ހަމަޖެހިލިއެވެ. އެކަކު އަނެއްކަކަށް ބަލައިލަމުން އަޒުމު އާކޮށްލިއެވެ.

އެ މަންޒަރު ބަލަން ދުރުގައި ނަޖުމާ ހުއްޓެވެ. އޭނާގެ ހިތުގެ ވިންދު ބޭރަށް ވެސް އިވެމުން ދިޔަ ކަހަލައެވެ. ނަޖުމާގެ ދެއަތް ދެއަތާ ޖޯޑުކޮށްލިއެވެ. ހާސްވެ ކަންބޮޑުވެފައި ހުރެގެންނެވެ. އޭނާ މޭމަތީގައި ވައަތް ބާއްވާލިއެވެ. ހިތުގެ ތެޅުން އޭނާއަށް އިހުސާސް ކުރެވޭ ގޮތަށެވެ. އައިޝަމްމެން އުޅަނދަށް އަރާ ހަމަ ޖެހިލަމުން ނަޖުމާއަށް ބަލައިލިއެވެ. ނަޖުމާ ވަދާއަށް އަތް ނެގިއެވެ. އެކުދިން ވެސް އެހަރަކާތް ތަކުރާރުކޮށްލިއެވެ. ނަޖުމާ ލޮލުން ނީރާލި ކަރުނަތައް ފޮރުވަމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

"ބައްޕަ އެބަހުރި އަހަރުމެންނަށް ޓަކައި ވަރަށް ކަންކަން ކޮށްދީފަ." އައިޝަމް ހިނިތުންވެލިއެވެ.
"އާނ، މި ރީތި އުޅަނދާ މި ކަމަށް ބޭނުންވާނެ ހަތިޔާރު ވެސް ދުރާލާ ރައްކާކޮށްފަ މި ހުރީ އެހެންވީމައެއްނު." މިކާޝް ހިފައިލީ ހިމޭޝްގެ އަތުގައެވެ.
"އިރާދަކުރެއްވިއްޔާ ބައްޕަގެ ހުވަފެން ހަގީގަތަކަށް ވާނެ. ބައްޕަ ސަލާމަތްކުރެވޭނެ. މަންމަގެ މޫނަށް އުފާވެރިކަން ގެނެވޭނެ." ހިމޭޝް ހިތްވަރާއެކު ބުނެލިއެވެ.

ހަތަރު މީހުން ވެސް ބެލްޓު އަޅައިލަމުން ހަމަޖެހިލިއެވެ. އުޅަނދު ދުއްވަން އިނީ މިކާޝްއެވެ. ހިނދުކޮޅެއްގެ ތެރޭގައި އުޅަނދުން ނޫކުލައިގެ އަލިކަމެއް ނުކުމެ މައްޗަށް އަރަން ފެށިއެވެ. އެ ރީތި ކުޑަކުޑަ އުޅަނދު މައްޗަށް އެރިއެވެ. ބާރު ސްޕީޑުގައި ދުއްވާލިއެވެ. ހީވަނީ ވައިރޯޅިއެއް ދިޔަހެންނެވެ. އިރުކޮޅެއް ނުވަނީ އުޅަނދު ލޮލުކޮޅަށް އޮބާލިއެވެ. އެ މަންޒަރު ސިއްރުސިއްރުން ބަލަން ނަޖުމާ ހުއްޓެވެ.
އުޅަނދުގައި ތިބި އެންމެން ތިބީ ހިމޭންވެފައެވެ. ވިއްސަކަށް މިނެޓު ފާއިތުވެ ދިޔައެވެ. އުޅަނދު ތިރިކޮށްލިއެވެ. މުޅީން ތަފާތު މާހައުލެކެވެ. ތަފާތު ތަނެކެވެ. އައިޝަމްގެ މޫނަށް މިކާޝް ބަލައިލިއެވެ.

"ދޮންބެ މިތަނަށް ފައިބާ. އަހަންނާ ދޮންތަ ފައިބާނަން އަނެއް ކޮޅަށް. އަހަރުމެން ހަމަލާދޭނީ އެކޮޅުން. ހިމޭޝް އުޅަނދު ދުއްވާ ވާނުވާ ބަލަން މަޑުކުރާނީ." މިކާޝް އިޝާރާތްކޮށްލީ އައިޝަމް އަށެވެ.

އައިޝަމް އުޅަނދު ފޭބުމުގެ ކުރީން އައިރީންގެ މޫނުގައި އޭނާގެ މޫނު ޖައްސާލިއެވެ. އައިރީން ހިނިތުންވެލިއެވެ. އޭނާގެ ދެލޮލަށް ޖަމާވި ކަރުނަތައް ފޮރުވަން މަސައްކަތްކުރިއެވެ.

"އަވަހަށްދޭ. ހަމަޖެހޭތި، އިނގޭ،" އައިރީން ވައި އަޑުން ބުނެލިއެވެ. "ލަވް ޔޫ. ސްޓޭ ސޭފް."
އައިޝަމް އުޅަނދު ފައިބެ ވަށައިގެންވާ މާހައުލަށް ބަލައިލިއެވެ. ކުރިމަތީގައިވަނީ ބޮޑު ހަވޭއްޔެއް ކަހަލަ ތަނެކެވެ. އޭނާއަށް ހުރެވުނީ އެތަނުގެ އެއް ފަރާތުގައެވެ. އައިޝަމް އެތަނަށް ފޭބުމާއެކު އުޅަނދު މައްޗަށް އެރިއެވެ. އޭގެ މިސްރާބު ހުރީ އެ ހަވޭލީގެ އަނެއް ފަރާތަށެވެ.
(ނުނިމޭ)