ބާސެލޯނާ

ލީގަށް ވާދަ ކުރުމުގައި ބާސާއަށް އުނދަގޫ ވެއްޖެ

ލަލީގާ ހޯދުމުގެ ރޭހަށް ވަނުމުގައި އެފްސީ ބާސެލޯނާއަށް އުނދަގޫ ކުރިމަތި ވެއްޖެ ކަމަށް އެ ޓީމުގެ ކޯޗް ރޮނަލްޑް ކޫމަން ބުނެފި އެވެ.

ރޭ، އެއިބާ އާ ދެކޮޅަށް ކުޅުނު މެޗުން ބާސާ އެއްވަރުވީ 1-1 ންނެވެ. ކެޕްޓަން ލިއޮނެލް މެސީ ނުލައި ކުޅުނު މެޗުގައި ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ. އޭގެ 10 މިނެޓް ކުރިން ކިކޭ ގާސިއާ އެއިބާއަށް ލީޑް ނަގައި ދިނެވެ. ރޭގެ ޕޮއިންޓަކީ ކޭމްޕްނޯގައި ބާސާ އާ ދެކޮޅަށް އެއިބާ ހޯދި ފުރަތަމަ ޕޮއިންޓެވެ.

ބާސާ އޮތީ ތާވަލުގެ ހަ ވަނައިގަ އެވެ. މެޗަށް ފަހު ކޫމަން ބުނީ ހަގީގަތަށް ވާހަކަ ދައްކާނަމަ، ލަލީގާ ހޯދުން ބާސާ އަށް މިހާރު ވެފައިވަނީ އުނދަގޫ ކަމަކަށް ކަމަށެވެ. އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ބާސާ އާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބަހުއްޓެވެ. އެތުލެޓިކޯ ވަނީ ބާސާއަށް ވުރެ މަދުން ކުޅެފަ އެވެ.

"އެއްވެސް ކަމަކީ ނުކުރެވޭނެ ކަމެއް ނޫން ނަމަވެސް އަހަރެމެން ދެނެގަންނަން ޖެހޭނެ މިހާރު އަހަރެމެން ތިބި ދުރުމިން [ފަރަގު]،" ކޫމަން ބުންޏެވެ. "އަހަންނަށް އެތުލެޓިކޯ ފެންނަނީ ވަރަށް ރަނގަޅަށް. އެ ޓީމު ވަރަށް ވަރުގަދަ. ބައިކޮޅަށް ގިނަ ގޯލްތަކެއް ނުވަދޭ."

މެޗުން ބާސާ އަށް މޮޅު ނުވެވުނީ މެސީ އާއި ޖެރާޑް ޕީކޭ މެން ފަދަ ތަޖުރިބާކާރު ކުޅުންތެރިން ނެތިގެންތޯ ސުވާލު ކުރުމުން ކޫމަން ބުނީ ތަޖުރިބާކާރު ކުޅުންތެރިން ނެތިގެން މޮޅު ނުވެވުނީ ކަމަށް ބުނެވެން ނެތް ކަމަށެވެ.

"ޓީމު މިދަނީ ޓްރާންސިޝަނަލް ޕީރިއަޑެއްގައި، ތަޖުރިބާކާރު ކުޅުންތެރިން ނެތިގެންނޭ ބުނާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެމެންގެ ޓީމުގައި އިންޖަރީ ވެސް އެބަ އުޅޭ."