މެންޗެސްޓާ ޔުނައިޓެޑް

ލީގަށް ވާދަ ކުރުމުގެ ވިސްނުން ޔުނައިޓެޑަށް

ޕްރިމިއާ ލީގަށް ވާދަ ކުރެވޭނެ ބުނަން އަދި އަވަސް ކަމަށާއި ނަމަވެސް، ކުޅުންތެރިންގެ ވިސްނުމުގައި އެކަން އެބަހުރި ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނެފި އެވެ.

ވޯލްވާ ހަމެޓަން ވޮންޑާސް އަތުން މޮޅުވެ، ޔުނައިޓެޑް ވަނީ ތާވަލުގެ ދެ ވަނައަށް ޖެހިލާފަ އެވެ. ޔުނައިޓެޑްގެ ލަނޑު މެޗުގެ ފަހު ކޮޅުގައި ކާމިޔާބު ކުރީ މާކޯސް ރަޝްފާޑް އެވެ.

ޔުނައިޓެޑަކީ، މިހާރު ލީގަށް ވާދަ ކުރެވޭނެ ޓީމެކޭ ބުނެވިދާނެތޯ އެހުމުން ސޮލްޝާޔާ ބުނީ އެކަން ކަނޑައަޅަން އަދި އަވަސް ކަމަށެވެ. އޭނާ ބުނީ ލީގްގައި ޓީމު 30 މެޗު ކުޅޭެވޭ ފަހުން އޮންނަ ހިސާބަކުން އެކަމާ މެދު އެއްޗެއް ބުނެވިދާނެ ކަމަށެވެ. ފަނަރަ މެޗުން ޔުނައިޓެޑަށް ލިބުނީ 30 ޕޮއިންޓެވެ. އެ ޓީމު އޮތީ ވާދަވެރި ލިވަޕޫލާ ދެމެދު ދެ ޕޮއިންޓެގެ ފަރަގެއް ގައެވެ.

"ފަނަރަ މެޗަށް ފަހު ލީގަށް ވާދަ ކުރާ ވާހަކައެއް ނުދެއްކޭނެ، ތެދެއް ފުރަތަމަ 10 މެޗުން ވެސް ލީގަށް ވާދަ ކުރުމުގެ ފުރުސަތު ގެއްލިދާނެ، ނަމަވެސް ފުރަތަމަ 15 މެޗުން ލީގަށް ވާދަ ކުރެވޭނޭ ބުނާކަށް ނޭންގޭނެ،" ސޮލްޝާޔާ ވާހަކަ ދެއްކި އެވެ. "30 މެޗަށް ފަހު ދެން ފަހަރެއްގައި އަހަރެމެންނަށް އެ ވާހަކަ ދެއްކި ދާނެ. ނަމަވެސް ކުޅުންތެރިންގެ މެދުގައި [ޔުނައިޓެޑަށް ލީގަށް ވާދަ ކުރެވޭނެ ކަމުގެ] އެ ގަބޫލު ކުރުން އެބަހުރި. ކުޅުންތެރިންނަށް އެނގޭ ޔުނައިޓެޑް މިގޮތަށް ކުޅެފިއްޔާ ކޮންމެ ޓީމެއްވެސް ބަލި ކުރެވިދާނެ ކަން."

ލީގްގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވެ، އާސެނަލްވެސް ވަނީ ރަނގަޅު ފޯމަކަށް އެނބުރި އައިސްފަ އެވެ. ރޭ ބްރައިޓޮން ހޯވްއެލްބއޯން އާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް ކާމިޔާބު ކުރީ 1-0 ންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ އެލެގްޒެންޑާ ލަކެޒެޓް އެވެ.