ލައިފްސްޓައިލް

ދަރިފުޅުގެ ހާޓްބީޓް އިވޭ ޓެޑީ ބެއާއެއް!

ދުނިޔޭގައި ތިބެ ދަރިއަކު މަރުވެގެން ދާތަން ބެލުމަކީ މައިންބަފައިންނަށް އެއްގޮތަކަށް ވެސް ތަހައްމަލު ކުރެވޭނެ ވޭނެއް ނޫނެވެ. އެފަދަ ކަމެއް ދިމާވާކަށް އެމީހުން ދުވަހަކުވެސް ނޭދޭނެ އެވެ. އަދި މިފަދާ ހާދިސާއެއް މެދުވެރިވެއްޖެ އާއިލާއަކަށް މުޅި އުމުރަށް އެ ހިތާމައިގައި އުޅެން ޖެހެ އެވެ. ނަމަވެސް ދަރިފުޅަކު އެމީހުންނާ ވަކިވެގެން ދިއުމުން ކުރަމުންދާ ހިތާމައަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭ ކަހަލަ ޕޮޒިޓިވް ކަމެއް ދިމާވުމަކީ އާއިލާއަށް ލިބޭނެ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކަށް ވާނެ އެވެ.

މިއީ އެފަދަ އާއިލާއެއްގެ ވާހަކަ އެވެ. ޖޯން ރީޑްގެ 16 އަހަރުގެ ފިރިހެން ދަރިފުޅު މިދިޔަ އަހަރު ކާރު އެކްސިޑެންޓެއްގައި މަރުވުމުން އޭނާގެ ގުނަވަންތައް އިންސާނިއްޔަތަށް ހަދިޔާ ކުރި އެވެ.

އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވީއިރު ވެސް އެ ގުނަވަންތައް ޓްރާންސްޕްލާންޓްކުރި މީހުންގެ އެއްވެސް ޚަބަރެއް ނުވެ ހުރެފައި ކުއްލިއަކަށް މިދިޔަ ހަފުތާގައި ޖޯންއަށް ޕޯސްޓުން ވަރަށް ބޮޑު ފޮށިގަނޑެއް ލިބުނެވެ. އެއީ އޭނާގެ ދަރިފުޅުގެ ހިތް އެމީހެއްގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓްކުރި ރޮބާޓް އޯ ކޮނާ ފޮނުވި ހަދިޔާ އެކެވެ.

ޖޯން އެ ފޮށިގަނޑު ކަނޑާ މަންޒަރު އޭނާގެ އަންހެނުން ސްޓެފަނީ ރީޑް ވީޑިއޯކޮށް ފޭސްބުކްގައި ޝެއާ ކޮށްފައި ވެއެވެ. އެ ފޮށިގަނޑުގައި އޮތީ ޓެޑީ ބެއާ އެކެވެ. އަދި އެއާއެކު ރޮބާޓް ލިޔެފައިވާ ނޯޓެއް ވެސް އެވެ. އެހެންވެ ޖޯން ފުރަތަމަ ބޭނުންވީ ރޮބާޓްގެ ނޯޓް ކިޔާލާށެވެ.

"އަހަރެން ހިތް ޓްރާންސްޕްލާންޓް ކުރިތާ އެއް އަހަރު ފަހުން ހަދަން ޖެހޭ ޗެކްއަޕެއް ހަދަން ދާދި ފަހުން ޑޮކްޓަރަށް ދިޔައިން. އެތަނުގައި ތިބި އީކޯކާޑިއޮގްރާމް ޓީމާއެކު އަހަރެމެން ހިތް ހިނގާ އަޑުގެ ރެކޯޑިން އެއް ހެދޭނެ އިންތިޒާމް ހަމަޖައްސައި ހިތް ހިނގާ އަޑު ރެކޯޑް ކުރިން،" ރޮބާޓްގެ ނޯޓުގައި ވެއެވެ.

ޖޯން ދަރިފުޅުގެ ހާޓް ބީޓް އަޑުއަހަނީ

ރޮބާޓް ފޮނުވި ޓެޑީ ބެއާގައި އޭނާ ވަނީ އެ ރެކޯޑިން ހަރުކޮށްފަ އެވެ. އޭގައިވާ ބަޓްން އަކަށް ފިތާ ލުމުން ހާޓްބީޓް އިވޭ ގޮތަށެވެ.
ރޮބާޓް ޓެޑީ ބެއާ ނަގައި އޭނާގެ ކަންފަތުގައި ޖައްސާލި އެވެ. އަދި ލޯ މަރާލައިގެން އިނދެ ދަރިފުޅުގެ ހިތް ހިނގާ އަޑު އަހާފައި އުފަލުން ރުޔެވެ.

މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުޅޭ މި ވީޑިއޯ މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަމީހުން ބަލައި އެތައް ހާސް ބަޔަކު ކޮމެންޓު ކޮށްފި އެވެ. ކޮމެންޓުކުރި އެކަކު ބުނީ ރޮބާޓް ކުރި މި ކަންތަކަކީ ވަރަށް ރަނގަޅަށް އޭނާ ކުރި ކަމެއް ކަމަށެވެ.

އެހެން މީހަކު ބުނީ އަޖައިބެއް ފަދަ މި ހާދިޔާ އޭނާ ހަމަ ރަނގަޅަށް ވެސް ރޮއްވާލައިފި ކަމަށެވެ. މިއީ ގުނަވަންތައް ހަދިޔާކުރި އާއިލާއަށް އެ ގުނަވަން ލިބުނު މީހެއްގެ ފަރާތުން ދެވޭނެ އެންމެ ރަނގަޅު އެއް ހަދިޔާ ކަމަށް ވެސް އެމީހާ ބުނެފައި ވެއެވެ.