ހަބަރު

އަންނަ އަހަރު ސުޕާރީއާއެކު ޕްލާސްޓިކުގެ އަށް ބާވަތެއް މަނާކޮށްފި

އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާއިރު، އަންނަ އަހަރުން ފެށިގެން މަނާ ކުރާ 12 ބާވަތެއް އާއްމު ކޮށްފި އެވެ.

މިދިއަ ޖުލައި މަހުގެ ތެރޭގައި އެ ގާނޫނު މަޖިލީހުން އެންމެ ފުރަތަމަ އިސްލާހު ކޮށްފައި ވަނީ، އަންނަ ޖެނުއަރީ މަހުން ފެށިގެން، އެފަދަ ޕްލާސްޓިކް ރާއްޖެ އެތެރެ ކުރުން މަނާ ކުރާ ގޮތަށެވެ.

ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށާއި ވިޔަފާރިތަކަށް އަސަރު ކޮށްފައިވާއިރު އަންނަ އަހަރު ޕްލާސްޓިކްގެ ގިނަ ބާވަތްތައް އެއްފަހަރާ އެތެރެ ކުރުން މަނާ ކުރުމުގެ ބަދަލުގައި، އެކި މަރުހަލާތަކަށް ބަހާލައިގެން އެކި މުއްދަތުތަކުގައި ސިންގަލް-ޔޫސް ޕްލާސްޓިކް މަނާ ކުރުމުގެ ފުރުސަތު ދިނުމަށް، މަޖިލީހުން ވަނީ މިމަހު އިތުރު އިސްލާހެއް ގެންނަން ފާސްކޮށްފައި އެވެ.

މިމަހުގެ 22 ވަނަ ދުވަހު ތަސްދީގު ކުރެވުނު އިސްލާހުގައިވާ ގޮތުން، ސިންގަލް-ޔޫޒް ޕްލާސްޓިކުގެ ލިސްޓައަކާއެކު، އެކި މަރުހަލާ ތަކަކަށް ބަހާލައިގެން، އެތަކެތި އެތެރެކުރުން މަނާކުރުމުގެ އިހުތިޔާރު ރައީސަށް ލިބިވަޑައިގަންނަވާނެ އެވެ. އަދި، އެތަކެތީގެ، ލިސްޓެއް ތައްޔާރުކޮށް އޭގައި ހިމެނޭ ތަކެތި ބޭނުންކުރުން މަނާ ކުރާނެ ތާރީހާ އެކު އަންނަ އަހަރުގެ ކުރިން ގެޒެޓުގައި ޝާއިއު ކުރަން ވެސް ބަޔާން ކޮށްފައިވެ އެވެ.

ރައީސްގެ ގަރާރަކުން ރާއްޖެއަށް އެތެރެކުރުން މަނާވާ، އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކުގެ 12 ބާވަތެއް ވަނީ ހިމަނާފަ އެވެ.

މިއަދު ގެޒެޓުކުރި ލިސްޓުގައިވާ ގޮތުން އަންނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެތެރެކުރުން މަނާކޮށްފައިވާ ޕްލާސްޓިކް ބާވަތްތަކުގެ ތެރޭގައި ޕްލާސްޓިކް ހޮޅި އާއި، ތައްޓާއި އަދި ސަމުސާ ފަދަ ތަކެތީގެ އިތުރުން ކާބޯތަކެތި ބަންދު ކުރަން ބޭނުންކުރާ ސްޓައިރަފޯމް ފޮށި ހިމެނެ އެވެ.

ޖޫން 2021 އިން ފެށިގެން މަނާވާ ޕްލާސްޓިކް

  • ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
  • ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)

އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން މަނާކުރެވޭ ބާވަތްތަކުގެ ތެރޭގައި ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅުގެ އިތުރުން ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރާއި، ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ އެވެ.

އެ ލިސްޓަށް ބަލާއިރު، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭ ޕްލާސްޓިކްގެ ބާވަތްތައް ވެސް ހިމަނައިފަ އެވެ.

މިގޮތުން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅުގެ އިތުރުން، 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި ހިމެނެ އެވެ.

ގެޒެޓުން ގަރާރު ނަގައިފި
ސިންގަލް ޔޫސް ޕްލާސްޓިކް ތެރެއިން އަންނަ އަހަރުން ފެށިގެން، 12 ބާވަތެއް މަނާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި ނެރުއްވި ރިޔާސީ ގަރާރު، މިއަދު ހެނދުނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމަށް ފަހު، ވަނީ ނަގައިފަ އެވެ. އެހެން ނަމަވެސް، އެ ގަރާރު ގެޒެޓުގައި ޝާއިއުކުރި ކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ދެކޮޅު ހައްދަވަ އެވެ. އަދި އަވަސްގައި މި ހަބަރު ޝާއިއު ކޮށްފައި ވަނީ ވަރަށް "ޕްރިމެޗުއާ" ކޮށް ކަމަށް ވެސް ތަރުޖަމާނު މިއަދު ވިދާޅުވި އެވެ. ނަމަވެސް، އަވަސްގެ ނިއުސްރޫމުން ވަނީ އެ ގަރާރު ގެޒެޓުން ނެގުމުގެ ކުރިން ޑައުންލޯޑުކޮށް އަވަސްގެ އާކައިވްގައި ރައްކާކޮށްފަ އެވެ.

މީގެ އިތުރުން، 2023 ވަނަ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެއަށް އިމްޕޯޓުކުރާ އެއް ލީޓަރާއި އެއަށް ވުރެ ކުދި ޕެޓު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ވެސް އެތެރެކުރުން މަނާވާނެ އެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި އަދި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" އެއް އެކުލަވާލާފައެވެ. މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގެ "ޖަޒީރާ ދިރިއުޅުން" ބައިގެ "ކުންޏަކީ ވަސީލަތަކަށް ހެދުން" މި ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައް ވަނީ ކަނޑައަޅާފައެވެ.